ކުރިއަށް އޮތް ތިން ހަފްތާއަކީ ރާއްޖޭގައި ކޮވިޑް-19 ވަރަށް ބޮޑަށް ފެތުރިގެން ހިނގައިދާނެ ތިން ހަފްތާކަމަށް ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ މާހިރުން ވިދާޅުވަމުން ގެންދަވާތީ މިބަލިމަޑުކަމުން ސަމާލުވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އިންޒާރު ދެއްވައިފިއެވެ.
ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ލަންދޫގެ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށް ފަރުދީ ގޮތުން ކުރެވިދާނެ ކުދިކުދި ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން މާސްކު އެޅުމަށް ރައީސް އިރުޝާދު ދެއްވިއެވެ. އަދި ވިދާޅުވީ ކޮވިޑާ އެކު ވެސް ސަރުކާރުން މަސައްކަތް ކުރަނީ ވިޔަފާރިތައް ހުއްޓުމަކަށް ނުގެނެސް ކުރިއަށް ގެންދެވޭތޯ ކަމަށާއި އެހެން ނަމަވެސް އެކަން ކުރެވޭނީ ހުރިހާ ރައްޔިތުން ވެސް ސިއްހީ މާހިރުން ދެއްވާ ލަފައާއި އެއްގޮތަށް ކަން ކޮށްގެންކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންކަމުން މިއަދު ލަންދޫގެ ރައްޔިތުންނަށް ވެސް އަޅުގަނޑު އިލްތިމާސް ކުރަން ބޭނުން ވަނީ ކުރިއަށް މިއޮތް ދެތިން ހަފްތާ އަނެއްކާ ވެސް ވަރަށް ބޮޑަށް އެކަމަށް ސަމާލުވެ ހުރިހާ ބޭފުޅުން އެކުގައި މިކަމައިގެން ކުރިއަށް ވަޑައިގަތުމަށް" ރައީސް ޞާލިހު ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑް-19ގެ ބަލިމަޑުކަން ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވެމުން އައީ މިބަލިން ދިފާއުވުމަށް ޖަހާ ވެކްސިން ގެނަސް، އެވެކްސިން ޖެހޭ ހުރިހާ އުމުރުފުރާ ތަކަކަށް ވެކްސިންގެ ދެޑޯޒް ޖަހަން ފެށުމާ އެކުއެވެ. ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ބޫސްޓާ ޑޯޒްގެ ގޮތުގައި ފައިޒާ ވެކްސިންގެ އިތުރު ޑޯޒެއް މުޅި އާބާދީއަށް ދިނުމަށެވެ. މިމަސައްކަތަށް ބޭނުންވާ އެއްލައްކަ ޑޯޒް ވެކްސިން ރާއްޖެ ގެނައި ނަމަވެސް ވެކްސިން ޖަހަން ބޭނުންވާ ސިރިންޖު ނުލިބޭތީ އަދި ވެކްސިން ޖަހަން ނުފެށެއެވެ.
އިއްޔެއަކީ ދުވަސްތަކަކަށް ފަހު ކޮވިޑް-19އަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު އިންތިހާއަށް އިތުރުވެގެންދިޔަ ދުވަހެކެވެ. އެގޮތުން އިއްޔެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ޖުމްލަ 242 މީހަކު ވަނީ މިބައްޔަށް ފައްސިވެފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 97 މީހުންނާއި އަތޮޅު ތެރެއިން 78 މީހެކެވެ. މީގެ އިތުރުން ރިޒޯޓުތަކުން ވެސް ވަނީ 66 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ.