ބެލަރުސްގެ ބޯޑަރ ހުރަސްކޮށް ޕޮލެންޑަން އެތެރެވާން މަސައްކަތް ކުރި 100އަށް ވުރެ ގިނަ ރެފިއުޖީންނަށް ޕޮލެންޑަށް ނުވަދެވޭ ގޮތަށް ބެލަރުސްގެ ބޯޑަރު ކައިރި ޕޮލެންޑްގެ ސިިފައިން ހަތިޔާރާ އެކު ބޯޑަރު ކައިރި ފޯރިމަރަން ފަށައިފިއެވެ.
ޕޮލެންޑްގެ އޮފިޝަލުން ބުނާ ގޮތުގައި އެގައުމަށް އެތެރެވުމަށް މިހާރު ވެސް ހާހަކަށް ވުރެ ގިނަ ރެފިއުޖީން ވަނީ މިސްރާބު ޖަހައިފައެވެ. އެހެންކަމުން ހިނގައިދާނެ ހަމަނުޖެހުމަކަށް ޓަކައި އިތުރު ސިފައިންނާއި ބޯޑަރ ސެކިއުރިޓީން މިހާރު ވަނީ ބެލަރުސްގެ ބޯޑަރު ސަރަހައްދަށް ފޮނުވައިފައެވެ.
މަޝްރަހު ގޯސްވެފައިވާ މެދުއިރުމަތީގެ ރެފިއުޖީން ބެލަރުސް ހުރަސްކޮށް ޕޮލެންޑާއި ލިތުއޭނިއާއި ލެތުވިއާއަށް ވަނުމުގެ މަސައްކަތް ކުރާކަމުގެ ތުހުމަތުތައް މީގެ ކުރިން ޔޫރަޕިއަން ޔޫނިއަނުން ވެސް ވަނީ ކޮށްފައެވެ. އެހެން ނަމަވެސް ބެލަރުސްގެ ރައީސް ލުކަޝެންކޯ ވަނީ މިތުހުމަތުތައް ދޮގު ކުރައްވައިފައެވެ.
ޝޯޝަލް މީޑިޔާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ބެލަރުސްއާއި ޕޮލެންޑް ގުޅޭ ބޯޑަރު ހަލާކު ކުރުމަށް ރެފިއުޖީންދަނީ ކުދި ވަޅި ފަދަ އެއްޗެހި ބޭނުންކުރަމުންނެވެ.
ޕޮލެންޑްގެ ކަމާ ބެހޭ ފަރާތްތަކުން އާއްމުކޮށްފައިވާ ވީޑިއޯއެއްގައި ބެލަރުސްއާއި ޕޮލެންޑް ގުޅޭ ބޯޑަރު ހަލާކު ކޮށްލުމަށް ރެފިއުޖީން މަސައްކަތް ކުރާއިރު އޮފިޝަލުން ރެފިއުޖީންނަށް ޕޮލެންޑަން ނުވަދެވޭ ގޮތަށް ބާރުގެ ބޭނުން ކުރަމުންދާ މަންޒަރު ފެނެއެވެ.