ޚަބަރު ސަރުކާރު

ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރާނަން: ޗައިނާ ސަފީރު

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރު ވަން ލީޝިން، ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި ދެބޭފުޅުން ވަނީ އެކި ދާއިރާތަކުން ގިނަ މަޝްވަރާތަކެއް ކުރައްވައިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ލީޝިންއަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި އެކަމަނާގެ ސަފީރުކަމުގެ މުއްދަތުގެ ތެރޭގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އެކުވެރި ގުޅުންތައް ހަރުދަނާވެ ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާނެކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ވަރަށް ޒަމާންވީ ގާތް ގުޅުމެއް ގާއިމުވެފައިވާ ކަމުގައި ވިދާޅުވިއެވެ. އެގޮތުން ތަރައްޤީގެ ސަފުގައި އެ ޤައުމުން ދިވެހިރާއްޖެއަށް ދެއްވާ އެހީތެރިކަމާއި އެއްބާރުލުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ދެއްކެވި ވާހަކަފުޅުގައި، ކޯވިޑްގެ ޙާލަތުގައި ޗައިނާއިން ވެދެއްވި އެހީތެރިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ޗައިނާއިން ރާއްޖެއަށް އެކިއެކި ދާއިރާތަކުން، ޚާއްސަގޮތެއްގައި ފަތުރުވެރިކަމާއި ޞިއްޙަތާއި އުމްރާނީ ތަރައްޤީއާއި، މަތީ ތަޢުލީމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް އެ ޤައުމުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައިފައެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދިވެހިރާއްޖެއިން "ވަން ޗައިނާ" އުޞޫލުގައި ހިފަހައްޓާނެކަމުގެ ޔަޤީންކަން އަރުވާފައެވެ. އަދި ޖީ20 ގެ ޑެޓް ސަރވިސް ސަސްޕެންޝަންގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ކުރި މަސައްކަތަށް ޗައިނާ ސަރުކާރުން ދެއްވި އެއްބާރުލުމަށް ޓަކައި ޝުކުރުއަދާކުރައްވައިފައި ވެއެވެ. ޖީ20ގެ ޑެޓް ސަރވިސް ސަސްޕެންޝަންގައި ދިވެހިރާއްޖެއަށް ބައިވެރިވެވުމުގެ ސަބަބުން ކޯވިޑް19އަށް ފަހު ޤައުމުގެ އިޤްތިޞާދު އަލުން ފަށައިގަތުމަށް ވަރަށް ބޮޑު އެހީއަކަށްވި ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

‎ޗައިނާ ސަފީރުގެ ވާހަކަފުޅުގައި، ޗައިނާ ސަރުކާރުގެ ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އަރިސްކުރައްވައިފައިވެއެވެ. އެ ކަމަނާގެ ވާހަކަފުޅު ކުރިއަށްގެންދަވަމުން ވަނީ، ކޯވިޑްގެ ބަލިމަޑުކަމުން އަރައިގަތުމުގައި ދިވެހި ސަރުކާރުން މުހިއްމު ސިޔާސަތުތަކެއް ތަންފީޒުކޮށް، ކުރު މުއްދަތެއްގެ ތެރޭގައި ބޯޑަރުތައް ހުޅުވައިލައި ކާމިޔާބުކަމާ އެކު ފަތުރުވެރިކަން ހުޅުވައިލެއްވީތީ، އެކަމަށް ޓަކައި ތަޢުރީފު ކުރައްވައިފައެވެ. އަންނަ އަހަރަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 50 އަހަރުފުރޭ ރަންޔޫބީލް އަހަރުކަން ފާހަގަކުރައްވައި އެ މުނާސަބަތު ފާހަގަކުރުމަށް އެކިއެކި ހަރަކާތްތައް ހިންގުމަށް ރާވަމުންދާކަމުގައި އެ ކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

‎ސަފީރު ލީ ޝިންގެ ވާހަކަފުޅުގައި، ދެ ޤައުމުގެ މެދުގައި އޮތް ގުޅުންތައް އިތުރަށް ބަދަހިކޮށް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފައިވެއެވެ. އެގޮތުން މެޑިކަލް ޓީމުތައް ފޮނުވުމާއި ދެ ޤައުމު ދޭތެރޭ އޮތް އިޖްތިމާޢީ އަދި ޒަމާންވީ ސަގާފީ ގުޅުންތައް ހަރުދަނާ ކުރުމަށް އިސްކަންދެއްވާނެކަން ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުން ނިންމަވައިލައްވައިފައި ވަނީ ދެ ޤައުމުގެ މެދުގައި އޮތް ގާތް އެކުވެރި ގުޅުންތައް ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރުމުގެ ރޫޙު އާލާކުރައްވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!