ނަރުހުގެ މަރު: ލަމްހާގެ ބަންދަށް އިތުރު 15 ދުވަސް
އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ މަރައިލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާއާއި އޭނާ ލޯބީގެ ގުޅުން އޮތް ދިވެހި އަންހެން މީހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައާ ގުޅިގެން ދިވެހި އަންހެން ނަރުސް މީހާ ހައްޔަރު ކޮށްފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އޭނާގެ ބަންދަށް ފުރަތަމަ ޖެހި 15 ދުވަހުގެ މުއްދަތު މިހާރު ވަނީ ހަމަވެފައެވެ.
މިމައްސަލައިގައި ޕީޖީ އޮފީހުން މި މަހުގެ 4 ވަނަ ދުވަހުގެ ކުރިން ގޮތެއް ނިންމާނެއެވެ.
މިދިޔަ މަހުގެ 19ވަނަ ދުވަހު ޑިއުޓީގައި ހުރެފައި ބްރޭކަށް ގެއަށް ދިޔަތާ އިރުކޮޅެއް ފަހުން، މޭރީ ދަންޖެހުނީ ކަމަށް ބުނެ އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ފިރިމީހާއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ފިރިމީހާގެ މައްޗަށް މަރުގެ ތުހުމަތު ކުރެވި އޭނާ މިހާރު ހުރީ ހައްޔަރު ކޮށްފައެވެ.
މޭރީގެ މަރާ މެދު ފުރަތަމަ ބުނަމުން ދިޔައީ އޭނާ މަރުވީ އަމިއްލައަށް ކަމަށެވެ. ނަމަވެސް އޭނާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ފާހަގަ ވާތީ އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ވަނީ ހަދައިފައެވެ.
އައިޖީއެމްއެޗްގައި ހީމޯ ޑަޔަލެސިސް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި މޭރީގެ ހަށިގަނޑުގެ ޕޯސްޓުމޯޓެމް ހެދީ އިންޑިއާއިންނެވެ.