ފުރާޅުން ޓިނު ނުނަގަނީއެއް ނޫން، ސްޕްރީމް ކޯޓާ ހަމައަށް ބާރު ނުފޯރުވުނީ: ރައީސް ޔާމީން
ސްޕްރީމް ކޯޓަށް ބާރު ފޯރުވުމުގެ ފުރުސަތު ލިބުނު ނަމަ، މި ސަރުކާރުން އެކަން ކުރާނެ ކަމަށާއި އެ މަނިކުފާނު މިނިވަންވެ ވަޑައިގަތީ ސްޕްރީމް ކޯޓަށް ސަރުކާރުން ނުފޫޒު ފޯރުވުމުގެ ފުރުސަތު ނެތުމުން ކަމަށް، އިދިކޮޅު ޕީޕީއެމްގެ ލީޑަރު ،ކުރީގެ ރައީސުލްޖުމްހޫރިއްޔާ ، ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާތާނުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ، ދައުވާ ސާބިތުވާ ކަމަށް ބުނެ ފަސް އަހަރުގެ ޙުކުމެއް އިއްވައިފައެވެ. މި ޙުކުމް ހައި ކޯޓުން ދަމަހައްޓައިފައި ވަނިކޮށް، މިދިޔަ ބުދަ ދުވަހު ސްޕްރީމް ކޯޓުން ވަނީ އެ އަމުރު ބާތިލްކޮށްފައެވެ.
މިކަމާ ގުޅިގެން ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ބުނަމުން އަންނަނީ، ރައީސް ޔާމީން މިނިވަންވެވަޑައިގަތުމުން ދޭހަކޮށްދެނީ ޝަރުއީ ދާއިރާއަށް ސަރުކާރުން ބާރާއި ނުފޫޒު ނުފޯރުވާ މިންވަރު ކަމަށެވެ. އަދި ސަރުކާރުން ޝަރުއީ ދާއިރާ އިސްލާޙް ކުރާނެ ކަމަށްވި ވަޢުދު ފުއްދަމުން އަންނަ ކަމަށް އެ ފަރާތްތަކުން ހާމަކުރެއެވެ.
ސަރުކާރަށް ތާޢީދު ކުރައްވާ ފަރާތްތަކުގެ ވާހަކައަށް ރައްދު ދެއްވައި ، މިނިވަންވެ ވަޑައިގަތުމަށް ފަހު، ސަޕޯޓަރުންނާ ފުރަތަމަ ފަހަރަށް ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ، ރައީސް ޔާމީން މިނިވަންވާން ސަރުކާރުން ނޭދޭނެ ކަމަށާއި ކްރިމިނަލް ކޯޓާއި ހައި ކޯޓާ ހަމައިން ސަރުކާރުން އެ މަނިކުފާނުގެ މައްސަލައަށް ނުފޫޒު ފޯރުވި ކަމަށެވެ. އަދި ސްޕްރީން ކޯޓާ ހަމައަށް ނުފޫޒު ނުފޯރުވުނީ ކަމަށް ވިދާޅުވިއެވެ.
"ވެރިކަމަށް އައިސްފައި، ރައްޔިތުންގެ ހުރިހާ ބާރުތަކެއް އެއްކޮށްފައި، އަދުލު އިންސާފުގެ ދާއިރާގެ އަތްފޯރާ ހިސާބަށް އަތް ފޯރުވައިފައި، އަތް ނުފޯރާ ހިސާބަށް ދިޔައީމަ، ތިމަންނަމެން ފުރާޅުން ޓިނެއް ނުނަގަމޭ ބުންޏަކަސް، އަދި އެންމެންނަކަށް އެކަމެއް ނުވެސް އޮޅޭނެ." ރައީސް ޔާމީން ވިދާޅުވީ، ސްޕްރީމް ކޯޓަށް ނުފޫޒު ނުފޯރުވުމަކީ، ރައީސް ޔާމީން މިނިވަންވާން ﷲ މެދުވެރި ކުރެއްވި ބޮޑު ނިޢުމަތެއް ކަމަށެވެ.
"އެ އެމީހުނަށް އެހިސާބަށް އެކަން ނުގެންދެވުން އެއީ ﷲ އަޅުގަނޑަށް މެދުވެރި ކުރެއްވި އެންމެ ބޮޑު ނިއުމަތް. މި ޙުކުމުން އަޅުގަނޑު ސަލާމަތްވާން. އެއިކީ ސްޕްރީމް ކޯޓަށް އަތްލާން ބޭނުން ނުވެގެން އެކަން ނުކުރީކީ ނޫން. އަތްލާން ބޭނުން ވާނެ. އެ މީހުނެއް ބޭނުމެއް ނުވާނެ އަޅުގަނޑު މިނިވަންވެފައެއް ހުންނާކަށް"
ފުރާޅުން ޓިނު ނެގި ކަމަށް ބުނާ ވާހަކައަކީ، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ޙަމީދު 2018 ވަނަ އަހަރު ހައްޔަރު ކުރި މައްސަލައެވެ. އެ ދެބޭފުޅުން ހައްޔަރުކޮށްފައި ވަނީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލުނު މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް އަމުރު ނެރުމުން، އެކަންކޮށްފައި ވަނީ ވިލާ ކުންފުނިން ރިޝްވަތު ދީގެން ކަމަށް ބުނެއެވެ. އެ ދުވަހު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާންކޮށްފައެވެ.
ދެ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ބޮޑު ޖަލްސާއެއްގައި ބައިވެރިވެވަޑައިގެން ރައީސް ޔާމީން މިރޭ ވަނީ ގަޑިއިރެއް ވަންދެން ވާހަކަފުޅު ދައްކަވައިފައެވެ. މިރޭ ދެއްކެވި ވާހަކަފުޅުގައި ފަނޑިޔާރުންނަށާއި ޝަރުއީ ދާއިރާއަށް ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. މިގޮތުން ވިދާޅުވެފައި ވަނީ، އެންމެ ކޮށި އެއް ދާއިރާއަކީ ޝަރުއީ ދާއިރާ ކަމަށާއި، ޝައުރީ ދާއިރާގެ މީހުންނަށް "ދުނިޔެއިން ބޭރަށް ފޮނުވައިގެން ވެސް" އިލްމު އުގަންނައިދޭން ޖެހޭ ކަމަށެވެ.
ހާދަ ފޮނިވެސް އެއްޗެކޭ މީދޯ. މީހަކުނޫޅޭ ސްޕްރީމް ކޯޓަށް އައްގަންބާކަށް ކަލޯހެނެއް. މަޑުން އަނގަނާރުވާ ހުރެބަލަ. 25 އަހަރު އެބަ ދޮންވެފައްކަވެޔޭ. މިނިވަންވިކަމަށް ދެކެނީ ތިޔައީ ހަމަ ހުވަފެނެއް. އެއްމިލިޔަށް ޑޮލަރ ކަލޯގެ އެކައުންޓަށް ވަންނާނެގޮތެއް ކިޔާދީބަލަ ނިކަން