ހޮލީވުޑް މުނިފޫހިފިލުވުން

އެންމެ ފުރަތަމަ އޮސްކާއެއް ލިބުނު ކަޅު ނަސްލުގެ އެކްޓަރު މަރުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެންމެ ފުރަތަމަ އޮސްކާއެއް ލިބުނު ކަޅު ނަސްލުގެ ހޮލީވުޑް އެކްޓަރު ސިޑްނީ ޕޮއިޓިއަރ މަރުވެއްޖެއެވެ.

Ads by Sosun Fihaara

ސިޑްނީއަކީ ކަޅު ނަސްލުން ހޮލީވުޑަށް ތައާރަފްވި އެންމެ ފުރަތަމަ އެކްޓަރު ވެސް މެއެވެ.

އުމުރުން 94 އަހަރުގައި ސިޑްނީ މަރުވި ހަބަރު، އެމެރިކާގެ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ އެކްޓިންގ ޑިރެކްޓަރ ޖެނެރަލް ޔޫޖީން ޓޯކަން-ނިއުރީ ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.

ސިޑްނީ އުފަންވީ 1927 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20ވަނަ ދުވަހުގައެވެ. ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން އޭނާ ދިރިއުޅެމުން ދިޔައީ ޓޮމާޓޯ ދަނޑެއްގައި ކަމަށް ބައެއް ރިޕޯޓުތަކުގައި ބުނެފައިވެއެެވެ.

ސީއެންއެންގެ ރިޕޯޓަކުން ބުނެފައިވާ ގޮތުގައި، ސިޑްނީ ހޮލީވުޑްގައި ފައިތިލަ ސާބިތުކުރީ، ކަޅު ނަސްލުގެ މީހުންނަށް އެ ދާއިރާގައި ހަރަކާތްތެރިވުމުގެ ފުރުސަތު ވަރަށް ހަނިވެފައިވާ ދަނޑިވަޅެއްގައެވެ. ބަހަމާސްގެ ފަގީރު އާއިލާއަކަށް ނިސްބަތްވި ސިޑްނީ އެންމެ ފުރަތަމަ އެ ދާއިރާއަށް ނުކުތް އިރު، އޭނާގެ ވާހަކަ ދެއްކުމުގެ ރާގަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހުނު ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ސިޑްނީއަށް އޮސްކާ އެވޯޑު ލިބުނީ 1963ވަނަ އަހަރު އޭނާ ކުޅުނު "ލިލީސް އޮފް ދަ ފީލްޑް"އިންނެވެ. ފިލްމީ ދާއިރާގައި އޭނާ އެންމެ ބޮޑަށް ފާހަގަ ކުރެވިފައި ވަނީ ކަޅު ނަސްލުގެ މީހުން ދަށް ކޮށްލާ ފަދަ ރޯލުތައް ކުޅެން އެންމެ ބޮޑަށް ދެކޮޅު ހަދައިފައިވާ އެއް އެކްޓަރުގެ ގޮތުގައެވެ.

އެތައް ފިލްމެއްގައި ކުޅަދާނަ އެކްޓިންގެއް ދައްކުވައިދީފައިވާ ސިޑްނީ ވަނީ 1994 އަހަރުން 2003 ވަނަ އަހަރަށް، ވޯލްޓް ޑިސްނީ ކޮމްޕެނީގެ ބޯޑް އޮފް ޑިރެކްޓާއެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވެފައެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ސިޑްނީ ޕޮއިޓިއަރ މަރުވީ އިއްޔެގެ ވަގުތެއްގައެވެ. ނަމަވެސް އޭނާގެ މަރުގެ ސަބަބު ބަޔާން ކޮށްފައެއް ނުވެއެވެ.

ސިޑްނީ މަރުވުމާ ގުޅިގެން މަޝްހޫރު ބައެއް ފަރާތްތަކުން ވަނީ އެ އާއިލާއަށް ތައުޒިޔާ ފޮނުވައިފައެވެ. އޭގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއާއި މަޝްހޫރު ޓޯކްޝޯ "އޯޕްރާ ވިންފްރީ ޝޯ"ގެ ހޯސްޓް އޯޕްރާ ވެސް ހިމެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!