ކައުންސިލަށް އާމްދަނީ ހޯދޭނެ ބައެއް މަގުތައް ސަރުކާރުން ބަންދު ކުރޭ: މާލޭ މޭޔަރު
މާލެ ސިޓީ ކައުންސިލަށް އާމްދަނީ ހޯދޭނެ ބައެއް މަގުތައް ސަރުކާރުން ބަންދު ކުރާކަން މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ފާހަގަ ކުރައްވައިފިއެވެ.
މާލެސިޓީ ކައުންސިލުގެ ފަރާތުން މިއަދު މެންދުރު ބޭއްވު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ އާމްދަނީ ހޯދޭނެ ގޮތްތައް ހޯދައި އެކަން ކަމަށް މަގުފަހި ކޮށްދިނުމަށް ވަރަށް ގިނައިން ސަރުކާރުގައި އެދޭ ކަމަށާއި ނަމަވެސް އޭނާއަކީ ސިޔާސީ ގޮތުން މިހާރުގެ ސަރުކާރާ އިދިކޮޅު ބޭފުޅަކަށް ވުމުން ދަތި ކުރުމުގެ ގޮތުން ސަރުކާރުން ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށެވެ.
މާލޭގެ މޭޔަރު އިތުރަށް ވިދާޅުވީ ޓީޖެޓީ މާލެ ސިޓީ ކައުންސިލަށް ދަށަށް އަނބުރާ ގެނައުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އެތަން ކައުންސިލްގެ ދަށުން ނެގުމަށް ފަހު އެމްޕީއެލްގެ ދަށަށް ބަދަލު ކުރުމުން ކައުންސިލަށް ލިބެމުން އައި އާމްދަނީ ހުއްޓިފައިވާ ކަމަށް އިޝާރާތް ކުރައްވަމުން ޑރ. މުއިއްޒު ވިދާޅުވީ އެ ފައިސާ ކައުންސިލަށް ލިބޭ ނަމަ މާލޭގެ ރައްޔިތުންނަށް ބޭނުންވާ މުހިންމު ހިދުމަތްތަކަށް ހަރަދު ކުރެވޭނެ ކަމަށެވެ.
އެމްޕީއެލްއާ އެކު ސަރުކާރުން ހަދައިފައިވާ އެއްބަސްވުމުގެ މުއްދަތު މިހާރު ހަމަވެފައިވުމުން ޑރ. މުއިއްޒު ވިދާޅުވީ ގާނޫނީ ގޮތުން އެ ތަން އަދިވެސް އޮތީ ކައުންސިލްގެ ދަށުގައި ކަމަށެވެ.