ވާހަކަ

މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާވީސްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
މަގޭ ހާލު ބުނެދެން މިތުރާއޭ... (ޓްރެއިލާރ) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެއްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދެވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތިންވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތަރުވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނުވަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދިހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެގާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސާދަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަނަރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސޯޅަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސަތާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ވިހިވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެކާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައުވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަންސަވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައްބީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަހުބައި)

"ދޮ..ދޮންބެ.." ކަރުނުން ބަރާވަމުންދިޔަ ދެލޮލުން، ކުރިމަތީގައި ހުރި ދާމިންއަށް ބަލަންހުރެ އުނދަގުލުން މެހެރީން ބުނެލިއެވެ.

Ads by MWSC

"ރީން.." އަސަރުން ފުރިފައިވީ ގޮތަކަށް ދާމިން ވެސް ގޮވައިލިއެވެ.

ހިނދުކޮޅެއް އެކަކު އަނެކަކަށް ގެއްލިފައި ދެމީހުން ތިއްބެވެ. ނަމަވެސް ދާމިން އަށް އިތުރަށް އޭނާގެ ލޯބިވާ ކޮއްކޮއާ ދުރުގައި ކެތެއްނުކުރެވުނެވެ. ބޮޑެތި ފިޔަވަޅުތަކެއް ކުރިއަށް އަޅައިލުމާއެކު އޭނާ ހުއްޓުނީ މެހެރީން ކުރިމަތީއެވެ. އަދި ދުލުން ބަހެއްވެސް ނުބުނެ މެހެރީންގެ ހަށިގަނޑުގައި އޭނާ އޮޅުލައިގަތެވެ. ލޯތްބާއި ކުލުންވެރިކަން ދާމިންގެ އެއަމަލުގައި ވިއެވެ. ދެބެންނަށް ބަލަން ތިބިއިރު މުޅި މާހައުލަށްވީ ހިމޭންކަން ވެރިވެފައެވެ. އެއްވެސް މީހަކަށް މިވަނީ ކިހިނެއްކަން ނުވިސްނިފައި ތިބީއެވެ. ޚުދު ލީމް އަށްވެސް ދާމިންގެ އަންހެން ކޮއްކޮއެއް ހުންނަކަމެއް ނޭނގެއެވެ. ދާމިންގެ ފަރާތުންވެސް އެފަދަ ވާހަކައެއް އަޑުއިވުނު ހަނދާނެއް އޭނާ ނުވެއެވެ. އެތައް ސުވާލެއް ދާމިންއާ ކުރަން ބޭނުންވި ނަމަވެސް އޭނާ ހިމޭންކަން ޚިޔާރުކުރީ އެއީ މިވަގުތައް އެންމެ ރަނގަޅު ގޮތް ކަމުގައި ހީވުމުންނެވެ. އެދެމީހުންގެ ހަރަކާތްތަކަށް އިރުކޮޅަކު ބަލަން ހުރެފައި ދެން އޭނާގެ ނަޒަރު ދަތުރުކޮށްލީ މެހެރީން ގާތުގައި ކޮޅަށް ހުރި ޒުވާނާއަށެވެ. އެސްފިޔަވެސް ޖަހައިލުމެއްނެތި އެ ފިރިހެންކުއްޖާގެ ނަޒަރު މެހެރީންނަށް ހުއްޓިފައިވީތީ އޭނާ ދުށްޓެވެ. އެއީ އޭނާގެ ކޮއްކޮބާއޭ ހިތަށް އެރުމުން ލީމްގެ ހިތް އަވަސްވެލިއެވެ. އެމޫނުން އޭނާއާ ވައްތަރު ގޮތެއް ހުރިހެން ލީމް އަށް ހީވިއެވެ. އާރިޒްއަށް ބަލަން ހުރި އިރު މަޑުމަޑުން ލީމްގެ ދެލޯ އައީ ފެންކަޅިވަމުންނެވެ. އެތައް ދުވަހަކަށްފަހު އޭނާގެ ހަގީގީ އާއިލާ މެމްބަރަކާ ދިމާތީވީ ކަންނޭނގެއެވެ. އެހެނަސް ދާމިން ފަދައިން އިސްނަގާކަށް ލީމް އަކަށް ނުކެރުނެވެ. އޭނާ އަށް ވީހައިވެސް ވަރަކީ ދުރުދުރުން އާރިޒްއަށް ހިތްފުރެންދެން ބަލައިލުމެވެ.

