ޝޯންއާއި ކެމިލާގެ ލޯބީގެ ގުޅުން ވެސް ނިމުމަކަށް
ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝޯން މެންޑޭސްއާއި ލަވަކިޔުންތެރިޔާ ކެމީލާ ކެބޭލޯގެ ލޯބީގެ ގުޅުން ނިމުމަކަށް އައިސްފިއެވެ.
އިއްޔެ ޝޯންއާއި ކެމިލާ ވަނީ ދެމީހުންގެ ލޯބީގެ ގުޅުން ނިމުމަކަށް އައިކަން އެމީހުންގެ ސޯޝަލް މީޑިއާގައި އިއުލާންކޮށްފައެވެ. ސޯޝަލް މީޑިއާ ޕޯސްޓުގައި ބުނެފައިވާ ގޮތުން ލޯބީގެ ގުޅުން ނިމުމަކަށް އައި ނަމަވެސް އެކުވެރިކަމުގެ ގުޅުން ނުކެނޑި ދެމިއޮންނާނެ ކަމަށެވެ.
"ލޯބީގެ ގުޅުން ފެށުމުގެ ކުރިން އަހަރުމެންނަކީ ގާތް ދެ އެކުވެރިން. މި ގުޅުން ކެނޑުނަސް އެކުވެރިކަމުގެ ގުޅުން ދެމި އޮންނާނެ" ދެތަރިން ލިޔެފައިވެއެވެ.
ޝޯންއާއި ކެމީލާ ވަނީ އެމީހުންގެ ސަޕޯޓަރުންގެ ފަރާތުން ލިބޭ ތާއީދަށް ޝުކުރު އަދާކޮށްފައެވެ. ޝޯންއާއި ކެމީލާގެ ލޯބީގެ ގުޅުމުގެ ވާހަކަ ފެންމަތިވީ ދެމީހުން އެކީގައި ކީ ފުރަތަމަ ލަވަ "ސެނޮރީޓާ" ރިލީޒްވުމަށްފަހުގައެވެ. އަޑުތައް ފެތުރުތާ ދުވަސްތަކެއް ފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ދެ ތަރިން ވަނީ ހާމަކޮށްފައެވެ.
2019 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި ލޯބީގެ ގޮތުން ގުޅުނު ޝޯންއާއި ކެމީލާ ގުޅުން ނިމުމަކަށް ގެނެސްފައި ވަނީ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. ޝޯން މީގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ޖަސްޓިން ބީބާގެ މިހާރުގެ އަންހެނުން ހޭލީ ބީބާއާއެވެ. ޖަސްޓިން ހޭލީއާއި ކައިވެނީގެ ގޮތުން ގުޅުނުފަހުން ޝޯންއާއި ޖަސްޓިންގެ ގުޅުން ވަރަށް ގޯސްވިއެވެ. އެހެން ނަމަވެސް މި ދެތަރިން ފަހުން ވަނީ އެކީގައި ލަވައެއް ވެސް ކިޔައިފައެވެ.