ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލިސް އެކުލަވައިލައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ފަނޑިޔާރުންނާ މެދު ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް ހުށަހަޅަން ޖެހޭ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް، މި އަހަރަށް އެކުލަވައިލައިފިއެވެ.
ޖޭއެސްސީގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި، އެ ކޮމިޝަނުން ފަނޑިޔާރުންގެ މައްސަލަ ބެލުމަށް ފަހު ގޮތެއް ނިންމުމުން އެ މައްސަލަތައް ކޯޓަށް ހުށަނޭޅޭނެއެވެ. އަދި ކޯޓަށް ހުށަހެޅުމުގެ ބަދަލުގައި އެފަދަ މައްސަލަތައް ހުށަހަޅަންޖެހެނީ ޖޭއެސްސީގެ ގާނޫނުގެ ދަށުން އެކުލަވާލާ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށެވެ.
އެގޮތުން ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގައި ތިއްބަވާނީ އުއްތަމަ ފަނޑިޔާރު ފިޔަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައިކޯޓުގެ ފަނޑިޔާރެއްގެ އިތުރުން ސްޕީރިއާ ކޯޓުތަކުގެ ތެރެއިން ފަނޑިޔާރެކެވެ. އެއް އަހަރު ދުވަހަށް އެކުލަވައިލާ އެ މަޖިލިހުގައި ތިއްބަވާ ބޭފުޅުންނަކީ ޖޭއެސްސީގެ މެންބަރުންނަށް ވެގެން ނުވާނެ ކަމަށް ވެސް ޤާނޫނުގައިވެއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން މިއަދު ހާމަކުރެއްވި ގޮތުގައި، މިއަހަރަށް އެކުލަވައިލި ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގައި ތިއްބަވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމްގެ އިތުރުން ޑްރަގް ކޯޓުގެ ގާޒީ މުހުތާޒު ފަހުމީއެވެ.
ޖޭއެސްސީން މިދިޔަ އަހަރު 33 މައްސަލަ ނިންމައި މައްސަލަ ސާބިތުވި 15 ފަނޑިޔާރަކަށް ފިޔަވަޅު އަޅައިފައިވެއެވެ. ނަމަވެސް މިދިޔަ އަހަރު ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަށް ހުށަހެޅީ އެންމެ ދެ މައްސަލައެވެ.