މި ދައުރު ނިމޭއިރު، ތެޔޮ އެތެރެކުރަން ކުރާ ހަރަދުން އަހަރަކު 248 މިލިއަން ރުފިޔާ ކުޑަކުރެވޭނެ
- 1000 ސޯލާ ޕީވީ ނިޒާމު ގާއިމްކުރުމަށް ފެނަކައާއި ވަނީ ހަވާލުކޮށްފައި
- ދައުރު ނިމޭއިރު 52.8 މެގަވޮޓްގެ ކަރަންޓު އިރުގެ އަލިން އުފެއްދޭނެ
- ތެޔޮ އެތެރެކުރަން ހަރަދުކުރާ 1 ބިލިއަން ރުފިޔާއިން 248 މިލިއަން ރުފިޔާ ކުޑަކުރެވޭނެ

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ފަސް އަހަރު ނިމޭއިރު 52.8 މެގަވޮޓްގެ ކަރަންޓު އިރުގެ އަލިން އުފެއްދޭނެ ކަމަށާއި އެއީ ތެޔޮ އެތެރެކުރަން ސަރުކާރުން ކޮންމެ އަހަރަކު ކުރާ ހަރަދުން، ކުޑަކުރެވިގެންދާ 248 މިލިއަން ރުފިޔާކަމަށް ތިމާވެއްޓާއި ޓެކްނޮލޮޖީއާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ހޯމް ސޯލާ ޕްރޮގުރާމް ހިންގުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޝައުނާ ވިދާޅުވީ 2019ވަނަ އަހަރު އެކަނި ވެސް ތެޔޮ އެތެރެ ކުރުމަށް 1 ބިލިއަން ރުފިޔާ ހަރަދު ކުރިކަމަށެވެ. ދިވެހިރާއްޖެއަކީ އިއާދަކުރުވަނިވި ހަކަތަ އުފައްދައި ބޭނުންކުރެވޭނެ ގައުމަކަށް ވީހިނދު ތެލަށް ބަރޯސާވާ މިންވަރު އެތައް ގުނައަކުން ކުޑަކުރެވޭނެކަމަށް ޝައުނާ ވިދާޅުވިއެވެ.
މިކަމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް ފެނަކަ ކޯޕަރޭޝަނާއި ޔުޓިލިޓީ އެހެން ކުންފުނިތަކުން ކުރަމުން އަންނަ ކަމަށް ޝައުނާ ވިދާޅުވިއެވެ. އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަސައްކަތަކީ ހަމައެކަނި ތިމާވެށި ރައްކާތެރިކުރުމަށް ކުރާ މަސައްކަތެއް ނޫން ކަމަށާއި މިއީ ރާއްޖޭގައި ވިލުންވެރިކަން އިތުރުކުރުމަށް ކުރެވޭ މުހިންމު ތަރައްގީގެ މަޝްރޫއެއްކަމަށް މިނިސްޓަރު ޝައުނާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ 2023ވަނަ އަހަރު ނިމޭއިރު 2018ވަނަ އަހަރުގެ ނިޔަލަށް ހަކަތަ ރާއްޖޭގައި ގާއިމްކޮށްފައިވާ އިންސައްތައަށް ވުރެ 20އިންސައްތަ އިތުރަށް އެންމެ މަދުވެގެން އިއާދަކުރަނިވި ހަކަތަ ރާއްޖޭން ކަރަންޓު އުފެއްދުން. މިއަމާޒާ އެކު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ދިވެހިރާއްޖެއަކީ 2030ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯ ގައުމަކަށް ހެދުމަށް" ޝައުނާ ވިދާޅުވިއެވެ.

