އިސްކަންދަރު ސްކޫލް ކުރިމަތީގައި ޕީޕީއެމުން ވެސް ޖަގަހައެއް ހުޅުވައިފި

އިސްކަންދަރު ސްކޫލް ކުރިމަތީގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖަގަހައެއް ވެސް ހުޅުވައިފިއެވެ.
އިދިކޮޅުން ބުނި ގޮތުގައި، މާލޭގައި ހުންނަ ވޯޓުލާ މަރުކަޒު، އިސްކަންދަރު ސްކޫލްގެ ކުރިމަތީގައި ހުންނަ މއ.ސެމިޑީލްގެ ފުރަތަމަ ފަންގިފިލާގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ޖަގަހައެއް ހިންގަމުން އަންނާތީ، އިމާރާތުގެ ދެވަނަ ފަންގިފިލާގައި ޕީޕީއެމްގެ ޖަގަހައެއް ވެސް ހުޅުވުމަށް ނިންމީ ކަމަށެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އެޕާޓީން ހުޅުވި ޖަގަހައިގައި ވޯޓުލުމާ ގުޅޭ ކަންކަން އިންތިޒާމު ކުރެވިފައިވާ ކަމަށް ބުނެފައެވެ.
އިދިކޮޅުން ވަނީ، އިންތިހާބަށް ނުފޫޒު ފޯރުވުމަށް ޓަކައި، އެމްޑީޕީގެ އިސް މެމްބަރުން ފައިސާ ބަހަމުންދަނީ ވެސް އިސްކަންދަރު ކުރިމަތީގައި ހުންނަ އެމްޑީޕީގެ ޖަގަހައިގައި ކަމަށް ބުނެ، މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ވެސް ހުށަހަޅައިފައެވެ.
އެމްޑީޕީން މިއަދުގެ ބައި-އިލެކްޝަނަށް ނުފޫޒު ފޯރުވަމުން އަންނަ ކަމަށް ޕީޕީއެމްގެ އިތުރުން، އެމްއެންޕީން ވެސް ވަނީ ތުހުމަތު ކޮށްފައެވެ. އެ ޕާޓީން ބުނީ، މި މައްސަލަތައް އީސީއަށް ހުށަހެޅިޔަސް، ނުބަލާ ކަމަށެވެ.