ދުނިޔެ

ޑަބްލިއުއެޗްއޯގެ ދައުރަކީ ކޮބާ؟

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ މުހިންމުކަން ކޮވިޑް-19އާ އެކު މުޅި ދުނިޔެއަށް ވަނީ އެނގިގެން ގޮސްފައެވެ. ކޮވިޑް-19 ބަލިމަޑުކަމާ އެކު ޑަބްލިއުއެޗްއޯ އިރުޝާދުތަކަށް ދުނިޔޭގެ ހުރިހާ ޤައުމަކުން ވެސް ވަނީ ބޯލަބައިފައެވެ. އެއާ އެކު ޑަބްލިއުއެޗްއޯއާއަކީ ކީއްކުރާ، ކޮންތާކު ބައެއްކަން ހޯދުމަށް ގިނަ ބަޔަކު ވަނީ ޝައުޤުވެރިވެފައެވެ.

Ads by Sosun Fihaara

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އަކީ ބައިނަލްއަގުވާމީ ފެންވަރުގައި އާންމު ސިއްހަތާ ބެހޭ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ޔުނައިޑެޓް ނޭޝަންސް ނުވަތަ އދ.ގެ އިދާރާއެވެ. ޑަބްލިއު.އެޗް.އޯގެ 70 އަހަރުގެ ހަޔާތުގައި، އެ ޖަމިއްޔާއިން ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާއިރު، އެ އިދާރާއަށް ގިނަ ބައެއްގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފައެވެ.

ޑަބްލިޔޫ.އެޗް.އޯ އުފެއްދީ ކީއްވެގެން؟

1948 ވަނަ އަހަރު އ.ދ.ގެ ބައެއްގެ ގޮތުގައި އުފެއްދި ޑަބްލިޔޫ.އެޗް.އޯ.އަކީ ބައިނަލްއަޤްވާމީ ސިއްޙީ ސިޔާސަތަށް މަގުދައްކައިދީ، ވިލަރެސް ކުރުމުގެ ފުޅާ މެންޑޭޓެއް އޮންނަ ޖަމްޢިއްޔާއެކެވެ. މި ޖަމިއްޔާގެ  މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި ދުނިޔޭގެ ސިއްހީ އެހެން އިދާރާތަކާ އެކު މަސައްކަތް ކުރުން، ސިއްހީ ކަންކަމާ ގުޅޭ ދިރާސާ ކުރުން، ސިއްހީ އާއްމު މިންގަނޑުތައް ކަނޑައެޅުން، ސިއްހީ ކަންކަމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސިއްހީކަންކަން މޮނިޓާ ކުރުން ހިމެނެއެވެ.

މިއަދު ޑަބްލިޔޫ.އެޗް.އޯ.އިން މޮނިޓަރކޮށް، ވިލަރެސް ކުރާ ޙަރަކާތްތަކުގެ ތެރޭގައި، ޖެނެޓިކަލީ މޮޑިފައިޑް ކާބޯތަކެއްޗާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ދުންފަތާއި މަސްތުވާތަކެތި ބޭނުންކުރުމާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ވަރަށްގިނަ ކަންތައްތައް ހިމެނެއެވެ.

ޑަބްލިއު.އެޗް.އޯއިން އެންމެ ބޮޑަށް ހޯދައިފައިވާ ކާމިޔާބީތަކުގެ ތެރޭގައި، ކުޑަކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމްތައް ހިމެނެއެވެ. 1979ވަނަ އަހަރު ސްމޯލްޕޮކްސް ނައްތައިލާން އެހީތެރިވެދިން ޕްރޮގްރާމްތަކާއި، ފަހުގެ ޤަރުނުތަކުގައި ޕޯލިއޯ އިންފެކްޝަންތައް 99 އިންސައްތަ އަށް ދަށްކުރެވިފައިވާކަމާއި، 2003ވަނަ އަހަރު ފެތުރުނު ސިވިއަރ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް (ސާރސް) ބަލީގެ ދުވަސްވަރު އެ ޖަމްޢިއްޔާގެ ލީޑަރޝިޕުން ކުރެއްވީ ވެސް ފާހަގަކޮށްލެވޭ މަސައްކަތްތަކެވެ.

