ކޮމަންޑޫ ދާއިރާގެ އެމްއެންޕީގެ ޓިކެޓަށް ހުޅުވައިލައިފި
ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީއިން ވާދަ ކުރާނެ ކެނޑިޑޭޓަކަށް ފުރުސަތު ހުޅުވައިލައިފިއެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ، 5 ފެބްރުއަރީ 2022ގައެވެ. ބައި އިލެކްޝަންގައި ބައިވެރިވުމުގެ ފަހު ތާރީޚަކީ މިމަހުގެ 30 ވަނަ ދުވަހެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ގޮނޑި ފުރުއްވަމުން ގެންދެވި ހުސެއިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ.
އެމްއެންޕީއިން ވިދާޅުވީ، ކޮމަންޑޫ ދާއިރާއަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 26ވަނަ ދުވަހު ހަވީރު 5:00އާ ހަމައަށް އޮންނާނެ ކަމަށާއި އެއް ފަރާތަކަށް ވުރެ ގިނަ ފަރާތަކުން ކުރިމަތިލާ، ޕްރައިމަރީއަކަށް ދާން ޖެހޭ ހާލަތުގައި 28 ވަނަ ދުވަހު ޕްރައިމަރީގެ ވޯޓް ލުން ކުރިޔަށް ދާނެ ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާނެ ކަމަށް މިހައިތަނަށް އިއުލާން ކޮށްފައި ވަނީ އެމްއެންޕީގެ އިތުރުން އެމްޑީޕީއާއި ޕީޕީއެމުންނެވެ. ޕީޕީއެމްއިން ވެސް ވަނީ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވައިލައިފައެވެ.