ކުޅިވަރު

ވިސާ ނުލިބުމުން ދެބެންނަށް ދުނިޔޭގެ މުބާރާތުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސްޕެއިންގައި ކުރިއަށްދާ ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ޓަކައި، ރާއްޖޭގެ ގައުމީ ޑަބަލްސް ޗެމްޕިއަން ފާތިމަތު ނަބާހާ އަބްދުއްރައްޒާގާއި އާމިނަތު ނަބީހާ އަބްދުއްރައްޒާގަށް ވިސާ ހަމަނުޖެހުމުން، އެ މުބާރާތުގައި ވާދަކުރުމަށް ލިބުނު ފުރުސަތު ގެއްލިއްޖެއެވެ.

Ads by MWSC

އެ މުބާރާތުގައި ވާދަކުރަން ސްޕެއިނަށް ދިޔުމަށް ޓަކައި، ޝެންގެން ވިސާ ހަމަޖައްސަން ޖެހެނީ ކުޅުންތެރިންނާއި އެސޯސިއޭޝަން ގުޅިގެންނެވެ. އެގޮތުން ވިސާ ހަމަނުޖެހުނީ އެކަމަށް އެކަށީގެންވާ ވަގުތު ނުލިބުމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެނގިފައިވާ ގޮތުގައި ނަބީހާއާއި ނަބާހާއަށް ސްޕެއިނަށް ނުދެވޭކަން އެނގުނީ އަވަށްޓެރި ބަނގްލަދޭޝްގައި މި މަހު ބޭއްވި އިންޓަނޭޝަނަލް ޗެލެންޖް މުބާރާތުގައި ވާދަކުރުމަށް ފަހު މިދިޔަ އާދިއްތަ ދުވަހު އެނބުރި މާލެ އައި ފަހުންނެވެ.

ސްޕެއިންގައި ކުރިއަށްދާ ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕް މުބާރާތް ކުރިއަށް ދަނީ މިއަދުން ފެށިގެން މި މަހުގެ 19އާ ހަމައަށެވެ.

އެއްމާބަނޑު ދެބެން ކަމަށްވާ ނަބީއާއި ނަބާ ކޮލިފައިވީ ވޯލްޑް ރޭންކިންގައި އެ ދެ ކުޅުންތެރިންގެ ރޭންކް ރަނގަޅުވުމުންނެވެ. މިވަގުތު ރޭންކިންގްގެ ގޮތުން 117ގައި އޮތް ނަމަވެސް، މި ދެ ކުޅުންތެރިން މީގެ ކުރިން ވަނީ ދުނިޔޭގެ އެންމެ ގަދަ 100ގައި ވެސް ހިމެނިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!