ދުނިޔެ

އެމެރިކާއާއި ކެނެޑާއަށް ސްނޯގެ ތޫފާނެއް އަރައިފި

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
ސްނޯގެ ތޫފާނު އަރާފައިވާ މަންޒަރު

އެމެރިކާއާއި ކެނެޑާގެ ބައެއް ސަރަހައްދުތަކަށް ސްނޯގެ ބޮޑު ތޫފާނެއް އެރުމުގެ ސަބަަބުން އެތައް މިލިއަން މީހުންނަށް އަސަރުކުރަމުން އެބަދެއެވެ.

Ads by Sosun Fihaara

މި ތޫފާނާ ގުޅިގެން އެތައް ހާސް ފްލައިޓެއް ކެންސަލްކޮށްފައި ވާއިރު އެމެރިކާގެ ދެކުނު އިރުމަތީ ބައެއް ސްޓޭޓުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މީގެ އިތުރުން ވާޖީނިއާއާއި ޖޯޖިއާގެ އިތުރުން، ނޯތު އަދި ސައުތު ކެރޮލައިނާ ސްޓޭޓުތަކުގައި ކުއްލި ނުރައްކަލުގެ ހާލަތު ވެސް ވަނީ އިއުލާނުކޮށްފައެވެ.

އެމެރިކާގެ ގައުމީ މޫސުމާ ބެހޭ އިދާރާ (އެންޑަބްލިއުއެސް)އިން މައުލޫމާތު ދޭ ގޮތުގައި މި ތޫފާނުގައި ކުރިއަށް އޮތް ދެ ދުވަހު ދެކުނު އިރުމަތީ ސަރަހައްދަށް އެއް ފޫޓަށް ވުރެ އިތުރަށް ސްނޯ ފައިބާނެ ކަމަށް ލަފާކުރެވެއެވެ. އަދި ސްނޯ އާއި އައިސްގެ ސަބަބުން ދަތުރުކުރަން ނުރައްކާތެރިވެ، ކަރަންޓު ކެނޑި، ގަސްތަކުން ލިބޭ ގެއްލުންތައް މެދުވެރިވާނެ ކަމަށް އެންޑަބްލިއުއެސްއިން އިންޒާރު ދީފައިވެއެވެ.

މީގެ އިތުރުން ނިއު ޔޯކާއި ކަނެޓިކަޓް ފަދަ މޫދާ ކައިރި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުން އެކަށީގެންވާ ކަމަށާއި މަގުތަކާއި އެހެނިހެން ތަންތަނަށް އަސަރުކުރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

އެންވަޔަރްމަންޓު ކެނެޑާއިން ވަނީ ނިއު ޔޯކާއި ޖެހިގެން އޮންނަ ކެނެޑާގެ އޮންޓާރިއޯ ޕްރޮވިންސަށް ސްނޯގެ ތޫފާނެއް މިއަދު ކުރިމަތިވާނެކަމުގެ އިންޒާރުތައް ނެރެފައެވެއަދި މި ޕްރޮވިންސްގެ ވެރިރަށް ޓޮރޮންޓޯއަށް 7 އިންޗީގެ ސްނޯ ވެހޭނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

ފްލައިޓު ޑޭޓާ ޓްރެކިންއިން މައުލޫމާތު ދޭ ގޮތުގައި އިއްޔެގެ ހެނދުނާ ހަމައަށް އެމެރިކާގެ އެއާލައިނުތަކުން ވަނީ މޫސުން ގޯސްވުމުގެ ސަބަބުން 2،400 ފްލައިޓުތައް ކެންސަލް ކޮށްފައެވެ.

ސައުތު ކެރޮލައިނާގެ ގަވަރުނަރު ހެންރީ މެކްމާސްޓާ ވަނީ އެ ސްޓޭޓުގެ ރައްޔިތުން މަގުތަކަށް ނުނުކުތުމަށް އިލްތިމާސް ކުރައްވައިފައެވެ.އަދި މި ތޫފާން އަރަނީ ހަފްތާ ބަންދު ދުވަސްތަކެއްގައި ކަމަށް ވުމަކީ ރަނގަޅު ހަަބަރެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!