ވާހަކަ

މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަހުބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
މަގޭ ހާލު ބުނެދެން މިތުރާއޭ... (ޓްރެއިލާރ) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެއްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދެވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތިންވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތަރުވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނުވަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދިހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެގާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސާދަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަނަރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސޯޅަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސަތާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ވިހިވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެކާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައުވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަންސަވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައްބީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަހުބައި)

އެސްފިޔަޖަހައިލުމެއްނެތި މެހެރީންއަށް ބަލަން އޭނާ އަށް ހުރެވުނީއެވެ. އެވަގުތު ލަސްލަހުން މެހެރީން އިސްއުފުލައިލިއެވެ. ކަރުނުން ބަރާވެފައިވި ދެލޯ ލޯބިވާ މައިންބަފައިންނާ ދިމާއަށް ހުއްޓުމާއެކު މެހެރީންނަށް ހިންދިރުވައިލެވުނީ ޖެހިލުންވީވަރުންނެވެ.

Ads by Sosun Fihaara

"ރީން.. ދަ..ދަރިފުޅުތަ.." އިޒްރާއަށް އެއްޗެކޭ ބުނެވުމުގެ ކުރިން ޚާލިދު ބުނެލިއަޑު އިވުނެވެ. އޭރު ޚުދު އޭނާގެ ދެލޯވެސްވީ ފެންކަޅިވެފައެވެ. ހުރިފިޔަވަޅު މަތިން ގުޑިލަންވެސް ނޭނގިފައި އިޒްރާ ހުއްޓައި ޚާލިދު ކުރިއަށް ޖެހިލިއެވެ. ފެންނަމުންދަނީ ހަގީގަތެއްކަން ގަބޫލުކުރަން ދަތިވެފައި އަދިވެސް އިޒްރާއަށް ހުރެވުނީއެވެ. ކުޑަވެސް ހަރަކާތެއް ކޮށްލައިފިނަމަ މެހެރީން ދެލޯ ކުރިމަތިން ގެއްލިދާނޭ ހީވަނީއެވެ. އެދަރިފުޅުގެ ސޫރަ ދުށުމުގެ ނަސީބު އެލިބުނީ ހާދަ ދުވަހެއް ފަހުންނެވެ. އިޒްރާގެ ލަގޮނޑިއަށް ވާންވެލުމާއެކު މަޑު އާހެއް ތުންފަތް ދެމެދުން ބޭރުވިއެވެ. އެއަޑަށް ޚާލިދު އިޒްރާއަށް ބަލައިލިއެވެ.

