Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މަޖިލީހުގެ ގިނަ މެންބަރުން، ރައްޔިތުންނާ ވަރަށް ގާތް ގުޅުމެއް ބާއްވާ: ރައީސް ނަޝީދު

މަޖިލީހުގެ ގިނަ މެންބަރުން، ރައްޔިތުންނާ ވަރަށް ގާތް ގުޅުމެއް ބާއްވާ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ތެރެއިން ވަރަށް ގިނަ މެންބަރުން، އެ މެންބަރުން ތަމްސީލް ކުރައްވާ ދާއިރާގެ މެންބަރުންނާ އެކު ވަރަށް ގާތް ގުޅުމެއް ގެންގުޅުއްވަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ، ރައްޔިތުންގެ ސުވާލުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސާ ސީދާ ސުވާލު ކުރެވޭ ގޮތަށް، ރައްޔިތުންގެ މަޖިލީހުން ކުރިޔަށް ގެންދާ "އާސްކް ސްޕީކަރ"ގެ ހަތަރުވަނަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އޮފީސްތައް ހުންނަވާ ނަމަ، އެ އޮފީސްތަކުގެ ތަފްސީލާއި ހުންނަ ތަން ރައްޔިތުންނަށް އެނގޭނެ ގޮތަށް އާއްމު ކޮށްދެވިދާނެތޯ އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، މެންބަރުންގެ އޮފީސް ހުންނަވާ ބޭފުޅުންގެ އޮފީސްތައް ހުންނަ ތަނުގެ މައުލޫމާތު އާއްމު ކުރެއްވުމުގެ މަސައްކަތް މަޖިލީހުން ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ. އަދި އޮފީސް ނުގެންގުޅުއްވާ މަޖިލީހުގެ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ރައްޔިތުންނަށް ބައްދަލު ކުރެވޭނެ ކަމަށާއި ކޮންމެ މެންބަރަކަށް އޮފީހެއް މަޖިލީހުގައި ހުންނަ ކަމަށް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

Advertisement
Allied Insurance — Square (box)

މީގެ އިތުރުން މާލޭ ދާއިރާ ނޫން މެންބަރުންނަށް އޮތް ގޮތަކީ ބުދަ ދުވަހު ދާއިރާއަށް ގޮސް ރައްޔިތުންނާ ބައްދަލު ކުރުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މަޖިލީހުގެ ގިނަ މެންބަރުންނަކީ ރައްޔިތުންނާ ގާތް ގުޅުމެއް އޮންނަ މެންބަރުން ކަމަށާއި ރައްޔިތުންގެ ފޯން ކޯލްތަކަށް އެ ބޭފުޅުން ޖަވާބު ދެއްވާ ކަމަށެވެ.

"އަޅުގަނޑު ދެކެނީ ޙަޤީޤަތުގައި ގިނަ މެންބަރުން، ރައްޔިތުންނާ ވަރަށް ގާތް ގުޅުމެއް އޮވޭ. ވަރަށް ގިނައިން ބައްދަލު ކުރެޔޭ. އަޅުގަނޑުވެސް ރައްޔިތުންގެ މަޖިލިސްގެ މެންބަރުންނާ އެކުގައި އުޅޭތީވެ، އެ މެންބަރުންނަށް ފޯން އަންނަ މިންވަރާއި ޓެކްސްޓް ކުރާ މިންވަރު ފާހަގަވޭ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވި ނަމަވެސް، މަޖިލީހުގެ އިންތިޚާބަށް ފަހު މެމްބަރުން ފޯނު ނުނަގާކަމުގެ ޝަކުވާ ގިނަ ރައްޔިތުން ކުރެއެވެ. އަދި ދާއިރާތަކަށް ޒިޔާރަތް ނުކުރާ މަޖިލިސް މެންބަރުންގެ އަދަދު ވެސް އެހައި ގިނަކަން ފާހަގަކޮށްލެވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް