ޚަބަރު

ސަމާލުވޭ! ވައިގަދަވެ ކަނޑުތައް ގަދަވާނެތީ އަނެއްކާ ވެސް އެލާޓް ނެރެފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ހއ.އަތޮޅުން ފެށިގެން ވ އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.

Ads by MWSC

މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވި ގޮތުގައި ވައިގަދަވެ ކަނޑުތައް ގަދަވުމުގެ ސަބަބުން މި ސަރަހައްދަށް ހުދު ސަމާލު ނެރެފައި ވަނީ މިއަދުގެ ހަވީރު 16:00އިން ފެށިގެން މިރޭގެ 22:00ގެ ނިޔަލަށެވެ. އަދި މިވަގުތުތަކުގައި މި ސަރަހައްދުތަކަށް ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

މިއަދު ރާއްޖޭގެ މޫސުން ލަފާ ކުރާ ގޮތަށް ބަލާލާއިރު އުތުރުގެ އެކި ހިސާބުތަކަށް ގުގުރުމާ އެކު ވިއްސާރަ ކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މެޓް އޮފީހުން ވިދާޅުވެއެވެ. މެދު ރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްރަށަށް ކެރީގެ އަސަރު ފޯރުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއްވައެވެ.

އުތުރާއި މެދުރާއްޖެތެރެއަށް ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު ދެކުނުން ގަޑިއަކު 17 މޭލާ 27 މޭލާ ދެމެދުގެ ބާރު މިނެއްގައި ކަމަށާއި ދެކުނުގެ އަތޮޅު ތަކަށް ވައިޖެހޭނީ ގަޑިއަކު 8 މޭލާއި 18 މޭލުގެ ބާރުމިނެއްގައި ކަމަށް މެޓް އޮފީހުން ލަފާކުރައްވައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ވެސް މެޓުން ލަފާކުރައްވައެވެ.

ރާއްޖޭގެ ކަނޑުތަކަށް ބަލާލާއިރު މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެކަމަށާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށް މެޓުން ލަފާކުރައްވާ އިރު ރާޅުގެ އުސްމިން ހުންނާނީ 6 ފޫޓާއި 4 ފޫޓާ ދެމެދުގައި ކަމަށް ވެސް މެޓުން ވިދާޅުވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!