"އިޒޫ.. ދެކިބަލަ.. އަހަރެމެންގެ ރީން އެހުރީ އަހަރެމެން ދެކެން އައިސް.. އަހަރެމެންގެ ރީން.. އަހަރެ..މެން..ގެ.. ރ..ރީން.." ތަކުރާރުކޮށްލި ބަސްތައް ހިނދިގެންދިޔައީ ޚާލިދަށް ގިސްލެވުނުލެއް ބޮޑުކަމުންނެވެ. ހިތާ ދިމާލުން މޭގައި އޭނާއަށް އަތްޖައްސައިލެވުނެވެ. އެހިނދު ހާސްވެފައި އިޒްރާ ޚާލިދާ ގާތަށް ޖެހިލިއެވެ. ކަންބޮޑުވެފައި މެހެރީނަށް ވެސް އެދިމާއަށް ދުއްވައިގަނެވުނީ ބައްޕައަށް ކަމެއްވީއޭ ހީވެފައެވެ. މަޑުމަޑުން އައިސް ލަސްލަހުން ސޯފާގައި އިނށީން ޚާލިދު ކުރިމަތީގައި މެހެރީން ހުއްޓުނެވެ. އަދި އޭނާއާ އެއްވަރަށް ތިރިވެލުމާއެކު ތިރީގައި އިނށީނެވެ. ބައްޕާއޭ ކިޔައި އޭނާއަށް ގޮވައިލެވުނީ ކެތްތެރިކަން ކުޑަވެފައިވީ ގޮތަކަށެވެ. ނޭފަތް އެތެރަށް ދަމައިލަމުން ޚާލިދަށް މޫނުގައި އަތްއެޅުނެވެ. އެވަގުތު މަޑުމަޑުން ޚާލިދުގެ ފައިގައި މެހެރީން ނިތްޖައްސައިލިއެވެ. ރޮވޭވަރުން ޚުދު އޭނާއަށް ވެސް ވާހަކަދެއްކުން ދަތިވެފައިވިއެވެ. އެހެނަސް ހިތްވަރުކޮށްފައި އޭނާއަށް މަޢާފުކޮށްދިނުމަށް ބުނެލިއެވެ. ގިސްލައި ރޮމުން ތަކުރާރުކޮށް އޭނާއަށް މަޢާފުކުރުމަށް މެހެރީން އެދެމުން ދިޔައެވެ. އެންމެފަހުން ޚާލިދަށް ވެސް ކެތްނުވެގެން މޫނުން އަތްނެގުމަށްފަހު ތުރުތުރުލަމުންދިޔަ އަތްތިލަ މެހެރީންގެ ބޮލުގައި ޖައްސައިލިއެވެ. އަދި ނުހަނު ލޯބިން ފިރުމައިލިއެވެ. ދަރިފުޅާއޭ ކިޔައިފައި ޚާލިދު ގޮވައިލިއެވެ. އެހިނދު ނުކެރިފައި އިނދެ މަޑުމަޑުން ބޯހިއްލައިލަމުން މެހެރީން ބަލައިލިއެވެ. ރޮވިފައި އިން ޚާލިދާ ހަތަރުކަޅި ހަމަވުމާއެކު އޭނާ ނުހަނު ލޯބިން ހިނިތުންވެލިއެވެ. އަދި ތެމިފައިވި މެހެރީންގެ ކޯތާފަތް އޯގާތެރިކަމާއެކު ފުހެލައި ދިނެވެ. ދެފަރާތަކަށް ޚާލިދު ބޯހޫރައިލި ގޮތުން އެބުނަނީ ނުރޯށޭކަން މެހެރީން ދެނެގަތެވެ. އެހެނަސް އޭނާއަށް ރުއިން ހުއްޓައެއް ނުލެވުނެވެ. ހިތުޖެހިފައިވީ މާބޮޑަށެވެ. މެހެރީންގެ ހިތުގައި އަޅަމުންދިޔަ ވޭން ތުއްތު ތުއްތު ސަދާއަށް ވެސް އިހުސާސުވީ ކަންނޭނގެއެވެ. ބާރު އަޑުން އެތުއްތު ކުއްޖާވެސް ރޯންފެށިއެވެ. މެހެރީންގެ އަތުގައި އޮތް ތުއްތު ކުއްޖާ ޚާލިދާއި އިޒްރާގެ ލޮލުގައި އަޅައިގަތީ ދެނެވެ. މިއޮއް ހުރިހައި އިރު، ލިބުނު ޝޮކުގައި އެއިން އެއްވެސް ކަމެއް އެމީހުނަށް ފާހަގަނުވީއެވެ. އެތުއްތު ކުއްޖާގެ މޫނަށް ބަލައިލަމުން ލަސްލަހުން މޭގައި އަތްޖައްސައިލައި ޚާލިދު މެހެރީނަށް ބަލައިލިއެވެ. ލުއި ހިނިތުންވުމަކާއެކު މެހެރީން ބޯޖަހައިލީ ޚާލިދު އޮޅުންފިލުވަން ބޭނުންވި ކަންތައް ދެނެގަތް ފަދައިންނެވެ. އެތުއްތު ކުއްޖާއާ ދިމާއަށް ޚާލިދަށް ދެއަތް ދިއްކޮށްލެވުނީ ބޭއިޚުތިޔާރުގައެވެ. އެއާއެކު މަޑުމަޑުން ޚާލިދުގެ އަތުތެރަށް މެހެރީން ސަދާ ލައިދިނެވެ. ކާފަ ދަރިފުޅު ގެނެސް މޭގައި ޖައްސައިލަމުން އެލޯބި މޫނުކޮޅަށް ޚާލިދު ބަލައިލިއެވެ. ވަގުތުން ކަރުނައިގެ ތެރެއިންވެސް އޭނާ އަށް ހިނިތުންވެވިއްޖެއެވެ. އިޒްރާއަށް އޭނާ ބަލައިލީ ނިކަން ހިނިއައިސްފައި އިނދެއެވެ. އޭރު ރޮވޭވަރުން އަނގަމަތީގައި އަތްއަޅައި ބާރުކޮށްލައިގެން އިޒްރާ ހުއްޓެވެ.

