ޚަބަރު ޝަރުޢީ ދާއިރާ

މިނިސްޓަރ މަޙްލޫފްގެ ޝަރީއަތް އަންނަ ހަފްތާގައި ފަށަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މައްސަލައިގައި ޔޫތު މިނިސްޓަރ އަހުމަދު މަޙްލޫފްގެ މައްޗަށް އުފުލައިފައިވާ ދައުވާގެ ޝަރީއަތް އަންނަ ހަފްތާގައި ފަށަން ތާވަލު ކޮށްފިއެވެ.

Ads by STELCO

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، މިނިސްޓަރ މަހްލޫފްގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް އަންނަ ހަފްތާގެ ބުދަ ދުވަހު ހެނދުނު 11:00އަށް ތާވަލު ކޮށްފައިވާ ކަމަށެވެ.

ދައުލަތުގެ ފަރާތުން މިނިސްޓަރ މަހްލޫފްގެ މައްޗަށް ކޮށްފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއެވެ.

މިނިސްޓަރ މަހްލޫފްގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި މަހްލޫފް ހުންނެވި އިރު، ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓު ދިނުމުގެ މުޤާބިލުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވައިފައިވާ އެކައުންޓުގެ ޗެކުން މަހުލޫފަށް ދިން ތެއްތިރީސްހާސް އެމެރިކާ ޑޮލަރު، މަހުލޫފްގެ ނަމުގައި ހުޅުވައިފައިވާ އެކައުންޓަށް ޖަމާކޮށް ރިޝްވަތު ހިފާފައިވާ ކަމަށް، އެ މަނިކުފާނުގެ މައްޗަށް ދައުވާ ކުރެވޭ ކަމަށެވެ.

މަހްލޫފްގެ މައްޗަށް ދައުވާ ކުރުމާ އެކު، އެމަނިކުފާނު ވަނީ، ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމާއި މިނިސްޓަރުގެ ޕީއޭ އަޒުމޫން އަހުމަދާ ދެމެދު ދައްކައިފައިވާ ވާހަކަތަކެއްގެ ސްކްރީން ޝޮޓްތަކެއް ހާމަކުރައްވައިފައެވެ. އަދި އެކަމާ ގުޅޭ ގޮތުން ކުރެއްވި ޓްވީޓެއްގައި މިނިސްޓަރ މަހްލޫފް ވިދާޅުވީ، އެ މަނިކުފާނުގެ މައްޗަށް ދައުވާކުރަން ނިންމުމަކީ ކަނޑައެޅިގެން ޕީޖީ ޝަމީމްގެ ވަރަށް ޒާތީ ނިންމުމެއްކަން ޗެޓްލޮގުން އެކަނި ވެސް ހާމަވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!