"ރީން.. އައި އެމް ސޮރީ.. އައި އެމް ސޯ ސޮރީ.. ދޮންބެއަށް މަޢާފުކޮށްދީ.. އެހުރިހާ ކަމެއް ވެގެން ދިޔައިރުވެސް ކޮއްކޮގެ ދިފާޢުގަ ނުތެދުވެވުނީތީ.. ބައްޕައާ ކުރިމަތިލާން އޭރު ނުކެރުނީ.. ފަހުން އެކަމާ ވަރަށް ދެރަވި.. ކިތަންމެ ފަހަރަކު ރީން ހޯދަން ހިތަށްވެސް އެރި.. އެކަމަކު.. އޭރު ކަންތައްވީ ގޮތުން ކޮއްކޮއާ ކުރިމަތިލާން ނުކެރުނީ.. ދޮންބެ މީ ބޮނޑު ފިނޑިއެއް ދޯ.. އެކަނިވާ ކޮންމެ ވަގުތަކު ކޮއްކޮ މަތިން ހަނދާން ކޮށްފަ ހިތާމަކުރަން.. މީހެއްކުރިމަތީ އެކަން ފާޅު ނުކުރިއަސް ދޮންބެ ރީން މަތިން ހަނދާންނެތޭ އެންމެ ހިނދުކޮޅެއް ނުދޭ.. ދޮންބެއަށް މަޢާފުކޮށްދީ.." އެތައް އަހަރަކަށްފަހު ލޯބިވާ ކޮއްކޮ ހަމަލޮލަށް ފެނުމުން ހިނދުކޮޅަކަށް އެގެއަށް އޭނާ އައިސް ހުރި ބޭނުން ވެސް ދާމިން ހަނދާންނެތޭ ގޮތްވިއެވެ. މެހެރީންގެ ގައިގައި ފިރުމަ ފިރުމައިފައި އޭނާ ތަކުރާރުކޮށް މަޢާފަށް އެދުނެވެ. މާޒީގައި ކަންހިނގައިފައި ވީގޮތުން އޭނާ ވެސް ދެރަވެއެވެ. މެހެރީން އެއާއިލާ އާއި ވަކިވިފަހުން މުޅި ގޭގެ ދިރުންވީ ގެއްލިފައެވެ. ނުބުންޏެއްކަމަކު އެހިތާމަ އަދިވެސް އޭނާގެ މައިންބަފައިން އުފުލާކަން ދާމިން ދެނެހުއްޓެވެ. ނަމަވެސް އެމީހުނާ އެވާހަކަތައް ދައްކަން ޖެހިލުންވީ ވަރުން ހިމޭންވެފައި ހުރިހައި ދުވަހު ހުރެވުނީއެވެ. އޭނާއަށް ބުނެވޭ އެއްޗެއްގެ ސަބަބުން މައިންބަފައިންގެ ހިތާމަތައް އިތުރުވެދާނެތީއެވެ. ލީމްގެ އޭނާގެ ކޮއްކޮގެ ވާހަކަދައްކާ ކޮންމެ ފަހަރަކު ދާމިންގެ ހިތުގައި ރިއްސައިލައެވެ. އޭނާގެ ލޯބިވާ ކޮއްކޮ މަތިން ހަނދާންވެފައެވެ. އެހެނަސް އެއިން އެއްވެސް އިހުސާސެއް އޭނާ ފާޅުނުކުރީ ކުރެވެމުންދިޔަ ކުށްވެރިކަމުގެ ފުން އިހުސާސުގެ ސަބަބުންނެވެ.

"ދޮންބެ މަޢާފަށް އެދޭކަށް ނުޖެހޭނެ.. ހުރިހާ ކުށެއް ކުރެވުނީ އަހަންނަށް.. އެދުވަހު ދޮންބެމެންގެ ވާހަކަ އަޑުއެހިނަމަ، މިއަދު އަހަރެންނަށް މި ހާލު ނުޖެހުނީސް.. ކަންތައްވީ ގޮތުން އެނބުރި މަންމަ އާއި ބައްޕަގެ ކުރިމައްޗަށް ދާން އަހަންނަށް ވެސް ނުކެރުނީ.." އިސްޖަހައިލަމުން މެހެރީން ނޭފަތް އެތެރަށް ދަމައިލިއެވެ. ހަގީގަތުގައި ވެސް މާޒީއާ މެދުގައި އޭނާވީ ނުހަނު ލަދުގަނެފައެވެ. މައިންބަފައިންގެ ބަހަށް ކިޔަމަންނުވީތީ މިއަދު އޭނާގެ މުޅި ދިރިއުޅުންވަނީ އެފުށް މިފުށަށް ޖެހިފައެވެ. މުޅިން އެކަނިވެރި ވެފައެވެ. އެމީހުންގެ ފައިބުޑަށް ވެއްޓި ކުރެވުނު ކުށަށް މަޢާފަށް އެދެން އޭނާ ނުހަނު ބޭނުންވެއެވެ. ނަމަވެސް އެހައި ހިތްވަރު އޭނާގެ ކިބައިގައިވެސް ނެތެވެ.

ދެފަރާތަކަށް ބޯހޫރައިލަމުން ނުހަނު ލޯބިން މެހެރީންގެ ބޮލުގައި ދާމިން ފިރުމައިލިއެވެ. އަދި ދެން މާޒީގެ ވާހަކަތައް ނުދެއްކުމަށް ބުނެލިއެވެ. ފާއިތުވެދިޔަ ދުވަސްތަކެއް އަނބުރައި ނުގެނެވޭނެއެވެ. ވީއިރު އެވާހަކަތައް ދެއްކުމުގެ ބޭނުމެއްނެތްތާއެވެ.

"ކޮބާ ރަޒާން.. މީ ކޮން ބޭބީ އެއް.. ރީންގެ ތަ" މެހެރީންގެ އަތުގައި އޮތް ތުއްތު ދަރިފުޅަށް ފުން ނަޒަރަކުން ބަލައިލަމުން ދާމިން އަހައިލިއެވެ. ހިތިގޮތަކަށް ހިނިތުންވެލަމުން މަޑުމަޑުން މެހެރީން ބޯޖަހައިލިއެވެ. އެމޫނުމަތީގެ ކުލަ ފަނޑުވެގެން ދިޔަތަން ފެނި ދާމިން ސުވާލުއުފެދޭ ގޮތް ވިއެވެ. ދެވަނަ ފަހަރަށް ވެސް ރަޒާން ކޮބައިތޯ އޭނާ އަށް އަހައިލެވުނީ އެހެންވެއެވެ. ރޮވިފައި ކަންތައްވީ ގޮތް ކުރުކޮށް މެހެރީން އޮޅުންފިލުވައިދިނެވެ. އެއާއެކު ދަތްކުނޑި ވިކައިލަމުން ދާމިން އަށް މުށްބާރުކޮށްލެވުނެވެ. ނަމަވެސް ދެވަނަ ސުކުންތު މެހެރީންގެ އަތުގައިވި ތުއްތު ކުއްޖާއަށް އޭނާގެ ނަޒަރު ހުއްޓުމާއެކު، އޭނާގެ މޫނުގައިވި ހަރުކަށި އަސަރުތައް ނެތިގެން ގޮއްސިއެވެ. ފަނޑު ގޮތަކަށް އޭނާއަށް ހިނިތުންވެވުނެވެ. އިތުރަށް މެހެރީންގެ ހިތުޖެހޭފަދަ ވާހަކަތަކެއް މިދަނޑިވަޅު ދައްކާކަށް ދާމިން ގަސްދެއް ނުކުރިއެވެ. މާހައުލަށް ވެރިވެފައިވި ނުތަނަވަސްކަން ފިލުވައިލާން ޚުދު އޭނާ ވެސް ހުރީ ބޭނުންވެފައެވެ.

"ނުވެސް އެނގި ހުއްޓަ އަހަރެން އެންމެ ފަހުން ބޮޑުބޭބެއަކަށް ވެސް ވީ ދޯ.." އެކުއްޖާ ދިމާއަށް އަތް އުފުލައިލަމުން ދާމިން ބުނެލީ ލުއި ހުނުމަކާ އެކުއެވެ. މެހެރީން ވެސް ހީނލަމުން ބޯޖަހައިލިއެވެ. އަދި ދާމިންއާ ދިމާއަށް ދަރިފުޅު ދިއްކޮށްލިއެވެ. ލޯބިން ފުރިފައިވި ގޮތަކަށް އެކުއްޖާ އުރައިލަމުން މެޔާލައި ދާމިން ބޮނޑިކޮށްލިއެވެ. އަދި ފަސްއެނބުރި ލީމްއާ ދިމާއަށް ބަލައިލިއެވެ. އޭރު ދާމިންގެ ހަރަކާތްތަކަށް ގެއްލިފައި ލީމް ހުއްޓެވެ. އެ ކުއްޖާ އުރައިލައިގެން އައިސް ލީމް ކުރިމަތީގައި ހުއްޓެމުން މޫނަށް ވައްތަރެއް ޖައްސައިލިއެވެ. އެހެންމީހުނަށް ނުފެންނާނެހެން އޭނާ ލީމް ގާތުން މަޢާފަށް އެދުނެވެ. އެހުރިހައި ކަމެއް އޭނާ އަށް ސިއްރުކުރެވުނީތީއެވެ. އެކަން މާބޮޑު ކަމަކަށް ހަދާކަށް ލީމް ނޫޅުނުނެވެ. ދާމިންއަށް ލިބުނު އުފަލުގައި އޭނާ ބައިވެރިވީ ހިތުގެ ފުންމިނުންނެވެ.

"ކޮން ނަމެއް ބޭބީއަށް ކިޔަނީ.." އެކުއްޖާއާ ސަމާސަ ކުރަމުން މެހެރީންއާ ކުރިމަތިލައި ދާމިން އެއްސެވެ. "ސަދާ.." ދާމިންއަށް ބަލަން ހުރި މެހެރީން ބުނެލިއެވެ.

* * * * *

ހުރިހައި އެންމެން ބޮޑުކޮޓަރީގެ ސޯފާތަކުގައި އިނށީދެ ހަމަޖެހިލިއެވެ. ގާތުގައި އިން ލީމް މެހެރީނަށް ދާމިން ތަޢާރަފު ކޮށްދިނެވެ. އެއީ އޭނާގެ ވާން އުޅޭ އަނބިމީހާ ކަމުގައި ބުނެލީ ހިނިއައިސްފައި އިނދެއެވެ. ލިބުނު ޚަބަރުން މެހެރީންގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. ހޫނު މަރުޙަބާއެއް އެދެމީހުނަށް މެހެރީން ކިޔެވެ. އިތުރު ވަގުތުތަކެއް ބޭކާރުކުރާކަށް ދާމިން ނޫޅުނެވެ. ހަމަޖެހިލެވުމާއެކު އެންމެ ފުރަތަމަވެސް އޭނާ ފައުޅުކުރީ ދައްކަން ބޭނުންވާ ވަރަށް މުހިންމު ވާހަކައެއް އޮތް ކަމެވެ. އެއާއެކު އޭނާގެ ދެލޯ މެހެރީން ގާތުގައި އިން އާރިޒް އަށް ދަތުރުކޮށްލިއެވެ. މެހެރީންގެ ހުއްދަ ލިބުމާއެކު ފުންނޭވާއެއް ދޫކޮށްލަމުން ގާތުގައި އިން ލީމް އަށް ބަލައިލުމަށްފަހު އެމީހުން އެތަނަށް އަންނަން ޖެހުނު ސަބަބު ދާމިން އޮޅުންފިލުވައި ދިނެވެ. އިވެމުންދިޔަ ވާހަކަތަކުން ގަބޫލުނުކުރެވިފައި ދާމިންގެ ގާތުގައި އިން ލީމް އަށް އާރިޒް އަށް ބެލެމުން ދިޔައެވެ. އެއީ ހަގީގަތުގައި ވެސް އޭނާގެ ދޮށީ ދައްތަތޯ އަމިއްލަ ޟަމީރާ ތަކުރާރުކޮށް ސުވާލުކޮށްލެވުނެވެ. ހިމޭންކަމުގައި އިނދެ ދާމިންގެ ވާހަކަތައް އޭނާ އެއްސެވެ. އޭނާގެ ދޮށީ ދައްތައެއް ހުންނަކަން ބޮޑުދައިތަ ފަރާތުންވީ ކޮންމެވެސް ވަރަކަށް އެނގިފައެވެ. އަދި އެދައްތައާ އޭނާއާ ވަކިވި ގޮތްވެސް މެއެވެ. ނަމަވެސް ބޮޑުދައިތަގެ އެހުންނަ ޒީލަގަދަ ގޮތަކުން ދައްތައާ ބެހޭ އިތުރު މައުލޫމާތު އޮޅުންފިލުވާކަށް ހިލާ އާރިޒްއަކަށް ނުކެރުނެވެ. ދައްތަ ހޯދުމަށް ހިތް އެދުނު ނަމަވެސް އެކަމަށް އަމަލީ ސިފައެއް ގެންނަން ނޭނގިފައި އޭނާ ހުރީ އެހެންވެއެވެ. އެއީ ވުމަށްވުރެ ނުވުން ގާތްކަމެއްކަން ވިސްނުނީތީއެވެ. ދުވަހަކު ލޮލުން ނުދެކޭ މީހަކު އޭނާ ހޯދާނީ ކިހިނެއް ހެއްޔެވެ. އެދައްތަގެ ވާހަކަ އޭނާ ނުދައްކަނީވެސް އެހެންވެއެވެ. ދުވަހަކު ބައްދަލުވެދާނޭ ހީވެފައި ނެތުމުންނެވެ. ނަމަވެސް މާތް ރަސްކަލާނގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލާށެވެ. މިއަދު އެ ދައްތަ އެހުރީ އޭނާގެ ކުރިމަތީގައެވެ. ބައެއްފަހަރު މިއީ ހުވަފެނެކޭވެސް އޭނާއަށް ހީވަމުން ދިޔައެވެ. ލީމް އަށް ބަލަން އިން އާރިޒް ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އެތަންފެނި ލީމް އަށް ވެސް ހިނިތުންވެވުނެވެ. ކޮއްކޮއާ އެތައް ވާހަކައެއް ދައްކަން ބޭނުންވި ނަމަވެސް ދުވަހަކު ބައްދަލުވެފައި ނެތީތީ ދެމެދަށް ވެރިވެފައިވީ ބީރައްޓެހިކަމެވެ. އާރިޒްއަށް ވެސްވީ އެވަރެވެ. އިސްވެ ލީމްއާ ދައްކާނެ ވާހަކައެއް ނުވިސްނުނެވެ. ހިތުގައި އުފެދެމުންދިޔަ ޝުއޫރުތައް އެއްފަރާތްކޮށްލަމުން ނުކެރި އިނދެފައިވެސް އިޝާރާތުން ލީމް ކޮންމެވެސް އެއްޗެކޭ ބުނެލިއެވެ. ލީމް ބުނަން ބޭނުންވާ ކޮންމެ އެއްޗެއް ދާމިން ދިޔައީ އާރިޒް އަށް ދޭހަވާނެހެން އޭނާ އަށް ބުނެދެމުންނެވެ. ދެމެދުގައި އާދައިގެ ކުދިކުދި ވާހަކަތައް ދެކެވުނެވެ. މައިންބަފައިންގެ ވާހަކަ އަހައިލާން ބޭނުންވިއަސް އާރިޒް އިސްވެ އެވާހަކަ ނުދެއްކީތީ އެ ސުވާލުތައް ކުރާކަށް ލީމް އަކަށް ނުކެރުނެވެ. އެވާހަކަތައް އެހެން ދުވަހަކަށް އޭނާ ފަސްކޮށްލީއެވެ. ފުރަތަމަ އާރިޒްއާ ދެމެދު ގާތްކަން އުފައްދަން ބޭނުންވީތީއެވެ.

* * * * *

ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުން ދިޔައެވެ. މަޑުމަޑުން ލީމް އާއި އާރިޒްއާ ދެމެދުވި ގުޅުން ވެސް އައީ ބަދަހިވަމުންނެވެ. ދާމިންގެ ފަރާތުން ކޮންމެވެސް ވަރަކަށް ލީމްއާ ވާހަކަދައްކަން އާރިޒް ދަސްކުރިއެވެ. ލިބޭ ގިނަ ހުސްވަގުތުތައް ދާމިން އާއި ލީމް ވެސް ހޭދަކުރަމުންދިޔައީ މެހެރީންގެ ގޭގައެވެ. ހަތަރު މީހުންގެ މެދުގައިވި ގުޅުން އިތުރަށް ވަރުގަދަ ކުރުވި ކަމަކަށް އެކަން ވިއެވެ.

އާރިޒްގެ ފަރާތުން އޭނާގެ މައިންބަފައިން ދުނިޔޭގައި ނެތްކަން އެނގުނު ދުވަހު ލީމްގެ ހިތުގައި ނުހަނު ބޮޑަށް ޖެހުނެވެ. އެމީހުން ހަމަލޮލުން ދެކިލުމުގެ ނަސީބުވެސް ނުލިބުނީތީ އެކަމާ ހިތާމަކުރިއެވެ. ނަމަވެސް އާރިޒް އާއި ދާމިންގެ އެތައް ނަސޭހަތަކުން ލީމް ހަމައަކަށް އެޅުނެވެ. މައިންބަފައިންނާ ބައްދަލުކޮށްލުމުގެ ނަސީބު ނުލިބުނެއްކަމަކު އެމީހުންގެ މައްޗަށް ހެޔޮ ދުޢާކުރުމުގައި ލީމް ދެމިހުރީ އާޚިރަތުގައި އެމީހުނާ ބައްދަލުވާނެ ކަމުގެ ފޮނި އުއްމީދުއެވެ.

ރޭގަނޑުގެ ހިތްފަސޭހަ ވަގުތެވެ. މެހެރީންގެ ގޭ ގޯތިތެރޭގައި ވަށައިގެން ޖަހައިފައިހުރި ބެންޗް ތަކުގައި އިނށީދެލައިގެން ހަތަރުމީހުން ތިބީ އެކި ވާހަކަ ދެއްކުމުގައެވެ. ސާދަވިލޭ ރޭގެ ފުރިހަމަ ހަނދު އުޑުގައި ރަނިކަން ކުރަމުންދިޔައިރު، މުޅި މާހައުލުވީ ހަނދުވަރުގެ ރިހި އަލިން އެކީ އެކައްޗަކަށް ޖަރީވެފައެވެ. ހިތްގައިމު ވަރަކަށް ރޯޅި ޖެހެމުންދިޔައިރު، ހަށިގަނޑަށް ލިބެމުންދިޔައީ ބަޔާންކުރަންދަތި އަރާމެކެވެ.

އިރުކޮޅަކު ވާހަކަދައްކަން ތިބުމަށްފަހު ކޮންމެވެސް އެއްޗެއް ހަނދާންވި ފަދައިން ދާމިންގެ ތުންފަތް ދެމިލިއެވެ. އެއްފަރާތަކަށް ވާގޮތަށް އިން މެހެރީނަށް ބަލައިލަމުން ދާމިން ލާނެތް ހިނިގަނޑެއް ޖަހައިލިއެވެ. "ރީން ހަނދާންވޭތަ ކުޑައިރު އަހަރެމެން ލަވަ ބާޒީ ކުޅޭ ހަނދާން.. އެދުވަސްތައް މަތިން ދޮންބެ ވަރަށް ހަނދާންވޭ.. އަޅެ ހިނގާބަލަ މިރޭ ލަވަ ބާޒީ ކުޅެން.. ދޯ ލީމް.. ވަރަށް މަޖާވާނެ.. ދޮންބެއާ ލީމް އެއް ޓީމެއް.. ރީންއާ އާޒް އެއްޓީމެއް.." މަޖާވެފައި އެންމެނަށް ބަލައިލަމުން ދާމިން ބުނެލިއެވެ. ދެލޯބޮޑުކޮށްލަމުން ނޫނެކޭ ބުނަން އުޅެފައިވެސް އާރިޒް ބަލަން އިނީތީ އެހިތްވަރު ކުރާކަށް މެހެރީންއަކަށް ނުކެރުނެވެ. މެހެރީންގެ ހިމޭންކަން ދާމިން މާނަ ކުރީ އެހެން ގޮތަކަށެވެ. ދެއަތް ދެއަތާ އުނގުޅައިލުމާއެކު އޭނާގެ ކުރިމައްޗަށް ވާގޮތަށް ހުރި ބެންޗްގައި އިން ލީމް އަށް ބަލައިލަމުން އެއްލޯ މަރައިލިއެވެ. އެތަން ފެނިފައި ލީމް ދެލޯބޮޑުކޮށްލީ ދާމިންގެ އެހުންނަ ލާނެތްކަން ހިތަށް އަރާފައެވެ. އެންމެންގެ މެދަށް ވެރިވި ހިމޭންކަން ނައްތައިލީ ދާމިންއެވެ. ނިކަން ޖޯޝުގައި އޭނާ ލަވަ ކިޔާންފެށީ މޫނަށް ވެސް އެލަވައިގައިވި އަސަރުތައް ގެނުވަމުންނެވެ. އެތަން ފެނިފައި ހިމޭންވެފައި އިން މެހެރީނަށް ވެސް ކެތެއް ނުވިއެވެ. އަޑުވީއްލައި އޭނާއަށް ހީނގަނެވުނެވެ. ދާމިން ކުޑަކޮށްވެސް ބަދަލުނުވާކަން ޔަގީނެވެ. އުމުރު މައްޗަށް ދާވަރަކަށް އޭނާގެ ލާނެތްކަން ވަނީ އިތުރެވެ.

ލަވައިގެ ކަނޑިއެއް ކިއުމަށްފަހު އޭނާ މެދުކަނޑައިލިއެވެ. އަދި ނިމުނު އަކުރު ބުނެލަމުން އޭނާގެ ވާތްފަރާތުގައި އިން އާރިޒްއަށް ބަލައިލަމުން ނިތް އަރުވައިލިއެވެ. "ތިހެން ހިމޭންވެފައެއް ނުތިބެވޭނެ އިނގޭ.. އަވަހަށް މީމަކުން ފަށާ.. ކަމްއޯން ރީން އެންޑް އާޒް.. ކޮންމެވެސް ލަވައެއް ކިޔާބަލަ ތިހެން ނުތިބެ.." އާރިޒްގެ ކޮނޑުގައި ޖަހައިލަމުން ދާމިން ދިމާކޮށްލިއެވެ. ފަނޑު ހިނިތުންވުމެއް ދާމިންއަށް ހަދިޔާކޮށްލަމުން ކުރިމަތީގައި އިން މެހެރީނަށް ފުން ނަޒަރަކުން އާރިޒް ބަލައިލިއެވެ. ދެވަނަ ސުކުންތު ދުރަށް ނަޒަރު ހުއްޓައިލުމާއެކު ލަސްލަހުން ލަވައެއް ކިޔަން އޭނާ ފެށިއެވެ.

"މަގޭ ހާލު ބުނެދެން މިތުރާއޭ.. ޔާރުގެ ހިޔަނިން މަދަދު ލިބުންމީ އަޅުގެ ދުޢާއޭ.. ދެކޭ ޚިޔާލީ ޢާލަމުގާވެސް، ރަނިކަމުގާވީ އާދެ ތިބާއޭ.. އާދެ ތިބާއޭ..

ހަނދު ވެޔޭ، ފުރިހަމަ، ސާދަވިލޭރޭ.. އަނދިރީގާ ތިޔަ ލޯ ވިދައޭ، ކަޅުފޮއެ ރޭރޭ.. ކަލާ އަހާށޭ، ހާމަ މިކުރަނީ، ތެދުވެރިކަމާއެކު، ހައްޤު ސަނާއޭ، ހައްޤު ސަނާއޭ...

މަގޭ ހާލު ބުނެދެން މިތުރާއޭ.. ޔާރުގެ ހިޔަނިން މަދަދު ލިބުންމީ އަޅުގެ ދުޢާއޭ.. ދެކޭ ޚިޔާލީ ޢާލަމުގާވެސް، ރަނިކަމުގާވީ އާދެ ތިބާއޭ.. އާދެ ތިބާއޭ..

މަގޭ ހާލު ބުނެދެން މިތުރާއޭ.." އެހިސާބަށް ކިއުމަށްފަހު އާރިޒް ކުއްލިއަކަށް ހިމޭންވެލީ އިސްޖެހިފައިއިން މެހެރީންގެ އަޑަށެވެ.

