ޚަބަރު

އަތޮޅުތަކުގައި ކޮވިޑް-19 ހާލަތު ވެސް ވަރަށް ގޯސް!

  • މި ވަގުތު 14 ރަށެއް މޮނިޓަރިންގައި އެބައޮތް
ރައުފާ ރަޝީދު ، ދެން އޮންލައިން
ކޮވިޑް-19 ޕީސީއާރު ޓެސްޓް ހެދުމުގައި ނަރުހެއް ހަރަކާތްތެރިވަނީ.. ދެން އިމޭޖްސް

ކޮވިޑް-19 ވޭދަނަތައް މުޖުތަމައު ތެރެއަށް ފެތުރި މޮނިޓަރިންއަށް ލައިފައިވާ ރަށްރަށުގެ އަދަދު 14އަށް އަރައިފިއެވެ.

Ads by MPL

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެންމެ ފަހުގެ ކޮވިޑް މައުލޫމާތުތައް ދައްކާގޮތުން މިހާރު މޮނިޓަރިންއަށް ލައިފައިވާ ރަށްރަށުގެ ތެރެއިން އެންމެ ގިނަ ދުވަހު މޮނިޓަރިންގައި އޮތީ މިދިޔަ ޑިސެމްބަރު މަހު މޮނިޓަރިންއަށް ލީ ދެ ރަށެކެވެ. އެއީ ކ. މާފުއްޓާއި ހއ. އިހަވަންދޫއެވެ. މޮނިޓަރިންގައި މިވަގުތު އޮތް އިތުރު ރަށްރަށުގެ ތެރޭގައި ހދ. ނެއްލައިދޫ، ލ. ފޮނަދޫ، ހދ. ނޮޅިވަރަންފަރު، ށ. ފުނަދޫ، ބ. ދަރަވަންދޫ، ދ. ބަނޑިދޫ، ލ. ގަން، ގދ. ގައްދޫ، ރ. އުނގޫފާރު, ހދ. ހަނިމާދޫ ކ. ގުރައިދޫ އަދި ބ. އޭދަފުށި ހިމެނެއެވެ.

ރ. އުނގޫފާރުގެ ކޮވިޑް ހާލަތު

މިވަގުތު މޮނިޓަރިންގައި އޮތް ރަަށްރަށުގެ ތެރޭއިން ހަރަކާތްތެރި ވޭދަނަ އެންމެ ގިނަ ރަށަކީ ރ. އުނގޫފާރެވެ. "ދެން"އަށް މަޢުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލުގެ ނައިބު ރައީސް ޔޫޝަޢު ނަސީމް ވިދާޅުވީ އެ ރަށުގައި ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި މިހާރު ތިބީ 119 މީހުން ކަމަށެވެ. އަދި ރަށުގައި މުހިންމު ފިޔަވަޅުތަކެއް އަޅައިފައިވާ ކަމަށާއި އެ ފިޔަވަޅުތަކާ އެކު ކޮވިޑަށް ފައްސިވާ މީހުން މަދުވަމުންދާ ކަމަށެވެ. ޔޫޝަޢު ވިދާޅުވީ ރަށުގައި ވެކްސިން ޖެހޭ އުމުރުފުރައިގެ އެންމެން ކަހަލަ ގޮތަކަށް ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށެވެ.

ހދ. ނޮޅިވަރަންފަރުގެ ކޮވިޑް ހާލަތު

ނޮޅިވަރަންފަރު ސިއްހީ މަރުކަޒުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެ ރަށުން މިހައިތަނަށް ޖުމްލަ 147 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އަދި ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި އެ ރަށުގައި މިވަގުތު ތިބީ 82 މީހުންނެވެ. ނޮޅިވަރަންފަރުން ކޮވިޑަށް މީހަކު ފައްސިވެ މޮނިޓާރިން ހާލަތަށް ގެނެވިފައި ވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ.

ކ. މާފުށީގެ ކޮވިޑް ހާލަތު

މާފުށީ ކައުންސިލުްގެ ރައީށް ހަސަން ސޮލާހް "ދެން" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އެ ރަށުގައި ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި 40 ފަތުރުވެރިންނާއި 35 ދިވެހިންނާ އެކު ޖުމްލަ 75 މީހުން އެބަތިބި ކަމަށެވެ. އަދި 50 އަހަރުން މަތީގެ 100 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށާއި ބައްޔަށް ފައްސިވަމުން ދަނީ ޑައިރެކްޓް ކޮންޓެކްޓުން ކަމަށެވެ. ސޮލާހް ވިދާޅުވީ ބަލީގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދައްކާ މީހުން މަދު ކަމަަށެވެ.

