ޚަބަރު

ހުޅުމާލޭ ރަޖިސްޓްރީ ބާތިލްކުރި މައްސަލަ ސިވިލްކޯޓަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ހުޅުމާލެ ދެވަނަ ފިޔަވަހި، ިޔާ ފްލެޓް
ހުޅުމާލެ ދެވަނަ ފިޔަވަހި، ިޔާ ފްލެޓް/ ދެން އިމޭޖްސް

މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ބިމުގެ ރަޖިސްޓަރީ ބާތިލްކުރަން ނިންމި މައްސަލައަކީ ޤާނޫނާއި ޚިލާފު ނިންމެވުމަށް ކަމަށް ކަނޑައަޅައި ދެއްވައި އެނިންމުން ބާޠިލުކޮށްދިނުމަށް އެދި ސިވިލް ކޯޓަށާއި އެލް.ޖީ.އޭއަށް އެޗްޑީސީން މައްސަލަ ހުށަހަޅައިފިއެވެ.

Ads by MWSC

ހުޅުމާލޭގެ ބިމުގެ ރަޖިސްޓްރީ މާލެ ސިޓީ ކައުންސިލުން ބާތިލްކޮށްފައިވަނީ އިއްޔެގައެވެ. މިމައްސަލާގައި އެޗްޑީސީން ވިދާޅުވީ ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ރަޖިސްޓަރީ ބާޠިލް ކޮށްފައިވާކަން އަންގާ މާލެ ސިޓީ ކައުންސިލުން ވަނީ ސިޓީއަކުން އަންގާފައިކަމަށެވެ.

ނަމަވެސް މި ނިންމެވުމަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ޚައްޤާއި، ބިމާއި ބެހޭ ޤާނޫނުގެ 24 ވަނަ މާއްދާގެ (ށ) އާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 56-2 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ނިންމަވާފައިވާ ނިއްމެވުމެއްކަމަށެވެ.

އެހެންކަމުން މިކަން ބައްލަވާދެއްވާ މި ނިންމެވުމަކީ ޤާނޫނާއި ޚިލާފު ނިންމެވުމެއް ކަމަށް ކަނޑައަޅައި ދެއްވައި، އެނިންމެވުން ބާޠިލުކޮށްދެއްވައި، ޤާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރެއްވުމަށް މާލެ ސިޓީ ކައުންސިލަށް އަންގަވައިދެއްވުމަށް އެދި ސިވިލް ކޯޓަށާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް މިއަދު ހުށަހަޅާފައިވާނެކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ޤާނޫނަށް ގެނައި ބަދަލާއިއެކު ކައުންސިލްތަކަށް ވަނީ ބޮޑެތި ބާރުތަކާއި އިޚްތިޔާރުތައް ލިބިދީފައެވެ. ލާމަރުކަޒީ ޤާނޫނުގެ 2-56ވަނަ މާއްދާގައި ވާގޮތުން، ސިޓީ ކައުންސިލާއި ރަށު ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދަލުގެ މިލްކުވެރިކަން ލިބިގެންވަނީ ކައުންސިލަށެވެ. އަދި އެނޫން އެފަދަ ތަންތަނަކީ ދައުލަތުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ދައުލަތުގެ މިލްކެވެ.

މި މާއްދާގެ (ހ) ގައި އެހެން އޮތްނަމަވެސް، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޢާންމު ރައްޔިތުންނަށާއި ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދަލާއި، ޤައުމީ ސަލާމަތަށް ކަނޑައަޅާފައިވާ ތަންތަނުގެ މިލްކުވެރިކަން ލިބިގެންވަނީ މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އެތަނެއްގެ މިލްކުވެރިކަން އޮތް ފަރާތަކަށް ކަމުގައެވެ.

ހުޅުމާލޭގެ ބިމަކީ އެޗްޑީސީގެ އަމިއްލަ ބިމެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީވެސް ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް މިހާރުގެ މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ހުންނަވައިގެންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!