ހޯމް ސޯލާ ޕްރޮގްރާމެއް ހިންގަން ފެނަކައާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ދައުލަތުން ކުރާ ހޭދައަކީ ހަމައެކަނި ތިމާވެށި ރައްކާތެރިކުރުމަށް ކުރާ ހޭދައެއް ނޫން ކަމަށާއި އޭގެ ސަބަބުން އިގްތިޞާދަށް ވެސް ހެޔޮ ބަދަލުތަކެއް އަންނަމުން ދާކަން ޝައުނާ ފާހަގަކުރެއްވިއެވެ.
ބުރާސްފަތި ދުވަހު ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރީ ދައުލަތުގެ ބަޖެޓުން 20 މިލިއަން ރުފިޔާ ހަރަދުކޮށްގެން ފަށާ ރިވޯލްވިން ފަންޑެކެވެ. މިފަންޑުގެ ދަށުން ގޭބީސީތަކުގައި ސޯލާ ޕެނަލް ހަރުކުރަން ފައިސާ ދޫކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ. މިނިސްޓަރު ޝައުނާ ވިދާޅުވީ ފަށައިގަންނައިރު މިއީ ގާތްގަނޑަކަށް 1000 ގޭގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރެވޭނެ ކަމަށެވެ. މިސޯލާ ޕެނަލްއަށް ފައިސާ ދައްކަން ހަމަޖެހިފައި ވަނީ އެ ގޭބީސީތަކުން ކަރަންޓު ބިލަށް ދައްކާ ފައިސާއިންނެވެ. ސޯލާ ޕެނަލް ހަރުކުރުމުން ކަރަންޓު ބިލްތައް ވެސް ކުޑަވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ރާއްޖޭގެ ރަށްރަށުގައި ސޯލާ ސިސްޓަމް ހަރުކުރާއިރު ދިމާވާ ވަރަށް ގިނަ ދަތިތައް އެބަހުރި، އެންމެ ބޮޑު އެއް ދައްޗަކީ ރާއްޖޭގެ ރަށްރަށުގެ ބިމުގެ ޖާގައިގެ ދަތިކަން. ބިން ނުލިބުމުން ސޯލާ ޕީވީ ހަރުކުރުމަށް އެޖާގަ ނުލިބޭކަން. އެހެންކަމުން ހޯމް ސޯލާ ޕްރޮގުރާމެއްގެ ދަށުން ރައްޔިތުންގެ ގޭގޭގެ ފުރާޅުތައް މިކަމަށް ބޭނުންކުރަން ފެށުމާ އެކީގަ އަޅުގަނޑު ދެކޭ ގޮތުގައި މިޕްރޮގުރާމް ހިންގުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން އަންނާނެ" ޝައުނާ ވިދާޅުވިއެވެ.

ހޯމް ސޯލާ ޕްރޮގްރާމެއް ހިންގަން ފެނަކައާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ކަރަންޓަކީ އާންމު ދިރިއުޅުމުގައި އެންމެ ބޮޑަށް ބަރޯސާވާ އެއްކަންތައް ކަމަށާއި އެހެންކަމުން ކަރަންޓު ބިލު ބޮޑުވުމަކީ ގިނަ ރައްޔިތުންނެއްގެ އޮތް ކަންބޮޑުވުމެއްކަމަށް ޝައުނާ ވިދާޅުވިއެވެ. ހޯމް ސޯލާ ޕްރޮގުރާމާ އެކު މިކަމުގައި ލުއިތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ކަރަންޓު ބިލުގެ 90އިންސައްތަ ކުޑަކުރެވިގެންދާނެކަމަށް ބެލެވޭކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިޕްރޮގުރާމް ކާމިޔާބުކަމާ އެކު ހިންގޭ ނަމަ ގޭގޭގައި ހަރުކުރާ އޭސީ ގަންނަ ފަދައިން ސޯލާ ޕެނަލް ގަންނަން ރައްޔިތުންގެ ޝައުގުވެރިކަން އުފެދޭނެކަމަށެވެ. މިކަމަށް ޑިމާންޑު އުފެދުމުން ކޮންމެ ގެއެއްގައި ވެސް ސޯލާ ޕީވީ ހަރުކުރަން ރައްޔިތުން ބޭނުންވާނެކަމަށް ޝައުނާ ވިދާޅުވިއެވެ.