ޙަޤީޤީ ޙާދިސާ: ހިތް ޚަލާސްކުރުމުގެ ފޮނިކަން ، "ލަންޑަނުގައި ހިފި ރޯދަ ، ވީއްލީ ސުވަރުގޭގައި"
ސާފު ސީދާ ހިތެއް ލިބުމަކީ ބޮޑުވެގެންވާ ނިޢުމަތެކެވެ. ނަސީބެކެވެ. އެއީ ބާއްޖަވެރިކަމާއި ކާމިޔާބަށް ގެންގޮސްދޭ ސަބަބެކެވެ.
މިއީ މި ދެންނެވި ބަހުގެ ޔަގީންކަން ހާމަވާ މިސާލެކެވެ. ދާދި ފަހުގެ ތާރީޚެއްގައި މީގެ ދެ އަހަރެއްހައި ދުވަސްކުރީން ހިނގި ހާދިސާއެކެވެ. ޙާދިސާ ގެނެސްދީފައި ވަނީ ޝައިޚް ސުލައިމާން މޫލާގެ ދަރުހެއްގައެވެ.
"ދެ އަހަރު ކުރީން ރޯދަ މަހެއްގައި ލަންޑަނަށް ދިޔުމަށް އަހަންނަށް ދަޢުވަތު ލިބުނެވެ. ލަންޑަނަށް ދެވުނީ ހުކުރު ދުވަހެއްގައެވެ. އެ ދުވަހުގެ އަސްރު ނަމާދަށް ފަހު މިސްކިތުގައި އަހަރެން ދަރުސްދޭ ގޮތަށް އޮތީ ހަމަޖެހިފައެވެ.
އަސްރު ނަމާދުކޮށް ނިމިގެން އަހަރެން ދަރުސް ފެށީމެވެ. އަދި މަޣްރިބް ނަމާދު ޖެހެން ގާތް ވަންދެން ދަރުސް ކުރިއަށް ގެންދިޔައިމެވެ. ދަރުސް ނިމިގެން ، ރޯދަ ވީއްލަން މިސްކިތުގައި ތައްޔާރުކޮށްފައިވާ ސުފުރާ ކައިރިއަށް ދިޔައިމެވެ. އަދި ރޯދަ ވީއްލާ ގަޑިއަށް އިންތިޒާރު ކުރަމުން ގެންދިޔައިމެވެ.
ސިކުންތަކަށް ފަހު ސިކުންތެއް ހިނގަމުން ގޮސް ، ރޯދަ ވީއްލާން 60 ސިކުންތަށް ގާތް ވެއްޖެއެވެ. އެ 60 ސިކުންތުގެ ތެރޭގައި އަހަރެންގެ ކުރިމަތީގައި އިން އަޚާ ކުއްލިއަކަށް ވެއްޓިއްޖެއެވެ. އެ ހިނދު އެންމެން އޭނާ ގާތަށް ޖެހި އޭނާއަށް ފަރުވާ ދެވޭތޯ މަސައްކަތް ކުރިއެވެ. އަދި އެމްބިއުލޭންސަށް ގުޅައި އޭނާއަށް އެހީވުމަށް މަސައްކަތް ކުރިއެވެ.
ނަމާދު ވަގުތު ޖެހުމުން އަހަރެމެން ރޯދަ ވީއްލައި ، މަޣްރިބު ނަމާދު ކުރީމެވެ. ނަމާދު ނިމުނު ހިސާބުން އަހަރެމެންނަށް ލިބުނީ ވެއްޓުނު އަޚާގެ މަރުގެ ޚަބަރެވެ.
މިސްކިތެއްގައި ނިޔާވުމަށް ބައެއް މީހުން އުއްމީދު ކުރެއެވެ. ނޫނީ ހުކުރު ދުވަހެއްގައި ނުވަތަ ސަޖިދައިގައި ވަނިކޮށް ނޫނީ ރޯދައަށް ހުންނަނިކޮށް އެ މީހެއްގެ ނިމުން އައުމަށް ބައެއް މީހުން އުއްމީދު ކުރެއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މި އަޚާގެ މަރާ މެދު ވިސްނައިލާށެވެ. ލަންޑަނުގައި ހިފި ރޯދަ އޭނާ އެ ވީއްލީ ސުވަރުގޭގައެވެ.(އިންޝާ ﷲ) ކިހައި މަތިވެރި ނިމުމެއް ހެއްޔެވެ؟
ނިޔާވި އަޚާގެ ގާތް ތިމާގެ މީހުން އެ ވަގުތު ޙާޟިރުވެއްޖެއެވެ. އަޚާގެ މަރުގެ ޚަބަރު ދޭން އަހަންނަށް ޖެހިއްޖެއެވެ. ފަސޭހަކަމެއް ނޫން ނަމަވެސް އަހަރެން އެ މީހުންނާ އެކު އިށީނދެއްޖައީމެވެ. އަދި ކަރުނަ އޮހޮރޭ ޙާލުގައި އެ މީހުންނަށް އެ ޚަބަރު ދިނީމެވެ.
