ލައިފްސްޓައިލް

72 ކިލޯ ލުއިކޮށްލައި ފަޔަރފައިޓަރަކަށްވުމުގެ ހުވަފެން ހަގީގަތަކަށް ހަދައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އުމުރުން 43 އަހަރުގެ ޕެނީ ލީވަރ ނަމަކަށް ކިޔާ އަންހެނެއް ތިން އަހަރު ދުވަހުގެ ތެރޭގައި 150 ޕައުންޑަށް ވުރެ ބޮޑަށް ބަރުދަން ލުއިކޮށްލައިފިއެވެ.

Ads by Sosun Fihaara

އޭނާ ބުނީ ބަރުދަން އިތުރުވާން ފެށީ ކޮލެޖުގައި އުޅުނުއިރު، ދިރިއުޅުމުގެ އާދަތައް ބަދަލުކުރުމުގެ ސަބަބުން ކަމަށެވެ. އަދި މީގެ ތިން އަހަރު ކުރިން، ބަރުދަނުގައި 300 ޕައުންޑު ހުރި ކަމަށާއި އެކަމުގެ ސަބަބުން ފުރާނައަށް ނުރައްކާވާ ފަދަ ހާލަތްތައް ކުރިމަތިވަމުން ދިޔަ ކަމަށެވެ. އެގޮތުން އެއްފަހަރު ހާޓްބީޓް އަވަސް ވެގެން އެމަޖެންސީކޮށް ފަރުވާ ދޭން ޖެހުނު ކަމަށް އޭނާ ކިޔައިދިނެވެ.

އެފަހަރު ފަރުވާ ދިނުމަށް ފަހު ހިތުގެ ހާއްސަ ޑޮކްޓަރަކު ލީވަރއަށް ކިޔައިދިން ގޮތުގައި އޭނާގެ ހިތުގެ މަތީގެ ޗެމްބަރތަކަށް އަސަރުކުރާ އާދަޔާ ހިލާފަށް އަވަސް ނުވަތަ އެލާޖިކް ހާޓްބީޓެއް ކަމަށްވާ ސްޕްރާވެންޓްރިކިއުލާ ޓަޗީކާޑިއާ (އެސްވީޓީ) ހުންނަ ކަމަށެވެ.

މި ރެޕިޑް ހާޓްބީޓްއާއި އޭގެ ސަބަބުން ދިމާވެދާނެ އަލާމާތްތަކުން ސަލާމަތްވުމަށް ގަވާއިދުން ކަސްރަތުކޮށް، ސްޓްރެސް ކުޑަކޮށް، ބެލެންސްޑް ޑައިޓެއް ކެއުމާއި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރަން ޖެހޭނެ ކަމަށް ޑޮކްޓަރުން އޭނާއަށް ލަފާދިނެވެ.

ހިތުގެ ބަލީގެ ހާއްސަ ޑޮކްޓަރުގެ އެ އިންޒާރާއެކު ލީވަރ ބުނީ އޭނާ ދެން ނިންމީ ބަރުދަން ލުއިކުރަން ކަމަށެވެ.

ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރުމުގެ އިތުރުން، ލީވަރއަށް އޭނާގެ ކެރިއަރު ބަދަލުކޮށް ފަޔަރފައިޓަރަކަށް ވުމަށް ހިތްވަރު ލިބުނު ކަމަށް އޭނާ ބުންޏެވެ. އަދި އަމާޒަކީ 2022ވަނަ އަހަރު ފަޔާފައިޓަރެއްގެ ގޮތުގައި "ފުލީ ސެޓިފައިޑް" ވާން ކަމަށް އޭނާ ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!