ވިޔަފާރި

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރަން ބީލަމަށް ހުޅުވައިލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަށް އިންޑިއަން އެގްޒިމް ބޭންކުން ޝޯޓްލިސްޓްކޮށްފައިވާ ފަރާތްތަކަށް މިމަޝްރޫޢަށް ބީލަން ހުށަހެޅުމަށް ހުޅުވައިލައިފިއެވެ.

Ads by Sosun Fihaara

ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 25 ޖަނަވަރީ 2022އެވެ. މި މަޝްރޫޢަކީ އިންޑިއާގެ އެގްޒިމްބެންކުގެ ލޯނު އެހީގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 46.2 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 3.1 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ޖާގައިގެ ޓަރމިނަލެއް ޢިމާރާތް ކުރެވޭނެ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ޤާއިމުކުރެވިގެންދާނެ ކަމަށާއި މިމަޝްރޫޢު ނިމުމުން ބައިނަލްއަޤްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް A320އާއި ބޯއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއަރޕޯޓުން ޚިދުމަތް ދެވިގެން ދާނެ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވިއެވެ.

މީގެ އިތުރުން މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ޤާއުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދުއަށް އޮޕަރޭޓް ކުރުމުގެ ޤާބިލުކަން ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރިޔަށް ގެންދަމުންދާ މަޝްރޫޢެކެވެ. އަދި މި މަޝްރޫޢަކީ ރާއްޖޭގެ އުތުރުގައި އިޤްތިޞާދީ މައި ހަބެއް ޤާއިމުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިޔަށް ގެންދެވޭ މުހިއްމު މަޝްރޫޢެކެވެ.

މިގޮތުން މި މަޝްރޫޢަކީ އުތުރުގައި ރިސޯޓުތަކާއި، ސިޓީ ހޮޓަލާއި ގެސްޓްހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް މުހިއްމު މަޝްރޫޢެކެވެ. މީގެ އިތުރުން ބޮޑުކަންނެލީގެ މަސްވެރިކަމާއި މިނޫން ވެސް ތަފާތު އެކި ސިނާޢަތްތައް ތަރައްޤީކޮށް، އުތުރުގެ އިޤްތިޞާދު ފުޅާކުރުމަށް މި މަޝްރޫޢު މުހިއްމު ދައުރެއް އަދާކުރާނެއެވެ. 2022 ވަނަ އަހަރުގެ މެދުތެރޭގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިގެން ދާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!