ދުނިޔޭގެ ސިއްހީ ކުއްލި ހާލަތްތަކަކީ ކޮބައިކަން ކަނޑައެޅުމުގެ އެކްސްކްލޫސިވް ބާރު އެ އިދާރާއަށް ލިބިގެންވާ އިރު، މިވަގުތު ޑަބްލިއުއެޗްއޯގެ މަސައްކަތްތަކުގެ ތެރޭގައި، ކޮވިޑް-19ގެ ނަމުން މަޝްހޫރުވެފައިވާ ކޮރޯނާ ވައިރަހުގެ އައު ބަލިމަޑުކަމެއްގެ ބަލިމަޑުކަން ފަދަ ކުއްލި ހާލަތްތަކާ ދެކޮޅަށް މަސައްކަތް ކުރުން ހިމެނެއެވެ. ކޮވިޑް-19އާ ގުޅިގެން ޑަބްލިއު.އެޗް.އޯއިން ވަނީ ދުނިޔޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

ޑަބްލިޔޫ.އެޗް.އޯ.ގެ މަސަައްކަތް ހިނގަމުންދަނީ ކިހިނެތް؟

ޑަބްލިއުއެޗްއޯގެ މައި މަރުކަޒު ހުންނަނީ ސްވިޒަލޭންޑްގެ ޖެނީވާގައެވެ. މީގެ އިތުރުން އެ އިދާރާގެ ސަރަހައްދީ ހަ އޮފީހަކާއި 149 ގައުމެއްގެ އޮފީސްތައް ހުންނަ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ކުރިން ވެސް ރިޕޯޓުކޮށްފައެވެ. މި އޮފީސްތައް ކޮންޓްރޯލް ކުރަނީ ޑަބްލިއުއެޗްއޯގެ 194 މެމްބަރު ގައުމުގެ މަންދޫބުން، ޑިރެކްޓާ ޖެނެރަލްގެ މަޤާމަށް އިންތިހާބު ކުރާ މީހެކެވެ. މިހާރު ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލްއަކީ ޓެޑްރޯސް އަދަނޮމްއެވެ.

އިތިއޯޕިއާގެ ޚާރިޖީ ވަޒީރުކަމުގެ މަގާމުގައި ކުރިން ހުންނެވި ޓެޑްރޯސް އަދަނޮމް ގެބްރެޔެސޫސް ފަސް އަހަރުގެ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވީ 2017ވަނަ އަހަރުއެވެ. އޭނާއަކީ އެފްރިކާ ބައްރުގެ ޑަބްލިއުއެޗްއޯގެ ފުރަތަމަ ލީޑަރެވެ. އޭނާގެ އިންތިޚާބަކީ ޑަބްލިއު.އެޗް.އޯގެ ހުރިހާ ޤައުމަކަށް ހަމަހަމަ ވޯޓެއް ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މަންދޫބުން ކޮންމެ އަހަރަކަށް ކަނޑައަޅާ އެ އެޖެންސީގެ އެޖެންޑާ ކަނޑައަޅައި، ވޯލްޑް ހެލްތު އެސެމްބްލީގައި ކޮންމެ އަހަރަކު ވެސް އެ އެޖެންސީގެ ބަޖެޓް ފާސްކުރެއެވެ. ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމުގެ ޒިންމާއަކީ ޑިރެކްޓާ ޖެނެރަލްގެ ޒިންމާއެކެވެ.

ޑަބްލިއުއެޗްއޯގެ ބަޖެޓަކީ ކިހައިވަރެއް؟

ޑަބްލިޔުއެޗްއޯއިން މިހާރު ކަނޑައަޅައިފައިވާ ދެ އަހަރުގެ ބަޖެޓަކީ (2020-2021) ގާތްގަނޑަކަށް 5.8 ބިލިއަން ޑޮލަރެވެ. މިއީ ކުރީ އަހަރުތަކާ އަޅައިބަލާއިރު، 1.4 ބިލިޔަން ޑޮލަރު ބޮޑު ބަޖެޓެކެވެ. ބަޖެޓް ބޮޑު ކުރަން ނިންމީ ކޮވިޑް-19ގެ ސަބަބުން އިތުރު މަސައްކަތްތަކެއް އެ ޖަމިއްޔާއިން ކުރަން ޖެހޭނެތީއެވެ. ބަޖެޓުގެ ގާތްގަނޑަކަށް 17 ޕަސެންޓަކީ މެންބަރުން ދައްކަން ޖެހޭ ފައިސާގެ ތެރެއިން ލިބޭ ފައިސާއެވެ. ބާކީ ބައި ބިނާވެފައި އޮންނަނީ ސަރުކާރުތަކުންނާއި އަމިއްލަ ބައިވެރިންގެ ފަރާތުން ދޭ ވޮލަންޓަރީ ޑޮނޭޝަންތަކުގެ މައްޗަށެވެ. ފާއިތުވެދިޔަ އަހަރުތަކުގައި އެންމެ ބޮޑު ވޮލަންޓަރީ ކޮންޓްރިބިއުޓަރުންގެ ތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް އަދި ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަން ހިމެނެއެވެ.

ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި، ޑަބްލިޔޫ.އެޗް.އޯ.އިން ދޭ އެހީތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، އެ ޖަމްޢިއްޔާގެ ލަނޑުދަނޑިތައް، އެހީދޭ ފަރާތްތަކުގެ ލަނޑުދަނޑިތަކާ އެއްގޮތް ކުރުމަށް އެ ޖަމްޢިއްޔާއަށް ވަރަށް ބޮޑަށް ޕްރެޝަރު ބޮޑުވެގެންވަނީ ގޮސްފައެވެ.

މިގޮތުން، ގާތުން ކިރުދިނުމަށް ބާރުއެޅުމުގެ ގޮތުން އެހެން މެމްބަރު ޤައުމުތަކުން ޤަރާރެއް ފާސްކޮށްގެން ކުރިއަށް ދާނަމަ، 2018ވަނަ އަހަރު އެމެރިކާގެ ޙިއްޞާ ކަނޑާލާނެކަމުގެ އިންޒާރު އެމެރިކާގެ ކުރީގެ ރައީސް ޓްރަންޕް ދެއްވާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި 2020ވަނަ އަހަރު ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި، ޑަބްލިއުއެޗްއޯއާ އެކު އެމެރިކާއިން އޮތް ހުރިހާ ގުޅުމެއް ކަނޑާލާނެކަން ޓްރަމްޕް އިއުލާން ކުރެއްވިއެވެ. ސަބަބެއްގެ ގޮތުގައި އޭރު ވިދާޅުވީ، ކޮވިޑް-19 ބައެއް ސިއްރުތައް ފޮރުވުމަށް ޗައިނާއާ އެކު ޑަބްލިއުއެޗްއޯއިން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވައެވެ. އެމެރިކާއަކީ ޑަބްލިއުއެޗްއޯގެ ބަޖެޓްގެ 8 އިންސައްތަ ދޭ ފަރާތެވެ. ނަމަވެސް 2021ވަނަ އަހަރު ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު، ރައީސް ޖޯ ބައިޑަން ވަނީ އެކަހެރިވުން ހުއްޓުވައި، އެ އިދާރާއާ އަލުން ގުޅެން އެގްޒެކެޓިވް އަމުރެއް ނެރުއްވައިފައެވެ.

ޑަބްލިއުއެޗްއޯއަށް އެންމެ ގިނައިން ޚަރަދު ކުރާ ޤައުމުތައް

ކޮވިޑް-19އާއި ޑަބްލިއުއެޗްއޯ

ޗައިނާގެ ވޫހާން ސިޓީގައި ހަލުވިކަމާ އެކު ފެތުރެމުންދާ ރޯގާއެއް ފެތުރެމުންދާތީ ޗައިނާއިން ޑަބްލިއުއެޗްއޯގެ އޮފިޝަލުންނަށް އެކަން ސަމާލުކަމަށް ގެނެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31ވަނަ ދުވަހުއެވެ. ޑަބްލިއު.އެޗް.އޯއިން ވަނީ އޭގެ އެއްމަސް ދުވަސް ފަހުން ޕީއެޗްއައިސީ (ފެކް)އެއް ކަނޑައަޅައި، ސްޓްރެޓީޖިކް ޕްރިޕެއަރޑްނެސް އެންޑް ރެސްޕޮންސް ޕްލޭނެއް އެކުލަވައިލައިފައެވެ.

ދުނިޔޭގެ 100އަށް ވުރެ ގިނަ ގައުމުގައި ވައިރަސް ފެތުރެން ފެށުމުން 2020ވަނަ އަހަރު މާޗް މަހު ޑަބްލިއުއެޗްއޯއިން ވަނީ މި ރޯގާ އަކީ ބަލިމަޑުކަމެއްގެ (ޕެންޑަމިކް) ގޮތުގައި ކަނޑައަޅައިފައެވެ. އަދި ޤައުމުތަކުން ރޯގާއިން ސަލާމަތްވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޑަބްލިއުއެޗްއޯއިން ގޮވައިލިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!