އަހަރެން އެ މީހުން ގާތު ބުނީމެވެ. އަޚުންނޭވެ. މި ފަދަ މަރެއް ލިބުމަކީ އިއްތިފާގެއް ނޫނެވެ. އޭނާގެ ޚަބަރު އަހަންނަށް ކިޔައިދޭށެވެ. އޭނާގެ ޢަމަލުތައް ބުނެދީބަލާށެވެ.
އޭނާ ބުންޏެވެ. އަހަރެމެންގެ އަޚާގެ ހިތަކީ ސާފު ހުދު ހިތެކެވެ. އޭނާގެ ހިތުގައި އެއްވެސް މީހަކަށް ހިތްބުރަ ކަމެއް ނުބާއްވައެވެ. އެއްވެސް މީހަކަށް ދެރައެއް ލިބުމަކަށް ނޭދެއެވެ. އެއްވެސް މީހަކާ މެދު ހަސަދަވެރިކަމެއް ނުބާއްވައެވެ."
ހިތް ސާފުކަމަކީ ސުވަރުގެއަށް ހުޅުވައިދޭ ދޮރެކެވެ. މި ބަހަށް ބާރު ލިބޭ އެތައް ހަދީޘް ބަސްފުޅެއް އައިސްފައި ވެއެވެ. މިފަދަ އެއް ޙަދީޘެއްގައި އައިސްފައި ވެއެވެ.
އެއްދުވަހަކު ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ އަރިހުގައި ތިއްބަވަނިކޮށް ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. يطلع عليكم الآن رجل من أهل الجنة ”މިހާރު މި ތަނަށް އެ އަންނަނީ ސުވަރުގެ ވަންތަވެރިއެކެވެ.“ އެހިނދު އެ ތަނަށް އައީ އަންޞާރިއްޔަ ޞަޙާބީއެކެވެ. އޭނާ ވަދެގެން އައިރުގައި ވެސް ހުރީ (ތުނބުޅިފުޅުން) ވުޟޫކުރުމުގެ އަސަރު މުޅިން ނުފިލައެވެ. ދެވަނަ ދުވަހު ވެސް ހަމަ އެގޮތަށް ޙަދީޘް ކުރެއްވިއެވެ. މިހެން ޙަދީޘް ކުރެއްވިތާ އިރުކޮޅެއް ނުވެ އެ ދުވަހު ވެސް ވަދެގެން އައީ ކުރީ ދުވަހު ވަދެގެން އައި ޞަޙާބީއެވެ. ތިންވަނަ ދުވަ ހުވެސް ހަމަ އެގޮތަށް ޙަދީޘްކުރެއްވިއެވެ. މިހެން ޙަދީޘް ކުރެއްވިތާ އިރުކޮޅެއް ނުވެ ތިންވަނަ ދުވަހު ވެސް ވަދެގެން އައީ ކުރީ ދުވަހު ވަދެގެން އައި ޞަޙާބީއެވެ.
