ވާހަކަ

ކުރުވާހަކަ:ފުންމައިނުލާށެވެ.

ލަޠީފާ ޢަދުނާން ، ދެން އޮންލައިން

ލޮނު ފެނުގެ އަސަރު ހުރި ވައިރޯޅިން ބާރު ބާރަށް ތަކުރާރުކޮށް މޫނުގައި ޖަހާ ކަހަލައެވެ. ދެލޯ ރަނގަޅަށް ހުޅުވައިލެވޭ ވަރެއް ވެސް ނޫނެވެ. ކުރިމަތީގައި ވަނީ މާ ސިންގާ ކަނޑެވެ. ނޫކުލަ ގަދަ ކަމުން ބައެއް ހިސާބުތައް ކަޅުހެން ހީވެއެވެ. ބައެއް ހިސާބުތައް ގަދަ ވިލުކުލައެވެ. ބައެއް ހިސާބުތައް މަޑު ވިލުކުލައެވެ. ދަނބުކުލަ ވެސް ފެންނަ ކަހަލައެވެ. ނަމަވެސް އެއިން ކޮންމެ ހިސާބަކުން ވެސް މުށެއްގެ ފެންފޮދެއް ނަގައިފި ނަމަ އެ ފެނުގައި އެއްވެސް ކުލައެއް ނުހުންނާނެއެވެ. މީ ޖާދުލެއް ނޫނިއްޔާ ދެން ކޮންކަމެއް ހެއްޔެވެ.

Ads by STELCO

ރާޅުތައް އެކަތި އަނެކައްޗާ ތަޅާ ފޮޅާތަން ބަލަން ވަރަށް އިރު ހުރީމެވެ. އެއީ ހަގީގަތުގައި މަށަށް ވަރަށް ރީތި މަންޒަރެކެވެ. އެ ލޮނުގަނޑުގެ އަޑީގައިވާ ދިރުންތަކަށް އޮންނަ ގަޔާވުން އެއްފަޅީގައި ބާއްވައިފައި، އެ ފެންގަނޑުގެ ޝަހުސިއްޔަތު އަހަރެންނަށް ހަމަ ކަމުދަނީއެވެ. ބުނާ ކަހަލައެވެ. ހަދާނީ ބޭނުން އެއްޗެކެވެ. ބައެއް ފަހަރު ވަރަށް އަމާން އޮމާންކޮށް އޮންނާނެއެވެ. ހީވަނީ ފަށުވި ފޮތީގެ ދިގު ސާލެއް ބާއްވައިލައިފައި އޮންނަހެންނެވެ. ބަނޑު އަނދައިގެން އުޅޭ މީހާ ބޯލާ ފިނި ކިރުތައްޓެއް ފަދަ އާދަޔާ ޚިލާފު އަރާމެއް އެ މަންޒަރު ބަލާލުމުން ވެސް ހިތަށް ލިބިގެންދެއެވެ. އެ ފަދަ ހާލަތެއްގައި އޮއްވާ މީހަކަށް ފެނިއްޖެ ނަމަ އެއީ ބޮޑެތި ފަރުބަދަ ފަދަ ރާޅުތައް އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ އެއްޗެކޭ މީހަކު ނުވެސް ބުނާނެއެވެ. ގަދަވެއްޖެ ނަމަ އެވަގުތަކު އެދަމައިގަންނަން ބޭނުން މީހެއްގެ ފުރާނަ ވެސް ދަމައިގަންނާނެއެވެ. ކަނޑު ކާލާފައިވާ ހަށިތަކުގެ ކުރިމަތީގައި ބިންގަނޑު ވެސް ލަދުގަންނަވައިލައެވެ.

ފުންމައިލާށެވެ. އެއްކަލަ އަޑުން ކަންފަތް ކައިރީގައި ބުނެލިއެވެ. މަޑުމަޑުންނެވެ. ހަމަޖެހިލައިފައެވެ. ފުންމާލަންވީހެވެ. އަހަރެން އެހީމެވެ. އޭރުން ހުރިހާ ކަމެއް ވެސް އޯކޭ ވާނެދޯއެވެ. އަހަރެން އަހާލީމެވެ. އެ އަޑުން ބުންޏެވެ. ފުންމާލުމުން ގޮސް ފުރަތަމަ ފެންގަނޑުގައި އެ ޖެހޭ ޖެހުމުން ފެށިގެން އެތެރޭގައި ތި ވާ ހުރިހައި ގޮއްޖެހުމެއް ނެތިދާނެއެވެ. ހަމަ ފެނުގައި ޖެހޭއިރަށް މަރުވާނެއެވެ. ނެތިދިޔުމަކީ ހަމަޖެހުމެވެ. އަބަދަށް ނިދުމެވެ. ހުވަފެން ނުފެންނަ ހުވަފެން ދެކެން ނުޖެހޭ، ދުވަހަކު ވެސް ހޭނުލާނެ ނުދެމެކެވެ. ފުންމާލާށެވެ. ވަރަށް ފަސޭހަ ވާނެއެވެ. މިފަހަރު އެ އަޑުގައިވާ ދަހިވެތިކަން އަހަރެންނަށް އިހުސާސްކުރެވުނެވެ.

އަހަރެން ވިސްނާލީމެވެ. ތެދެކެވެ. ބުނާބުނުމަށް ވަރަށް ފަސޭހައެވެ. އަހަރެންގެ ކޮންމެ ދުވަހެއްގެ ހަނގުރާމައިން މިނިވަން ވާނެ ގޮތް ހިތަށް އަރުވާލަން ވަރަށް ފަސޭހައެވެ. ނަމަވެސް އަސްލު ކަން ކުރާކަށް އެހައި ފަސޭހައެއް ނުވާނެއެވެ. އެއްވެސް ފަސޭހައެއް ނުވާނެއެވެ. ކުރިމަތީގައި އޮތީ މާސިންގާ ކަނޑެވެ. އެއީ ފުރާނަތައް ދަމައިގަނެ، މީހުން މަރައިލާ އެއްޗެކެވެ. އޭތި އެކަން ކުރަނީ ކިހިނެތްކަން ވެސް ހަނދާން ކޮށްލަން ވާނެއެވެ. ފުންމާލުމުގެ ކުރިން، އެކަނޑު މީހުން ގަންބައިލާއިރު ނޭވާ ހޮޅިއާއި ފުއްޕާމޭ ފެނުން ފުރާލާނެކަން ވެސް، ހަނދާން ކުރާށެވެ. މަރަށް ތެޅެން ކިހާ އިރަކު އޮންނަން ޖެހޭނޭ ހެއްޔެވެ. އެ ކަނޑަށް މީހަކު މަރައިލުން ވާނީ އިނގިއްޔަކުން ހިންޏެއް ޗިސްޗިސް ކޮށްލައިހައި ފަސޭހަ ކަމަކަށެވެ. އެކަމަކު ކަނޑު އެހައި ފަސޭހައަކުން ދުލެއް ނުކޮށްލާނެއެވެ. ކަނޑު މަރާ ހަމައަށް ގެންދާނީ ފިސާރި ތެޅުވުމެއް ތަޅުވައިފައެވެ.

އެ އަޑުން އެ ވޭނުގެ ވާހަކަނުދައްކަނީ ކީއްވެބާއެވެ. އެ އަޑަށް އެ ވޭނުގެ ފަރުވާލެއް ނެތީއެވެ. ނޫނީ އެ ވޭން އަހަރެން ތަހައްމަލް ކުރަން ބޭނުންވަނީއެވެ. ހަގީގަތަކީ ބައެއް ފަހަރު އަހަރެން ވެސް އެވޭން ތަހައްމަލް ކުރަން ބޭނުންވާކަމެވެ. ނަމަވެސް އެ އަޑު ފަދައިން އެންމެ ބޮޑަށް އަހަރެންނަށް ވެސް އެ ދެވެނީ ނެތިދިޔުމެވެ. ގެނބެމުންދާއިރު އެ ލިބޭ ވޭނަށް ކެތްކުރެވުނަސް ނުވަތަ އެ ވޭނަކީ ކުޑަ ހިނދުކޮޅެއްގެ ކަމެއް ނަމަވެސް، މަރުވުމަށް ފަހު ދެން އޮތީ ނިދުމެއް ނޫނެވެ. އަސްލު ދިރިއުޅުން އަދި ފެށުނީއެވެ. އެހެންވީމާ އަހަރެން ފުންމައެއް ނުލާނަމެވެ. އެ އަޑުން އެ ހަދަނީ ދޮގުކަން އަހަރެންނަށް އެނގެއެވެ. ބައެއް ފަހަރު ހަނދާން ނެތުނަސް އަހަރެން އަމިއްލަ ނަފްސަށް ހަނދާން ކޮށްދެމެވެ.

ފުން ނޭވާއެއްލުމަށް ފަހު އަހަރެން ފޯނު ނަގާ އިންސްޓަގަރާމް ހުޅުވާލީމެވެ. އަދި ކުރިމަތީގައި އޮތް ކަނޑުގެ ފޮޓޯއެއް ނަގާ ސަޅި ފިލްޓާއެއް ވައްޓައިލައިފައި ލިޔުން ކޮޅެއް ލިޔެލީމެވެ.

'ޑިޕްރެޝަނުން ހިސާރު ކޮށްފައިވާ ސިކުނޑީގެ ތެރެއިން ނުކުންނަ އަޑު ފުންމައިލާން ބުންޏަސް ފުންމައިނުލާށެވެ. ފުންމާލުމަކީ އޮތް ހަމައެކަނި އޮތް ޗޮއިސްކަމުގައި ހީވިއަސް ފުންމައިނުލާށެވެ. ކަށީގެ މަދުން ހިތްވަރު ނެރެގެން ދިރިއުޅެން ޖެހުނަސް ފުންމައިނުލާށެވެ. ދިރިހުރުމަށް ކުރެވެން ހުރި ހަމައެކަނި ކަމަކީ، ހަށިގަނޑުގައި ވަރު ހުރީ ހަމައެކަނި ނޭވާ ލާން ކަމުގައި ވިޔަސް ފުންމައިނުލާށެވެ. އިރާދަކުރެއްވިއްޔާ ކޮންމެވެސް ދުވަހަކުން އެނދުން ތެދުވަން ވެސް ހިތްވަރު ލިބޭނެއެވެ. ކާހިތުން ކާއެއްޗެހި ކެވޭނޭ ފުރުސަތު ލިބޭނެއެވެ. ލޯބި އަދި އުފާވެރިކަން އިހުސާސް ކުރުވިޔަ ނުދޭން ހިތުގެ ވަށައިގެންވާ އައްސިގަނޑު ކެނޑޭނެއެވެ. މާސިންގާ ކަނޑު ފެނުމުން ފުންމައިލުމާ ގުޅުން ނެތް ޅެން ވެސް ލިޔެވޭނެއެވެ. ކަނޑުން ދަމައިގަންހައި ފުރާނަތަކަށް މައާފް ވެސް ކުރެވޭނެއެވެ. ކޮންމެވެސް ކޮންމެވެސް ފުންމައިނުލައްޗެވެ.'

ކަނޑަށް އަލްވަދާއު ކިޔުމަށް ފަހު ގެއާ ދިމާލަށް ހިނގަން ފެށީމެވެ. ރަށުތެރެއިން ލައިފައި ދިޔައިރު މަގުމަތީގައި ބައްދަލުވި ހުރިހާ އެންމެންނާ ދޭތެރޭގައި އަހަރެން ހިތާހިތުން ސުވާލު އުފެއްދީމެވެ. އެމީހުންގެ ދިރިއުޅުން ކިހިނެތްބާވައޭ އަހަރެން ހިތަށް އަރައެވެ. ޑިޕްރެޝަން ނެތް ސިކުނޑިއަކުން ވިސްނެނީ ކިހިނެތްބާވައޭ އަހަރެން ހިތަށް އެރިއެވެ. އެމީހުންނަށް ކަނޑު ފެނުނީމާ ކުރެވެނީ ކޮން އިހުސާސެއްބާވައޭ ހިތަށް އެރިއެވެ. އެމީހުން ޅެން ލިޔެ އުޅެނީ ކޮން ސުރުހީއަކަށްބާވައޭ ވެސް ހިތަށް އެރިއެވެ. ގެއަށް ވަނުމުން މަންމަ ހުރީ ހިތްހަމަ ނުޖެހިފައިކަން އަހަރެންނަށް އެނގުނެވެ. މަންމަމެން ބޭނުންވާ ކަހަލަ ދަރިއަކަށް އަހަރެންނަކަށް ނުވެވުނުކަން އަހަރެންނަށް މަންމަ ފެންނަ ކޮންމެ ފަހަރަކު އިހުސާސް ކުރެވެއެވެ. މަންމަމެންގެ ގުރުބާނީގެ އަގު ވަޒަންކޮށް ކޮށްދިން ކަންކަމުގެ ބަދަލު ނުދެވޭތީ ވަރަށް ދެރަވެއެވެ. އަހަރެންގެ ކަމަކީ ކަނޑަން ބަލަން އިނުމާއި ޅެން ލިޔުމުގައި އަހަރެންގެ ވަގުތު ބޭކާރު ކުރުންކަމުގައި މަންމަމެން ދެކެއެވެ. މަންމައާ ވާހަކަ ދައްކަން މަސައްކަތް ކޮށްގެން ޒުވާބަަކަށް ދާކަށް ބޭނުމެއް ނުވެއެވެ. އެހެންވެ އަހަރެން މިސްރާބު ޖެހީ ސީދާ ކޮޓަރިއަށެވެ.

ފޯނަށް ބަލަހައްޓައިގެން އެނދުގައި އޮށޯވެ އޮތީ އެންމެ ފަހުން އެންމެ ގާތް ރައްޓެހިން ގުޅައިލި އިރެއް މެސެޖް ކުރި އިރެއް ހަނދާނަށް އާދޭތޯއެވެ. ނަމަވެސް އެމީހުން ވެސް އަހަރެންނަށް ގެއްލުނީ އަހަރެން ދުރުކޮށްލީމަކަން އަހަރެންނަށް އެނގެއެވެ. ކޮންޓެކްޓް ލިސްޓް ހުޅުވައިލައި ނަފްސާނީ ޚިދުމަތްދޭ ތަންތަނުގެ ނަމްބަރުތައް ސޭވްކޮށްފައިވާ ލިސްޓަށް ބަލަން އޮތީމެވެ. އެތައް އިރެއް ފަހުން ފޯނުން އިންސްޓަގްރާމް ހުޅުވައިލައި ކުރިން އަޕްލޯޑް ކުރި ސްޓޯރީއަށް ރިޕްލައިކޮށްފައި ހުރި މީހުންގެ މެސެޖުތަކަށް ރިޕްލައި ކުރީމެވެ. އެންމެން ވެސް ކުރީ ތައުރީފެވެ. ފޮޓޯ ރީތި ވާހަކައެވެ. ނޫނީ ލިޔުންކޮޅުން އުއްމީދު ލިބުނު ވާހަކައެވެ. ބައެއް މީހުން އެހީ އަހަރެންގެ ހާލެވެ. އަހަރެން އޯކޭތޯ ބަލާލީ ކަމުގައި ބުނެއެވެ. އެ ހުރިހައި އެންމެންނަކީ ވެސް އިންސްޓަގްރާމްއިން ދިމާވި 'ރައްޓެހިން'ނެވެ. އަހަރެން ދެކޭ ގޮތުގައި އެއީ ރައްޓެހިންނެއް ނޫނެވެ. އެއީ އަހަރެން އެއިން އެއްވެސް މީހަކު އެހައި ގާތެއް ނުކުރަމެވެ. އެގޮތް އަހަރެންނަށް މާފަސޭހައެވެ. އަނެއްކާ ވެސް ފޮޓޯއެއް ނަގައިފައި ލިޔުންކޮޅެއް ލިޔެލާނީއޭ ހިތައި ތެދުވެ އެނދުގައި ހަމަޖެހިލީމެވެ.

'ދުނިޔޭގެ ކުރިމަތީގައި ތީ ކަންނެތް މީހެކެވެ. ކަމެއް ކުރަން ނޭނގޭ މީހެކެވެ. ކަމެއް ކުރާނޭ ހިތްވަރު ނެތް މީހެކެވެ. ކަންފަސޭހަ ، ގައިގައި ކަމެއް ނެތް މީހެކެވެ. ނަމަވެސް ތީ ކަންނެތް މީހެއް ނޫންކަން އަހަރެންނަށް އެނގެއެވެ. ކަންނެތް މީހުން ގަދަކަމުން ތެދުވެ ދަތެއް ނޫނގުޅާނެއެވެ. ކަންނެތް މީހުން އެހެން މީހުން ގޮވައިލީމައި ހީލާފައި ވާހަކައެއް ނުދައްކާނެއެވެ. އެތެރެ ހަށީގައި އުފާވެރިކަމުގެ ކަންފުޅެއް ނެތް އިރު ވެސް، އަނދިރިކަމުގެ ތެރެއަށް ސިކުނޑި ގެނބިފައިވާ އިރު ވެސް، ދުނިޔޭގެ ކުރިމައްޗަށް ނޯމަލް މީހެއްގެ މޫނުމައްޗެއް އަޅައިގެނެއް ނޫޅޭނެއެވެ. ކަންނެތް މީހަކު ނަމަ ސިކުނޑީގައިވާ ޑިޕްރެޝަންގެ އަޑަށް ހެއްލޭނެއެވެ. އެ އަޑާއި ޖަދަލެއް ނުކުރާނެއެވެ. އަމިއްލަ ހަށިގަނޑާ އަމިއްލައަށް ހަނގުރާމަ ކުރާނީ ކަންނެތް މީހުން ހެއްޔެވެ. ހެނދުނު ތެދުވެގެން ކޮޓަރިން ނުކުންނަ އިރު ދިމާވާ މީހާ ލޯ އަޅައިލާއިރު އޭނަ މިއަދު އަދި އެއް ކަމެއް ނުކޮށް ހުރިއިރު ތިބާ ތިނުކުތީ ޑިޕްރެޝަންއާ ހަނގުރާމަކޮށް އޭގެ ކިތަށް އެތިފަހަރު ގަޔަށް އަރައި ޒަހަމް ވެގެންކަމެއް އެނގޭނެ ހެއްޔެވެ. ނޭނގޭނެއެވެ. އެކަކަށްވެ ސް ނޭނގޭނެއެވެ. އެމީހުންގެ ފަރާތުން ކަންކަމަށް އުއްމީދު ނުކުރާށެވެ. އަދި ތި ހަނގުރާމައިގައި ދެމި ހުންނާށެވެ. އިރާދަކުރެއްވިއްޔާ މޮޅު ހޯދާނީ ތިބާއާއި އަހަރެންނެވެ.'

އިންސްޓަގްރާމް އެޕުން ނުކުމެ ކޮންޓެކްޓް ލިސްޓަށް ގޮސް އަވަސްއަވަހަށް ކްލިނިކަކަށް ގުޅީމެވެ. އަދި ސައިކޮލޮޖިސްޓަކަށް އެޕޮއިންޓްމަންޓް ހޯދީމެވެ. ކަލަންޑަރުގައި ދުވަސް ފާހަގަ ކޮށްލީމެވެ. އަނެއްކާ ވެސް ފޯނު ހިފައިގެން އެރީ އެނދަށެވެ. ހުޅުވާލީ އިންސްޓަގްރާމެވެ. އަނެއްކާ ވެސް ހުރީ މީހުންގެ ރިޕްލައިތަކެވެ. ޖަވާބުދޭން ފެށީމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!