ގޯތީގެ މައްސަލައިގައި ސިޔާސީ މަންފާއަށް ވާހަކަ ދައްކާ މީހުން އެބަ އުޅޭ: ރައީސް ޞާލިޙް
ރާއްޖޭގައި ބޯހިޔާވެހިކަމުގެ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށާއި އެހެން ނަމަވެސް، ސިޔާސީ މަންފާއެއް ހޯދަން އެ ވާހަކަ ބަޔަކު ދައްކަމުން އަންނަ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މިހާރު ފެނާއި ނަރުދަމާ ގާއިމު ނުކުރެވި އޮތް 23 ރަށުގައި އެ މަސައްކަތް ކުރުމަށް އެ މަސައްކަތް ކުރާ ކުންފުނިތަކާ ހަވާލު ކުރުމަށް މިއަދު އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަކީ، ރައްޔިތުންނަށް ހޯދައިދޭން ޖެހޭ އަސާސީ ޚިދުމަތުގެ ތެރެއިން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ، ބައެއް ފަރާތްތަކުން ކަމުގެ ސީރިޔަސްކަން އެނގިތިބެމެ، ސިޔާސީ ބޭނުމަށް އެ ވާހަކަ އަނބުރައިގެން ދައްކަމުން އަންނަ ކަމަށެވެ.
"ސިޔާސީ ފައިދާ ހޯދުމަށް ކަނޑައެޅިގެން ކަން އޮތް ގޮތް އެނގިގެން މިވާހަކަ ދައްކާ މީހުން އެބަ އުޅޭ." ރައީސް ޞާލިޙް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން މާލޭގެ ރައްޔިތުންގެ ގޯތިގެދޮރުގެ މަސައްކަތްތަކަށް ހައްލެއް ހޯދައިދެއްވާނެ ކަމަށެވެ. އެގޮތުން މިހާރު ވެސް ހުޅުމާލޭގައި 5000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އަދި މާލޭގެ ރައްޔިތުންނަށް އެ ސަރަހައްދުން ގޯތި ދިނުމަށް ރާވައިފައިވާ ކަމުގެ ޔަގީންކަން ދެއްވެވިއެވެ.
"އިރާދަކުރެއްވިއްޔާ މިސަރުކާރުގައި މާލޭގެ ރައްޔިތުންގެ ބޯހިިޔާވަހިކަމާއި ގޯތި ގެދޮރުގެ މައްސަލައަށް ވެސް ހައްލެއް ހޯދައިދޭނަން،" ހުޅުމާލެއިން ބިން ވިއްކަން އެޗްޑީސީން ނިންމުމާ ގުޅިގެން ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށް ރައީސް ޞާލިޙް ވަނީ ހުޅުމާލެއިން ވެސް ގޯތި ލިބޭނެ ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑުމެން ގޯތި ދޭނީ ގުޅިފަޅުން އެކަންޏެެއް ނޫން. ހުޅުމާލެ އިން ވެސް ލިބޭނެ. އެހެން ފަޅުތަކުން ވެސް ލިބޭނެ. މި ދައްކަނީ 1،000 ގޯތީގެ ވާހަކައެއް ނޫން. އޭގެ ތިން ހަތަރު ގުނައަށް މާލޭގެ ރައްޔިތުންނަށް އަމާޒުކޮށްގެން ދޭނަން"
މަކަރާއިހީލަތުންރައްޔިތުންގެފައިސާބނޑުއަޅާމީހުންވެސްއުޅޭ