ފަލަސްތީނަށް އެހީވާން އަމަލީ ގޮތުން މަސައްކަތް ކުރަން ޖެހޭ: ޝާހިދު
އދ.ގެ އެޖެންޑާގައި ފާއިތުވީ 74 އަހަރުގެ ތެރޭގައި ވެސް އޮވެމެ، ފަލަސްތީނަށް ހައްލެއް ހޯދައި ނުދެވުމަކީ ހިތާމައެއް ކަމަށާއި އަމަލީ ގޮތުން އެ ޤައުމަށް އެހީވާން މަސައްކަތް ކުރަންޖެހޭ ކަމަށް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހާލަތާއި ފަލަސްތީނާ ގުޅޭ ގޮތުން ސުވާލުކޮށް މިއަދު ބޭއްވި އދ.ގެ ޕްރިލިނަރީ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ، ފަލަސްތީނާއި އިޒްރޭލާ ދެމެދު އޮތް މައްސަލަ ގުޅިފައި ވަނީ މުޅި މެދުއިިރުމަތީގެ އަމާންކަމާ ކަމަށެވެ.
ޝާހިދު ވިދާޅުވީ އެ މައްސަލައަކީ 1948ވަނަ އަހަރުން ފެށިގެން އދ.ގެ އެޖެންޑާގައި އޮތް މައްސަލައަކަށް ވާއިރު ފާއިތުވި އަހަރުތަކުގެ ތެރޭގައި ހައްލު ނުހޯދުމަކީ ހިތާމައެއް ކަމަށެވެ. ނަމަވެސް އުންމީދު ކަނޑައިނުލައި އެ މައްސަލައަށް ހައްލު ގެންނަށް އަމަލުން މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
ކަރަންޓާއި ފެނާއި މިފަދަ ޒަރޫރީ ބޭނުންތަކުން މަހުރޫމު ވެފައި ތިބި މިލިއަނަށް ވުރެ ގިނަ ފަލަސްތީނު ރައްޔިތުން ތަހައްމަލު ކުރަމުންދާ ހިތްދަތި ދިރިއުޅުން ހަމައެކަނި ބަސްތަކަކުން ސިފައެއް ނުކޮށްދެވޭނެ،" އދ.ގެ ގައުމީ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ "ޓޫ-ސްޓޭޓް" ވުޖޫދަށް ގެނެސް ދެ ދައުލަތެއްގެ ގޮތުގައި އިޒްރޭލާއި ފަލަސްތީނު ކައިރިކައިރީ ހަމަޖެހިގެން އުޅެވޭނެ ގޮތް ހެދުމެވެ.