ކަރީނާ ކޮވިޑަށް ފައްސި ، ހާލު ރަނގަޅު
ބޮލީވުޑްގެ މަޝްހޫރު ތަރި ކަރީނާ ކަޕޫރް ޚާން ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.
ކަރީނާގެ ބައްޕަ ރަންދީރު ކަޕޫރާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކަރީނާއަށް މި ބަލި ޖެހިފައިވާކަން ކަށަވަރުވެފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. ކަރީނާ ބައްޔަށް ޓެސްޓް ކޮށްފައި ވަނީ އާދީއްތަ ދުވައެވެ. އެއީ ބަލީގެ އަލާމާތް ކަމަށްވާ ރޯގާއާއި ހުން އައިސް ގައިގައި ރިއްސަން ފެށުމުންނެވެ.
"ކަރީނާ މިވަގުތު ހުރީ ހޯމް ކަރަންޓީންގައި، އެހެންވެ އަޅުގަނޑު ދެންނެވިން ކުދިން އަޅުގަނޑުގެ ގެއަށް ފޮނުވަން، އެކަމަކު ތައިމޫރާއި ޖެހްއަށް އޭނާއާ އެކު ތިބެވޭނެ ކަމަށް ބުނީ." ރަންދީރު ބުންޏެވެ.
ކަރީނާގެ ބައްޕަ ބުނީ، ވަރުބަލިކަން އިޙްސާސްވުން ފިޔަވާ އިތުރު އެެއްވެސް ކަމެއް ކަރީނާއަކަށް ކުރިމަތި ނުވާ ކަމަށާއި ހުރީ ވަރަށް ފިޓްކޮށް ކަމަށެވެ.
ކަރީނާއާ އެކު އޭނާގެ ގާތް އެކުވެރިޔާ އަމްރިތާ އަރޯރާ ވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ އޭއެންއައިއިން ބުނާ ގޮތުގައި ކަރީނާއާއި އަމްރިތާ ވަނީ ކޮވިޑްގެ މިންގަނޑުތަކާ ހިލާފުވެ، ކޮވިޑް-19 ޓެސްޓް ކުރުމަށް ފަހު ގިނަ ޕާޓީތަކަކަށް ގޮސްފައެވެ. އެ ދެ އެކްޓަރުންނާ އެއްތާވި މީހުން އާރްޓީ-ޕީސީއާރު ޓެސްޓު ހެދުމަށް މިހާރު ވަނީ އަންގައިފައެވެ.
މި ދެމީހުން ދާދި ފަހުން، އާރްޔާ ކަޕޫރު ހޯސްޓްކުރި ޕާޓީއެއްގައި ބައިވެރިވެފައިވެއެވެ. އެ ޕާޓީގެ ތެރެއިން ނަގައިފައިވާ ސްނެޕްޗެޓް ފޮޓޯތަކެއް މީސްމީޑިއާގައި ދައުރުވެއެވެ. އެ ޕާޓީގައި ބޮލީވުޑްގެ ގިނަ ފަންނާނުން ބައިވެރިވިއެވެ. އޭގެ ތެރޭގައި މަލައިކާ އަރޯރާއާއި ކަރިސްމާ ކަޕޫރާއި ކަރީނާގެ މެނޭޖަރު އަދި މަސާބާ ގުޕްތާ ވެސް ހިމެނެއެވެ. މީގެ އިތުރުން "ކައްބީ ޚުޝީ ކައްބީ ޣަމް"އަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޕާޓީގައި ވެސް ކަރީނާ ބައިވެރިވެފައެވެ.
ކަރީނާގެ ކުރިއަށް އޮތް މަސައްކަތަކީ އާމިރް ޚާންއާ އެކު ކުޅޭ "ލާލް ސިންގް ޗަދާ" ފިލްމެވެ. މި ފިލްމަކީ އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ ޑްރާމާ "ދަ ފޮރެސްޓް ގަމްޕް"ގެ އޮފިޝަލް އެޑަޕްޓޭޝަނެކެވެ. އޭގެ އިތުރުން ކަރީނާ ވަނީ އޭކްތާ ކަޕޫރާއި ހަންސަލް މެހެތާ ގުޅިގެން އޭނާގެ ފުރަތަމަ ޕްރޮޑަކްޝަން ވެންޗާ ވެސް އިއުލާންކޮށްފައެވެ. މި މަޝްރޫއުގެ ތަފްސީލް އަދި ހާމަކޮށްފައެއް ނުވެއެވެ.