އޭޝިއަން ކްރޮސް ކަންޓްރީއަށް ގައުމީ ޓީމް ހޮންކޮންގަށް
މި މަހުގެ 20ވަނަ ދުވަހު ހޮންކޮންގްގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ އެތުލެޓިކްސް ޓީމް މިއަދު އެ ގައުމަށް ހިނގައްޖެއެވެ.
ސައުތު އޭޝިއާ ހިމެނޭހެން އޭޝިއާގެ އެތައް ގައުމަކުން ބައިވެރިވާ 10ކިލޯ މީޓަރު ދުވުމުގެ މި ރޭހުގައި ރާއްޖޭގެ ގައުމީ ޓީމް ތަމްސީލްކުރާ ހަތަރު އެތުލީޓުންނަކީ ވެސް އައިލެންޑް ރަނަރސް މޯލްޑިވްސްގެ އެތުލީޓުންނެވެ. އެ އެތުލީޓުންނަކީ ޔޫސުފް އިބްރާހީމާއި ޢަބްދުﷲ ރަޝީދާއި ކިނާނަތު ޙުސައިންގެ އިތުރުން އުސައިދު މޫސާއެވެ. މި އެތުލީޓުން ހޮވައިފައި ވަނީ ތުރުކީގައި މި އަހަރު އޮތް އަނަޓޯލިއާ މެރެތަންގެ 10 ކިލޯ މީޓަރުގައި އެތުލީޓުން ނެރެފައިވާ ޓައިމިންއަށް ބަލައިގެންނެވެ. ހަމަ އެހެންމެ މި އަހަރުގެ ގައުމީ މުބާރާތުގެ 10 ކިލޯ މީޓަރު އިވެންޓްގައި ޓައިމިންއަށް ވެސް ބަލައިފައި ވެއެވެ.
މި ޓީމްގެ ކޯޗަކަށް، އެސޯސިއޭޝަނުން ހަމަޖައްސައިފައި ވަނީ އައިލެންޑް ރަނަރސްގެ ވެސް ކޯޗް ނަޞްރުﷲ އަޙްމަދެވެ. އަދި މެނޭޖަރަކަށް ހަމަޖައްސައިފައި ވަނީ ޢަލީ ވިއާމެވެ.
މި މުބާރާތާ ގުޅޭ ގޮތުން "ދެން"އާ ވާހަކަދައްކަމުން ކޯޗް ނަޞްރު ބުނީ އޭޝިއާގެ ހުރިހައި ގައުމަކުން ބައިވެރިވާ މުބާރާތެއް ނަމަވެސް އަބަދުވެސް އަމާޒަކީ އެންމެ މޮޅު ހޯދުންކަމަށެވެ.
"އެންމެ މޮޅަށް ވިސްނައިގެން، އެންމެ ދުރު ބަލައިގެން ، އެންމެ މޮޅުގައި އަތްލެވޭނީ ، އެހެންވީމާ އަމާޒަކީ އެއީ ، އެ އަމާޒުގައި މަސައްކަތްކޮށްގެން މި ދެކޭ ކާމިޔާބު ހޯދޭނީ" ނަސްރު ބުންޏެވެ.