ލ. ގަމުގެ ކޮވިޑް ހާލަތު

ލ.ގަމު ރީޖަނަލް ހޮސްޓަލުން މައުލޫމާތު ދެއްވި ގޮތުގައި މި ވަގުތު ލ.ގަމުގައި ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި 65 މީހުން އެބަތިއްބެވެ. މިރަށް މޮނިޓަރިންނަށް ލައިފައި ވަނީ މިމަހު 14 ވަނަ ދުވަހުއެވެ. މިރަށުން ފްލޫ ކުލިނިކަށް ދައްކާ ގިނަ ބަޔަކު ދަނީ ބައްޔަށް ފައްސިވަމުންނެވެ.

ށ. ފުނަދޫގެ ކޮވިޑް ހާލަތު

ފުނަދޫގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެ ރަށުގައި ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި 56 މީހުން ވަނީ ފާހަގަކުރެވިފައެވެ. "ދެން" އަށް މަޢުލޫމާތު ދެއްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހީމްފުޅު ވިދާޅުވީ ރަށުގައި ކޮވިޑަށް ރައްކާތެރިވުމަށް ޖަހާ ވެކްސިން ގާތްގަޑަކަށް 70 އިންސައްތަ މީހުން ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި އެ ރަށުގައި ވެސް ހާއްސަ ފިޔަވަޅުތަކެއް އަޅައިފައިވާ ކަމަށާއި ރަށުގެ ދެ ގެއަކުން ވަކި ތަރުތީބެއް ނެތި ނަގަމުންދާ ސުންކުތައް ފައްސިވަމުން ދާ ކަމަށެވެ.

ދ. ބަނޑިދޫގެ ކޮވިޑް ހާލަތު

ބަނޑިދޫ މޮނިޓަރިން ހާލަތަށް ގެނެވިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. "ދެން"އަށް މަޢުލޫމާތު ދެއްވަމުން ބަނޑިދޫ ކައުންސިލްގެ ރައީސް މުހައްމަދު މޫސާ ވިދާޅުވީ އެ ރަށުގައި މިހާރު 45 މީހުން ހަރަކާތްތެރި ވޭދަނައުގެ ގޮތުގައި އެބަތިބި ކަމަށެވެ. އަދި 98 އިންސައްތަ މީހުން ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށާއި އެ ރަށުގެ ކޮވިޑް ހާލަތު ރަނގަޅު ކަމަށް މޫސާ ވިދާޅުވިއެވެ. މޫސަ ވިދާޅުވީ އެޗްޕީއޭގެ ފިޔަވަޅުތަކުގެ އިތުރުން ކައުންސިލްގެ ފަރާތުން ވެސް ރަށުގައި އެކި ފިޔަވަޅުތައް އަޅައިފައިވާ ކަމަށެވެ.

ކ. ގުރައިދޫގެ ކޮވިޑް ހާލަތު

ގުރައިދޫ ވެސް މޮނިޓަރިން ހާލަތަށް ގެނެވިފައި ވަނީ އިއްޔެއެވެ. އެ ރަށުގެ ޕަބްލިކް ހެލްތުން "ދެން"އަށް މަޢުލޫމާތު ދިން ގޮތުގައި މިވަގުތު ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި އެ ރަށުގައި 41 މީހަކު އެބަތިއްބެވެ. އެ ރަށުގެ ގިނަ ގެތައް ކަރަންޓީން ކުރެވިފައިވާ ކަމަށާއި ބަލީގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދައްކާ މީހުން ވެސް ގިނަ ކަމަށާއި އެ ރަށުގައި ވެސް ކޮވިޑާ ގުޅިގެން ފިޔަވަޅުތައް އަޅައިފައިވާ ކަމަށް ޕަބްލިކް ހެލްތުން މަޢުލޫމާތު ދެއެވެ.