ދެން ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެ ތަނުން ވަޑައިގަތީމާ، عبد الله بن عمرو بن العاص، އަންޞާރިއްޔަ ޞަޙާބީ ފަހަތްޕުޅުން ވަޑައިގަތެވެ. އަދި ވިދާޅުވިއެވެ. ”ތިމަންނަޔާ، ތިމަންގެ ބައްޕާފުޅާއި މައްސަލައެއް ޖެހި، ބައްޕާފުޅުގެ އަރިހަށް ތިންދުވަސް ވަންދެން ނުވަނުމަށް ހުވާކޮށްފީމެވެ. މި މުއްދަތުގެ ތެރޭގައި ތިމަންކަލޭގެފާނަށް ހިޔާވަހިކަން ދެއްވައިފާނަންތޯއެވެ؟“ އަންޞާރިއްޔަ ޞަޙާބީ އެކަމަށް އެއްބަސްވެލެއްވުމުން عبد الله بن عمرو بن العاص ތިން ރޭ އަންޞާރިއްޔަ ޞަޙާބީގެ ގެކޮޅުގައި ހޭދަކުރެއްވިއެވެ. ދެން عبد الله بن عمرو بن العاص ވިދާޅުވިއެވެ. ފުރަތަމަ ރޭ ވެސް މާ ގިނަ ހެޔޮ ޢަމަލުތައް ކުރާތީ ނުފެނެއެވެ. ދަމުނަމާދު ކުރާތީއެއް ނުފެނެއެވެ. ދެވަނަ ރޭ ވެސް ހަމަ އެހެންނެވެ. ތިންވަނަ ރޭ ވެސް ހަމަ އެހެންނެވެ.
ދެން عبد الله بن عمرو بن العاص މި ޞަޙާބީއަށް ދެންނެވިއެވެ. ”ތިމަންކަލޭގެފާނަކާ، ތިމަންކަލޭގެފާނުގެ ބައްޕާފުޅަކާ އެއްވެސް މައްސަލައެއް ނުޖެހެއެވެ. މިގޮތަށް ތިމަންކަލޭގެފާނު ކަންތައް ކުރަން މިޖެހުނު ގޮތަކީ ޖެހިޖެހިގެން ތިން ދުވަހު ޞަޙާބީން ތިއްބެވި މަޖިލީހެއްގައި ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. يطلع عليكم الآن رجل من أهل الجنة ”މިހާރު މިތަނަށް އެ އަންނަނީ ސުވަރުގެ ވަންތަވެރިއެކެވެ.“ މި ތިން ދުވަހު ވެސް އެ ވަގުތު މަޖިލީހަށް ހާޒިރުވީ ކަލޭގެފާނެވެ. ދެން ކަލޭގެފާނު ކުރިއަރައިދިޔަ ޢަމަލަކީ ކޮބައިތޯ ބެއްލެވުމަށް ތިމަންކަލޭގެފާނު ބޭނުންފުޅުވިއެވެ. އެހެން ނަމަވެސް މިދިޔަ ދުވަސްތަކުގައި ކަލޭގެފާނުގެ ކިބައިން އެހެން ޞަޙާބީންނަށް ވުރެ ކަލޭގެފާނަށް ކުރިއަރައި ދެވޭ ފަދަ ހެޔޮޢަމަލެއް ކަލޭގެފާނު ކުރައްވާތީ ތިމަންކަލޭގެފާނު ނުދެކެމެވެ. އެހެން ޞަޙާބީންނަށް ވުރެ ކަލޭގެފާނަށް ކުރިއަރައިދެވޭ ފަދަ ހެޔޮ ޢަމަލެއް ކުރައްވާ ނަމަ އެ ޢަމަލެއް ވިދާޅުވެދެއްވަންވީ ނޫންތޯއެވެ. އަންޞާރިއްޔަ ޞަޙާބީ ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ޢަމަލުތައް ކަލޭގެފާނަށް މިދިޔަ ދުވަސްތަކުގައި ތިޔަ ފެނިވަޑައިގަތީއެވެ. އޭގެ އިތުރު ޢަމަލެއް ނުކުރައްވަމެވެ. މިހެން ވިދާޅުވުމުން عبد الله بن عمرو بن العاص މޮޅިވެރިކަމާ އެކު އެނބުރި ދިޔުމަށް ހިނގައިގަތެވެ. ދެން އަންޞާރިއްޔަ ޞަޙާބީ އެކަލޭގެފާނަށް ގޮވައިލެއްވިއެވެ. ތިމަންކަލޭގެފާނުގެ ޢަމަލުތައް ވާނީ ކަލޭގެފާނަށް ފެނިވަޑައިގެންފައެވެ. އޭގެ އިތުރަށް، ތިމަންނާގެ ހިތުގައި އެއްވެސް މީހަކަށް ޙަސަދަވެރިކަމެއް ނުބާއްވަމެވެ. عبد الله بن عمرو بن العاص ވިދާޅުވިއެވެ. ”ތިޔަ ކުރިއަރައި ދިޔަ ހެޔޮ ޢަމަލަކީ ތިޔައީއެވެ.“
މާޝާﷲ