"ޔާރުގެ ހިޔަނިން.... މަދަދު ލިބުންމީ... އަޅުގެ ދުޢާއޭ..." ކަރުނަވީ ދެލޮލުން ސީދާ އާރިޒްއަށް ބަލަން އިނދެ މެހެރީން ފުރިހަމަކޮށްލިއެވެ. ސިހިފައި މެހެރީންގެ މޫނަށް އާރިޒް ވެސް ބަލައިލިއެވެ. އެހިނދު ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. ހިމޭންވެފައި އެކަކު އަނެކަކަށް ބަލަން ތިބިއިރު، ދެހިތުގައިވެސް ކުޅެމުންދިޔައީ އެއް ރާގެއްކަން ޔަގީނެވެ. ބުނެދޭން ބޭނުންވެފައިވީ އެއް ވާހަކަތަކެކެވެ. ހާމަކުރަން މަސައްކަތްކުރީ އެއް އިހުސާސެކެވެ. ދެހިތްވެސް އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާ ކަމެވެ. އެކަކު އަނެކަކަށް ބޭނުންވާކަމެވެ.

ހަތަރުކަޅި ހަމަކޮށްލިގޮތަށް ހުއްޓުންއަރައިފައިތިބި މެހެރީނާއި އާރިޒްއާ ދިމާއަށް ބަލައިލި ދާމިންގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ބޮލުން ލީމްއަށް އިޝާރާތްކޮށްލުމާއެކު އިންތަނުން ނުހަނު ސިއްރުން ދާމިން ތެދުވިއެވެ. ދާންވީކަން ވިސްނި ދާމިންއެކޭ އެއްފަދައިން ލީމް ވެސް އިންތަނުން ތެދުވިއެވެ. އަދި ކުދި ފިޔަވަޅުތަކެއްގައި އައިސް ފޯޓިކޯގައި ޖަހައިފައި ހުރި ތަނބުތަކުން ތަނބެއްގެ ނިވަލަށްވަދެ އާރިޒް އާއި މެހެރީންގެ ހަރަކާތްތަކަށް ބަލައިލިއެވެ.

އަމިއްލަ ދުނިޔެއަކަށް ގެއްލިފައިވީވަރުން އެތަނުން ދާމިން އާއި ލީމް ދިޔަކަންވެސް މެހެރީން އާއި އާރިޒްއަށް އިހުސާސުނުވެއެވެ. އެގޮތުގައި އާރިޒްއަށް ކެތްވީ ހިނދުކޮޅެކެވެ. އިންތަނުން ތެދުވަމުން ލަސްހިނގުމެއްގައި އައިސް މެހެރީން ގާތުގައި ޖެހިގެންކަހަލަ ގޮތަކަށް އޭނާ އިނށީނެވެ. އަދި އަތް އުފުލައިލަމުން ނުހަނު ލޯބިން މެހެރީންގެ ކޯތާފަތްމައްޗަށް ފައިބަމުންދިޔަ ކަރުނަތައް ފުހެލިއެވެ. އާރިޒްގެ ބީހުން އިހުސާސުވުމާއެކު ކެތްނުވެގެން ކަހަލަ ގޮތަކަށް އޭނާގެ ކޮނޑުގައި މެހެރީން ބޯއަޅައިލިއެވެ. އެއާއެކު އެއްއަތް ގެނެސް މެހެރީންގެ ކޮނޑު ވަށައިލަމުން އިތުރަށް އާރިޒްގެ ހަށިގަނޑާލައި އޭނާ ފިއްތައިލިއެވެ.

ސިއްރުން އެމަންޒަރު ބަލަން ތިބި ލީމް އާއި ދާމިން އެކަކު އަނެކަކަށް ބަލައިލަމުން ހިނިތުންވެލިއެވެ. "ބަލައްޗޭ ލީމް.. މިރޭ އެދެހިތް އެކަކު އަނެކަކުދެކެ ވާ ތެދުވެލި ހާމަކުރާނެ.. ދޭ ވިލް ކޮންފެސް ޓް އީޗް އަދާރ.." ލީމްގެ އަތުގައި ހިފައިލަމުން ދާމިން ބުނެލީ އުއްމީދުން ފުރިފައިވީ ގޮތަކަށެވެ.

(ނުނިމޭ)

  1. ކިޔުންތެރިޔާ

    ލިބޭތޯ ޔާރު ޖަންނަތުންގެ އާ ބައިތައް ނުލާތީ ހިތާމަކުރަން

    • ދޯޯ

    • މައިން

      އަސްލުވެސް، އެ ވާހަކަ އަށް ވަރަށް އިންތިޒާރު ކުރެވޭ.

  2. ވަރަށްް ރީތި