ހދ. ހަނިމާދޫގެ ކޮވިޑް ހާލަތު

ހަނިމާދޫ މޮނިޓާރިން ހާލަތަށް ގެނެވިފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. "ދެން" އަށް މަޢުލޫމާތު ދެއްވަމުން ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުލް ސައްތާރު ހަސަން ވިދާޅުވީ އެ ރަށުގައި ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި 40 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށެވެ. އަދި 99 އިންސައްތަ މީހުން ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށާއި ރަށުގެ ކޮވިޑް ހާލަތު ރަނގަޅު ނޫން ކަމަށް ވިދާޅުވިއެވެ. އެގޮތުން ގިނަ ބަޔަކު އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދައްކަމުން ދާ ކަމަށް ސައްތާރު ވިދާޅުވިއެވެ. ސައްތާރު ވިދާޅުވީ ކައުންސިލްގެ ފަރާތުން ރަށުގެ އެކި ސަރަހައްދުތަކަށާއި މީހުން އެއްވާ ތަންތަނަށް ސެނިޓައިޒާ ފޯރުކޮށްދީފައިވާ ކަމަށާއި ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ގިނަ ފިޔަވަޅުތަކެއް ރަށުގައި އަޅައިފައިވާ ކަމަށެވެ.

ލ. ފޮނަދޫގެ ކޮވިޑް ހާލަތު

ފޮނަދޫ ހޮސްޕިޓަލް މެނޭޖަރ ހަސަން ހަލީލް އާދަމް "ދެން" އަށް މަޢުލޫމާތު ދެމުން ވިދާޅުވީ ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި 40 މީހުން މިވަގުތު އެބަތިބި ކަމަށެވެ. އަދި ބަލީގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދައްކާ މީހުންގެ އަދަދު ވެސް ގިނަ ކަމަށާއި ކޮންމެ ދުވަހަކު ވެސް ފްލޫ ސުންކުތައް ފައްސިވަމުން ދާ ކަމަށެވެ. ހަލީލް އިތުރަށް ވިދާޅުވީ އެ ރަށުގައި 99 އިންސައްތަ މީހުން ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށެވެ.

ގދ. ގައްދޫގެ ކޮވިޑް ހާލަތު

ގައްދޫން މިހައިތަނަށް ކޮވިޑަށް ފައްސިވެފައި ވަނީ 37 މީހުންނެވެ. އޭގެ ތެރެއިން 08 މީހުން ބަލިން ފަސޭހަވުމާ އެކު ހަރަކާތްތެރި ވޭދަަނައިގެ ގޮތުގައި އެ ރަށުގައި ތިބީ 29 މީހުންނެވެ. އެ ރަށް މޮނިޓަރިން ހާލަތަށް ގެނެވިފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

ހއ. އިހަވަންދޫގެ ކޮވިޑް ހާލަތު

އިހަވަންދޫ މޮނިޓަރިން ހާލަތަށް ގެނެވިފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ. އެ ރަށުގެ ކައުންސިލް ރައީސް އަހުމަދު ސޮބާހު "ދެން" އަށް މަޢުލޫމާތު ދެމުން ވިދާޅުވީ މިވަގުތު 26 މީހުން ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި އެބަތިބި ކަމަށެވެ. އަދި ރަށުގެ ކޮވިޑް ހާލަތު ގޯސް ކަމަށާއި ބަލީގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދައްކާ މީހުންގެ އަދަދުވެސް ގިނަ ކަމަށެވެ. ސޮބާހު ވިދާޅުވީ ވެކްސިން ޖެހޭ އުމުރުން 90 އިންސައްތަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށެވެ.

ހދ. ނެއްލައިދޫގެ ކޮވިޑް ހާލަތު

ނެއްލައިދޫގެ ކޮވިޑް ހާލަތާ ގުޅޭގޮތުން "ދެން" އަށް މަޢުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު އަލީފް ވިދާޅުވީ ރަށުގައި ބަލި ކޮންޓްރޯލް ނުކުރެވޭ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ވެސް ފްލޫ ސުންކުތައް ފައްސިވަމުން ދާ ކަމަށާއި ބަލީގެ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދައްކާ މީހުން ވެސް ގިނަ ކަމަށެވެ. އަދި ރަށުގައި ވެކްސިން ޖެހޭ އުމުރުފުރައިގެ އެންމެން ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް އަލީފް ވިދާޅުވިއެވެ. މިވަގުތު އެ ރަށުގައި ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި ތިބީ 22 މީހުންވެ.

