ދިވެހިރާއްޖޭގެ ފޮރިން ސަރވިސް އިތުރަށް ހަރުދަނާކުރުމަށް ތުރުކީވިލާތާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހިރާއްޖޭގެ ފޮރިން ސަރވިސް އިންސްޓިޓިއުޓްއާ ތުރުކީވިލާތުގެ ޑިޕްލޮމެސީ އެކަޑަމީއާ ދެމެދު ގުޅުން ހަރުދަނާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހިރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދެވެ. އަދި ތުރުކީވިލާތުގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ ޚާރިޖީ ވަޒީރު މެވްލޫތު ޝަވްޝަގްލޫއެވެ.
މި އެއްބަސްވުމުގެ ދަށުން ޚާރިޖީ ދާއިރާގާ މީހުން ބިނާ ކުރުމަށާއި ޚާރިޖީ ދާއިރާގެ ތަޢުލީމީ ފްރޮގްރާމްތައް އިތުރުކުރެވޭނެއެވެ. އަދި ތުރުކީ ސަރުކާރުގެ އެހީގައި ދިވެހި ޚާރިޖިއްޔާގައި ޕްރޮފެޝަނަލް ޚިދުމަތްދެވޭ ފެންވަރުގެ މުވައްޒަފުން ބިނާކުރުމަށް މަގުފަހިވެގެންދާނެއެވެ.
އަލަށް އަމަލުކުރަން ފެށި ފޮރިން ސަރވިސް ޤާނޫނުގެ ދަށުން ފޮރިން ސަރވިސް އިތުރަށް ހަރުދަނާކުރުމަށް ފޮރިން ސަރވިސް އިންސްޓިޓިއުޓަށް ގިނަ މަސްއޫލިއްޔަތުތަކެއް ހަވާލުކޮށްފައިވާއިރު، މި އެއްބަސްވުމުގެ ދަށުން، ޒަމާނީ އަދި ހަރުދަނާ ފޮރިން ސަރވިސްއެއް އެކުލަވައިލާން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރަކަށް ވެގެންދާނެއެވެ.