ގައުމީ ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން ސިފައިންއަށް
ގައުމީ ބިލިއާޑް މުބާރާތުގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބު ހޯދައިފި އެވެ.
މޯލްޑިވްސް ޕޫލް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި އެ މުބާރާތުގެ ޗެމްޕިއަންކަން ސިފައިންގެ ކުލަބުން ހޯދާފައިވަނީ ރޭ ކުޅުނު މުބާރާތުގެ އެންމެ ފޯރިގަދަވި އިވެންޓު ކަމަށްވާ ޓީމު އިވެންޓުގެ ފައިނަލުގައި ލޮރެންޒޯއާއި ވާދަކޮށް 3-2 މެޗު ކާމިޔާބުކޮށްގެންނެވެ.
މުބާރާތުގެ ވަނަތައް ހޯދި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދު ﷲ ރާފިއު އާއި ދިވެހި ސިފައިންގެ ކުލަބުގެ ރައީސް ކާނަލް އަހްމަދު ޒުބެއިރު އަދި ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ އެވެ.
މިއަހަރުގެ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ސިންގަލްސް އަދި މިކްސް ޑަބަލްސްގަ އެވެ.
ސިންގަލްސް އިވެންޓުތަކުގެ ތެރެއިން ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ދުންޔާޒު ހޯދާފައިވަނީ، ފައިނަލުގައި ހުސެއިން ފަޔާޒް ބަލިކޮށްގެންނެވެ. އަދި އަންހެން ސިންގަލްސް ޗެމްޕިއަންކަން އާމިނަތު ފާތީ ހޯދީ ފައިނަލުގައި ފަގީހާ އިބްރާހީމް ބަލިކޮށްގެންނެވެ.
މިކްސް ޑަބަލްސް ޗެމްޕިއަންކަން ހަސަން ޝާޒް މުހައްމަދާއި އާމިނަތު އަޒުރާ ޕެއާއެއްގެ ގޮތުގައި ވާދަކޮށް، ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މުހައްމަދު އަކްސަމް ވަހީދާއި ދީނާ އަހްމަދު ބަލިކޮށްގެންނެވެ. އަދި އަންހެން ޑަބަލްސް ޗެމްޕިއަންކަން ދީނާ އަހްމަދާއި އައިޝަތު ޔަޝްފާގެ ޕެއާ ހޯދީ ފައިނަލުގައި އައިޝަތު އަލީ އާއި އާމިނަތު ފާތީ ބަލިކޮށްގެން ނެވެ.
ފިރިހެން ޑަބަލްސް ޗެމްޕިއަންކަން މުހައްމަދު ޝަރީފް އާއި މުހައްމަދު ސަމީރުގެ ޕެއާ ވާދަކޮށް، މި ޕެއާ ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލުގައި އިސްމާއީލް ސުވެއިދު އާއި މުހައްމަދު އަފީފްގެ ޕެއާ ބަލިކޮށްގެންނެވެ. އަދި ދެވަނަ ޑިވިޝަނުގެ ފިރިހެން ޗެމްޕިއަންކަން ހަސަން އުސްވަތުﷲ ހޯދާފައިވަނީ ފައިނަލުގައި އަބްދުﷲ އަފީފް ބަލިކޮށްގެންނެވެ.