ޚަބަރު

ރިޔާސީ ދައުރު 10 އަހަރަށް ދަންމައިލާން ޖާބިރު ހުށަހަޅައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާގެ ދައުރު 10 އަހަރަށް ދިގު ދަންމައިލާން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވައިފިއެވެ.

Ads by MWSC

މިހާރު ރިޔާސީ ދައުރަކީ ފަސް އަހަރެވެ.

ޑީއާރުޕީގެ ލީޑަރު، ޖާބިރު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ޤާނޫނު އަސާސީ ތަޞްދީޤު ކުރެވުނު ފަހުން ބޭއްވުނު ރިޔާސީ އިންތިޚާބުތަކުގެ މައްޗަށާއި، އަދި ރާއްޖޭގައި ވެރިކަން ހިންގަމުން އަންނަ ގޮތަށް ބަލައި ވިސްނާއިރު، ރާއްޖޭގައި ވެރިކަން ހިންގުމުގައި އެތަކެއް ސިޔާސީ ހުރަސްތަކެއް ހުރުމާއި އިޤްތިސާދީ ގޮތުން ހުރި ގޮންޖެހުންތަކަށް ރިއާޔަތްކޮށް ރައީސުލް ޖުމްހޫރިއްޔާގެ ދައުރު ދިހަ އަހަރަށް ދަންމައިލާން ހުށަހަޅާ ކަމަށެވެ.

މިގޮތަށް ހުށަހަޅައިފައި ވަނީ މިއަދުގެ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުހައްމަދު ސޯލިހަށް ކޮވިޑް19ގެ ހާލަތާ އެކު ވެރިކަމުގެ މުއްދަތުގެ ތެރެއިން 2 އަހަރަށް ވުރެ ބޮޑު މުއްދަތެއް ގެއްލިފައިވާތީ، ރައްޔިތުންނަށް ވައުދުވެފައިވާ ތަރައްޤީގެ މަޝްރޫއުތައް ފުރިހަމަކޮށްދިނުމަށް ހުރަސް އެޅިފައިވާތީ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު އިތުރަށް ވިދާޅުވީ، އެފަދަ އިސްލާޙެއް ހުށަހަޅައިފައި ވަނީ،  5 އަހަރު ދުވަހުގެ މުއްދަތަކީ އެކަށީގެންވާ މުއްދަތެއް ނޫންކަން މިޤާނޫނު އަސާސީގެ ދަށުން އިންތިހާބުވި ހުރިހާ ރައީސުންގެ ބަސްމަގުން އެނގޭތީއާއި ރައްޔިތުންގެ ޚިޔާލުން އެނގޭތީ ކަމަށެވެ.

Ads by Allied Insurance
  1. ރިޔާސީ ދައުރަށް ބަދަލް ގެނެވޭނީ ރައްޔިތުންގެ ރިފެރެންޑަމަކަށް ގޮސްގެން !