ބ. ދަރަވަންދޫގެ ކޮވިޑް ހާލަތު

ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހް "ދެން" އަށް މަޢުލޫމަތު ދެމުން ވިދާޅުވީ އެ ރަށުގައި 21 މީހުން ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި އެބަތިބި ކަމަށެވެ. އަދި ވެކްސިން ވެސް އާބާދީގެ ގިނަ ރައްޔިތުން ފުރިހަމަކޮށްފައިވާ ކަމަށާއި ރަށުގައި ބަލި އެހައި ބޮޑަށް ފެތުރެމުން ނުދާ ކަމަށެވެ. އަދި އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ރައްޔިތުންނަށް ދަތި ނުވާނޭހެން ރަށުގައި އެކި ފިޔަވަޅުތައް އަޅައިފައިވާ ކަމަށްވެސް ސަމީހް ވިދާޅުވިއެެވެ.

ބ. އޭދަފުށީގެ ކޮވިޑް ހާލަތު

އޭދަފުށި މޮނިޓަރިން ހާލަތަށް ގެނެވިފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އޭދަފުށިން އިއްޔެ އެކަނި ވެސް 10 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އޭދަފުށީގައި ހަރަކާތްތެރި ވެދަނައިގެ ގޮތުގައި 49 މީހުން އެބަތިއްބެވެ.  މީގެ ކުރިން ވެސް އެކި ފަހަރު މަތިން އޭދަފުށި މޮނިޓަރިންއަށް ލައިފައިވެއެވެ. ވަކި ތަރުތީބެއް ނެތި އެ ރަށުން ނަގަމުން ދާ ސުންކުތައް ވެސް ދަނީ ކޮވިޑަށް ފައްސިވަމުންނެވެ.

ކޮވިޑް-19 މޮނިޓަރިންގެ ހާލަތަށް ނުލާ ބައެއް ރަށްތަކުން ވެސް ކޮވިޑް-19 ވޭދަނަތައް ދަނީ ފެންނަމުންނެވެ. މިގޮތުން އައްޑޫ ސިޓީގައި މިވަގުތު ހަރަކާތްތެރި 531 ވޭދަނަ އެބައޮތެވެ. އިއްޔެ އެކަނި ވެސް އެ ސިޓީން 123 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ. މީގެ އިތުރުން ގދ. ތިނަދޫގައި މިވަގުތު ހަރަކާތްތެރި 36 ވޭދަނަ އޮތްއިރު، އިއްޔެ އެރަށުން 9 މީހަކު ވަނީ ފައްސިވެފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު މިހާރު އަނެއްކާ ވެސް އަންނަނީ ވަރަށް ބޮޑަށް ގޯސްވަމުންނެވެ. ފާއިތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ރިކޯޑް އަދަދަކަށް މީހުން ވަނީ ބައްޔަށް ފައްސިވެފައެވެ. އެގޮތުން މާލެއިން ފައްސިވި 1,219 މީހުންނާއި އަތޮޅުތެރެއިން ފައްސިވި 547 މީހުންނާ އެކު ޖުމްލަ 2،137 މީހުން ވަނީ އަލަށް ފައްސިވެފައެވެ. މި ބައްޔަށް ރާއްޖެއިން މުޅިއަކު ފައްސިވެފައި ވަނީ 108,732 މީހުންނެވެ.

Ads by Allied Insurance
  1. ކުޑަހުވަދޫ މީހާ

    ކުޑަހުވަދޫގެެ އެކްޓިވ ކޭސްތަކުގެެ އަދަ115 ވުރެ މަތ.

    • ކުޑަހުވަދޫ

      މޮނިޓަރިންގަ ހުރި ރަށް ރަށޭ. މޮނިޓަރިންގަ ހުރި ރަށް ރަށޭ.

  2. އިގިރޭސި ވިލާތުގައި ކޮވިޑާއި ގުޅިގެން އަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއް އުވާލައި އަންމު ހާލަތަކަށް ގެނެސްފި !

  3. ކޮވިޑަކީ މިހާރު ހަމަ އާދައިގެ ރޯގާއެއް، އެހާ ބިރުބޮޑު އެއްޗެއްނޫން، ޤައުމުތަކުން ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަށް އުވާލަމުން ދަނީ އިގިރޭސި ވިލާތުންވެސް ހުރިހާ ކޮވިޑްގެ ފިޔަވަޅުތަށް އުވާލައިފި !