ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް މިއަދު ހުޅުވައިފި އެވެ.
އުމުރުން 51 އަހަރުގައި ސާންތީ ނިޔާވީ ކެންސަރު ބަލީގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ ހޮނިހިރު ދުވަހުގެ ރެއެވެ.
ސާންތީގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް މިއަދު ހުޅުވީ ސްޕޯޓްސް މިނިސްޓްރީން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ތައުޒިޔާގެ ދަފްތަރު ހުޅުވައި ދެއްވީ ވެސް މިނިސްޓަރު އަބްދުﷲ ރިފާއެވެ.
އެ ރަސްމިއްޔާތުގައި ސާންތީގެ އާއިލާ މެންބަރުން ބައިވެރިވި އެވެ. މުޅި ފުޓުބޯޅަ އާއިލާ ބައިވެރިވި އެވެ. ގައުމީ ޓީމުގެ ކޯޗު އަލީ ސުޒައިނާއި، އެހެން ކޯޗުންގެ އިތުރުުން ކްލަބްތަކުގެ ވެރިން އަދި މިހާރުގެ ކުޅުންތެރިންނާއި ކުރީގެ ކުޅުންތެރިން ވެސް ބައިވެރިވި އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުގައި 2001 އިން 2008 އަށް މަސައްކަތްކުރި ސާންތީ މަޝްހޫރުވެގެން ދިޔައީ ކްލަބް އީގަލްސްގެ ކޯޗުގެ މަގާމުންނެވެ.
އެ ކްލަބުގެ ކޯޗުގެ މަގާމުން ވަކިވުމަށް ފަހު ސާންތީ ވަނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުުވެސް އަދާކޮށްފަ އެވެ. އޭގެ ފަހުން 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަސައްކަތްވެސް ސާންތީ އަދާކުރި އެވެ.
ސާންތީ ވަނީ ކްލަބު އޭދަފުށީގެ ކޯޗުކަންވެސް ކޮށްފަ އެވެ. އޭގެ ފަހުން ޔުނައިޓެޑް ވިކްޓްރީއަށް ކޯޗުކަން ކޮށްދީފައިވާ ސާންތީ އަލުން އީގަލްސްގެ ކޯޗުކަމާ ހަވާލުވީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
އެކަމަކު ބަލި ހާލަތު ހުރި ގޮތުން އެ އަހަރުގެ ޖޫން މަހު ކޯޗުކަމުން ސާންތީ ވަކިވި އެވެ. އެއަށް ފަހު ފުޓްބޯޅައިގެ ރަސްމީ މަގާމެއް އޭނާ އަދާއެއް ނުކުރެ އެވެ.