ޚަބަރު

"ހަފްތާރެސް" މިފަހަރު ފޮނަދޫގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
"ހަފްތާރެސް" ޕްރޮގްރާމް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ޔޫތު މިނިސްޓްރީން ހަފްތާ ބަންދަށް ހާއްސަކޮށްގެން ކުރިއަށްގެންދާ "ހަފްތާ ރެސް" ލ. ފޮނަދޫގައި ފަށައިފިއެވެ.

Ads by Hajj Corporation

މާލޭގައި ބާއްވަން ފެށި ހަފްތާ ރެސް ޕްރޮގްރާމް ފުޅާކޮށް، ޔޫތު މިނިސްޓްރީން މިހާރު ދަނީ އަތޮޅު ތެރޭގެ ރަށްތަކުގައި މި ޕްރޮގްރާމް ހިންގަމުންނެވެ. ކޮވިޑް-19އާ ގުޅިގެން މެދުކެނޑުމަކަށް ފަހު މިދިޔަ މަހު ދ. ކުޑަހުވަދޫގައި މި ޕްރޮގްރާމް ވަނީ ބާއްވައިފައެވެ.

މިއަދުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މި ޕްރޮގްރާމުގައި ލާމު އަތޮޅުގެ ހުރިހާ ރަށަކުން ބައިވެރިވާނެއެވެ. މިއަދު ހެނދުނު އަތޮޅުގެ މީހުން ދިރިއުޅޭ 11 ރަށުން، ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބޭފުޅުންނާ އެކު، ލީޑަރުންނަށް ޚާއްސަކޮށްގެން ސެޝަނެއް ވަނީ ބާއްވައިފައެވެ.

"ދެން"އަށް މައުލޫމާތު ދެއްވަމުން މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމެންޓްގެ އެސިސްޓެންޓް ޕްރޮގްރާމް އޮފިސަރ އައިޝަތު ނަޚުމާ ރަޝީދު ވިދާޅުވީ، މާލޭގައި ކުރިން ބާއްވަމުން އައި ހަފްތާރެސް އަތޮޅު ތެރޭގެ ރަށްރަށަށް ވެސް ފުޅާކޮށް، މުޅި އަތޮޅުގެ ބައިވެރިވުމާ އެކު ކުރިޔަށް ގެންދާ ގޮތަށް ނިންމަވައިފައިވާ ކަމަށެވެ.

"ކުރިން މި ޕްރޮގްރާމް ކުރިޔަށް ގެންދާ ކޮންސެޕްޓާއި މިހާރު ކުރިޔަށް ގެންދާ ކޮންސެޕްޓް ތަފާތުވާނެ. ކުރިން އިންނާނީ ހަމައެކަނި ހަވީރު ގަޑީގައާއި ރޭގަނޑު ގަޑީގަ. އެއީ ކުޑަކުދިންގެ ހަވީރަކާއި މާކެޓް ސްޓޯލްތަކާ އެކު އެންޓަޓައިމެންޓް ހަރަކާތްތަކެއް. މިހާރު ކުރިޔަށް މި ގެންދަނީ ކައުންޓަރ ޓެރެރިޒަމްއާ ގުޅިގެން އެވަޔަރނަސް ސެޝަންސްތަކާ އެކު" ނަޚުމާ ވިދާޅުވިއެވެ.

ނަޚުމާ ވިދާޅުވީ، މިފަދަ ޕްރޮގްރާމެއް ބޭއްވުމުގެ މަޤްސަދަކީ ޒުވާނުންގެ ހުނަރުތައް ދައްކައިލުމާއި، ކޮވިޑް-19 ތާށި ކަމާއެކު އެންމެން ބަންދުވެ، ހާސްވެފައިވާ ދަނޑިވަޅެއްގައި، އެއްތަނަކުން އެންމެން ބައްދަލުވެ ގުޅުންތައް ބަދަހިކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.

ހަފްތާރެސްގެ ޕްރޮގްރާމްތަކުގެ ތެރޭގައި، ހުކުރު ދުވަހު ހެނދުނު ރަށުގެ އެންމެން އެއްތަންވެ، ހެނދުނުގެ ޚާއްސަ ސައެއް އޮންނައިރު، އެ ދުވަހު ހަވީރު ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ނިންމަވައިފައެވެ. މީގެ އިތުރުން ޒުވާނުން ހޭލުންތެރި ކުރުވުމާއި، ބެލެނިވެރިން ހޭލުންތެރިކުރުވުމަށް، އެވަޔަރނަސް ސެޝަންތަކެއް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމަވައިފައެވެ. މީގެ އަތޮޅުގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނާއި ޓީޗަރުންނަށް އަމާޒުކޮށްގެން ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމެއް ބޭއްވުމަށް ވަނީ ނިންމަވައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!