ޚަބަރު

ފައިސާ ޗާޕު ކުރުމުގެ މުއްދަތު 2023ގެ ނިޔަލަށް އިތުރު ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް އިތުރަށް ފައިސާ ޗާޕު ކުރުމުގެ މުއްދަތު 2023ގެ ނިޔަލަށް ދަންމާލަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

Ads by STELCO

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ވަނީ މަޖިލީހަށް ލިބިދީފައިވާ ބާރުގެ ދަށުން އެމްއެމްއޭއިން ފައިސާ އޯވަޑްރޯ ނުވަތަ އިތުރު ރުފިޔާ ޗާޕްކޮށް، އެ ފައިސާ ދެއްކުމުގެ މުއްދަތު އިތުރު އެއް އަހަރު ދުވަހުގެ މުއްދަތަށް އިތުރުކޮށްދިނުމަށެވެ.

ފައިސާ ޗާޕު ކުރުމުގެ މުއްދަތު އިތުރު ކުރުމަށް މިއަދު ނެގި ވޯޓުގައި، 2023ވަނަ އަހަރުގެ ނިޔަލަށް އެ މުއްދަތު އިތުރު ކުރުމަށް ނިންމައިފައި ވަނީ 42 މެމްބަރުންގެ ވޯޓަކުންނެވެ. އެ މުއްދަތު އިތުރު ކުރުމަށް ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ ދެ މެމްބަރުންނެވެ.

މިއީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) ގައި ބަޔާން ކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާ ކުރަން ހަމަ އެ ގާނޫނުން މަޖިލީހަށް ދީފައިވާ ބާރެކެވެ.

މި ގާނޫނުގައި ބަޔާން ކޮށްފައި އޮންނަ ގޮތުން، އޯވަޑްރޯ ކުރެވޭނީ އެންމެ ފަހު ތިން އަހަރުގެ ދައުލަތުގެ އާމްދަނީގެ އެއް އިންސައްތައެވެ. އަދި އެ އަދަދު އެމްއެމްއޭއަށް 91 ދުވަހުގެ ތެރޭގައި ސަރުކާރުން އަނބުރާ ދައްކަން ޖެހޭނެއެވެ.

ނަމަވެސް ކޮވިޑް-19ގެ އާލަމީ ވަބާ ކުރިމަތިވެ ދައުލަތުގެ އާމްދަނީ ދަށްވުމުން އަހަރު ދުވަހަށް އެ މާއްދާ އިސްތިސްނާ ކޮށްދޭން ސަރުކާރުން އެދުނެވެ. ސަރުކާރުން އެދިގެން ދެވަނަ ފަހަރަށް ވެސް އެ މުއްދަތު އިތުރު ކޮށްދިން އިރު، މިހާތަނަށް ހަތަރު ބިލިއަން ރުފިޔާ ވަނީ ޗާޕު ކޮށްފައެވެ.

މަޖިލީހުން މިއަދު ފާސްކުރި މާލިއްޔަތު ކޮމިޓީގެ ރިޕޯޓްގައި ވަނީ ޑިސެމްބަރު 31، 2021ގެ ނިޔަލަށް އެމްއެމްއޭގެ ޕަބްލިކް އެކައުންޓް އޯވަޑްރޯވެފައިވާ މިންވަރު ސެކިއުރިޓައިޒްކޮށް 50 އަހަރުގެ އޯމައިޓައިޒިން ބޮންޑަކަށް ބަދަލު ކޮށްދޭން ލަފާ އަރުވައިފައެވެ. އޭގެ 2.5 ބިލިއަން ރުފިޔާ އެއީ އޭގެ ކޫޕަން ރޭޓް ކަމުގައި ލަފާ އަރުވަން ވެސް ކޮމިޓީގެ ރިޕޯޓްގައިވެއެވެ.

ފައިސާ ޗާޕުކުރުމާ ގުޅޭ ގޮތުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވީ 4.4 ބިލިއަން ރުފިޔާއަކީ މިއަހަރުގެ ނިޔަލަށް ދީފައިވާ ލިމިޓުކަމަށެވެ. އަދި އެފައިސާ ހަޒާނާއިން ދޫކުރީ ޑިސެމްބަރު 31ގެ ނިޔަލަށް އަނބުރާ ދެއްކުމަށްކަމަށާއި ފިނޭންސުން ފާހަގަކުރަނީ އެ ފައިސާ މިވަގުތު އަނބުރާ ދެއްކެން ނެތްކަމުގައިކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ފިނޭންސުން އެދިފައި ވަނީ އެ 4.4 ބިލިއަން ރުފިޔާ 50 އަހަރުގެ ބޮންޑެއްގެ ދަށަށް ގެނަސް އިންޓަރެސްޓް ރޭޓުގެ ގޮތުގައި 2.5 އިންސައްތަ ހަމަޖައްސައި ދިނުމަށްކަމަށް ނަޝީދު ވިދާޅުވިއެވެ.

އެއާއެކު ފިނޭންސުން އެދެނީ އިތުރު 3.5 ބިލިއަން ރުފިޔާ މި އުސޫލުގެ ތެރެއިން ޗާޕުކޮށްދިނުމަށް ކަމަށާއި އެހެން ނަމަވެސް މާލިއްޔަތު ކޮމިޓީން ނިންމައިފައި ވަނީ 2.5 ބިލިއަން ރުފިޔާ ޗާޕުކޮށްދިނުމަށްކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

"މިއަންނަ އަހަރު 2.9 ބިލިއަން ރުފިޔާ ހަރަދު އެބަކުރޭ ލޯނު އަނބުރާ ދެއްކުމަށް. ކުރިމަތިވާ ސުވާލަކީ މިދޫކުރެވޭ 2.5 ބިލިއަން ރުފިޔާ ބޭނުން ސަރުކާރުން ކުރާނީ ޑޮލަރު ގަނެފައި އެ ޑޮލަރުން ލޯނު އަނބުރާ ދެއްކުމަށް ބޭނުންކުރުންތޯ؟ އެހެންވެއްޖެއްޔާ އެއީ ވަރަށް ގިނަ އަދަދެއްގެ ޑޮލަރު މިޗާޕުކުރި ރުފިޔާ ދީފައި ގަނެވެނީ" ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުން ލަފާ ދީފައި އޮތްގޮތަކީ ފައިސާ ޗާޕުކުރުމަކީ އެއް ކަންތައް ކަމަށާއި އެހެން ނަމަވެސް އެއާ އެކު ދަރަނިތައް ރީސްޓްރަކްޗާ ކުރުމަށް ކަމަށެވެ. ލުއި ގޮތަކީ ޗާޕުކުރާ ފައިސާ މުސާރަ ދިނުމާއި އެހެން ވެސް މަޝްރޫއުތަކަށް ހަރަދުކުރުން ކަމަށާއި އޭރުން ލިބޭ ގެއްލުން ކުޑަވެގެންދާނެކަމަށް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ މަޖިލީހުން ނިންމައިފައި ވާނީ 2.5 ބިލިއަން ރުފިޔާ ޗާޕުކުރުމުގައި މައްސަލައެއް ނެތްކަން ކަމަށާއި އެ ފައިސާ، ޗައިނާގެ ދަރަނި ދައްކަން ނުދިނުމަށް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!