ކަންގްނާއަށް އަނެއްކާ ވެސް އިތުރު ތުހުމަތެއް

ބޮލީވުޑްގެ އެކްޓަރުންނަށް ބަލާއިރު ކުޅަދާނަ އެކްޓްރެސް ކަންގްނާ ރަނާވަތު ފާހަގަ ކުރެވިފައި ވަނީ އޭނާ ކުރާ ކަމަކުން ނުވަތަ ބުނާ ބަހަކުން އެތައް މައްސަލަތަކެއްގެ ތެރެއަށް ވެއްޓޭ ފަންނާނެއްގެ ގޮތުގައެވެ.
މީހުންނާ ބެހޭ ގޮތުން އަދި ކަމަކާ ބެހޭ ގޮތުން އެއްޗެއް ބުނަން ބޭނުންވާ ނަމަ، އެއްވެސް ފަސް ޖެހުމަކާ ނުލައި ކަންގްނާ ބުނާކަން ބައެއް މީހުންނަށް ކަމުދިޔަ ނަމަވެސް، އެކަންކަމާ ހިތްހަމަ ނުޖެހޭ މީހުން ވެސް އިންތިހާއަށް ގިނައެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން، ކަންގްނާއަށް ކުރެވޭ ކުދިކުދި ކަންތައްތައް ވެސް ގިނަ މީހުން ފާހަގަކޮށް، އޭނާއަށް ފާޑު ކިޔައި އެތައް ތުހުމަތެއް އޭނާގެ ބޮލުގައި އެޅޭ ފަހަރު ވެސް މަދެއް ނޫނެވެ.
އެގޮތުން ދާދި ފަހުން ބަޔަކު ވަނީ ކަންގްނާއަކީ ކޮވިޑް-19 ފަތުރާ މީހެއް ކަމަށް ބުނެ ތުހުމަތުކޮށްފައެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި، ކަންގްނާ ވަނީ ދާދި ފަހުން އޭނާ ދިޔަ އިވެންޓެއްގައި ހުރި ފޮނި ކާއެއްޗެއް އަނގަޔަށްލުމަށް ފަހު އަނބުރާ ތަށީ ތެރެއަށް ލައިފައެވެ. އެ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ވެސް ދައުރުވަމުން ދާއިރު، އިންޑިއާގެ ގިނަ ރައްޔިތުން ވަނީ ކަންގްނާގެ އެ އަމަލު ކުށްވެރިކޮށް، އޭނާއަކީ ކޮވިޑް ފަތުރާ މީހެއް ކަމަށް ތުހުމަތުކޮށް ކަންގްނާ ހައްޔަރު ކުރަން ވެސް ގޮވައިލައިފައެވެ.

އެ ތުހުމަތުތަކާ ގުޅިގެން ކަންގްނާގެ ޓީމުން ބުނީ، އޭނާ އެ ކާއެތި އަނގައިގެ އެތެރެއަށް ނުލާ ކަމަށާއި ހަމައެކަނި ފޮޓޯއަކަށް ޕޯސް ކުރީ ކަމަށެވެ.