ޚާލިދަށް ބަލަން އިނުމަށްފަހު އިންތަނުން ތެދުވަމުން އިޒްރާއާ މެހެރީން ކުރިމަތިލިއެވެ. އެއްޗެއް ބުނުމަށް މެހެރީން ހުޅުވައިލި އަނގަ ބަންދުވީ ދަރިފުޅާއޭ ކިޔައި ރޮއެގަންނަމުން އޭނާގެ ގައިގައި އިޒްރާ ބައްދައިލުމުންނެވެ. މަންމަގެ ދެއަތުތެރަށް ވަދެވުމާއެކު މިހުރިހައި ދުވަހު އޭނާ އުފުލަމުން އައި ހުރިހާ ހިތާމައެއް ނެތިގެންދިޔަ ކަހަލައެވެ. މައިމީހާގެ އެންމެ ކުޑަ ބީހުމުގައިވެސް ވަނީ އެފަދަ ހިތަށް ފިނިކަން ގެނުވައިދެނިވި ބާރެކެވެ. ދެމައިން އެކަކު އަނެކަކު ގައިގައި ބައްދަމުން މަޢާފަށް އެދެމުން ދިޔައިރު ދުރުގައި އެތަން ބަލަން ހުރި ދާމިންގެ ދެލޯވެސް ފެންކަޅިވެއްޖެއެވެ. ހިނިތުންވުމާއެކު މާތް ﷲ އަށް އޭނާއަށް ތަކުރާރުކޮށް ޝުކުރުވެވި ވެވުނެވެ. މިއަދު އޭނާގެ އެކުޑަ ކުޑަ އާއިލާ އަނެއްކާވެސް ފުރިހަމަވެއްޖެއެވެ. އާއިލާއަށް އިތުރުވި އައު މެންބަރުގެ ސަބަބުން އިތުރު އުފާވެރިކަމެއް ލިބިފައިވިއެވެ.

އެކަކު އަނެކެއްގެ އަތަށް ސަދާ ދެމުންދިޔައިރު އިޒްރާ އާއި ޚާލިދުގެ ތުންފަތްމަތިން ހިނިތުންވުން ނުފިލައެވެ. އެމީހުން މެހެރީނަށް މަޢާފުކުރިތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް އޭރު ކަންތައް ކުރެވުނު ގޮތުން އެދަރިފުޅު ކުރިމައްޗަށް ދާން ނުކެރިފައި ތިބީއެވެ. ނަމަވެސް މާތް ރަސްކަލާނގެ ރޭއްވެވުން ނުހަނު ފުރިހަމަވެގެން ވެއެވެ. އެދެހިތުގެ އެދުން ފުރިހަމަވީ ކިހައި ފުރިހަމަކޮށް ހެއްޔެވެ. ނުވެސް އެނގި ތިއްބައި އެމީހުންގެ ދިރިއުޅުން އަނެއްކާވެސް ހިތްހަމަޖެހޭ އުފާވެރި ދިރިއުޅުމަކަށް ވެއްޖެއެވެ.

ޚާލިދު ހުރީ މެހެރީންއާ އެކުގައި ރަޒާން ވެސް ބަލައިގަންނާށެވެ. އެހެނަސް ރަޒާން މެހެރީންއާ ދޭތެރޭ ކަންތައްކުރި ގޮތް އެނގުނު ހިނދު އެދެމަރިފިންގެ ހިތުގައި ބަޔާންކުރަން ދަތި ނުރުހުމެއް ރަޒާންގެ މައްޗަށް އުފެދުނެވެ. އޭނާގެ އަތްދަށުން މެހެރީން ސަލާމަތްވީތީ އެކަމާ އުފާކުރެވުނެވެ. އަދި އެދަރިފުޅު އެފަދަ ހާލެއްގައި އުޅުނުއިރު އެކަން ނޭނގުނީތީ ދެރަވެ ހިތާމަކުރިއެވެ. ނަމަވެސް ފާއިތުވެދިޔަ ދުވަސްތައް އަނބުރާ އައުމެއް ނެތެވެ. އަހަރެމެންނަށް އޮތީ އެކަމުން ފިލާވަޅެއް ލިބިގަނެ ކުރިމަތި އާރާސްތުކުރަން މަސައްކަތް ކުރުމެވެ.

މެހެރީންއާ ރަޒާން ވަރިވިކަން އެނގުމުން އިތުރަށް އެ ކޮމްޕެނީގައި ވެސް އޭނާ ބެހެއްޓުމުގެ ގަސްދެއް ޚާލިދު ނުކުރިއެވެ. އެހެންވެ މާދަމާ އެންމެ ފުރަތަމަ އޮފީހަށް ދާގޮތަށް އެކަމާ އުޅެން އޭނާ ވަގުތުން ދާމިން އަށް އެންގިއެވެ. ހިނިއައިސްފައި އިން ދާމިން ނިކަން އަވަހަށް ބޯޖަހައިލިއެވެ. އެންމެ ހަމައަކަށް އެޅުމާއެކު ދާމިންގެ ލާނެއްކަން ފައުޅުވިއެވެ. ކުރިއެކޭ އެއްފަދައިން އޭނާ މެހެރީނާ ދިމާކޮށްލަމުން ކޮންމެވެސް ސަމާސާއެއް ކޮށްލިއެވެ. އެއާއެކު ތުންކޮޅު އޫކޮށްލި މެހެރީން އިޒްރާއަށް ގޮވައިލަމުން ދޮންބެއޭ ކިޔައި ޝަކުވާކޮށްލިއެވެ. ދެކުދިން ޖަހަމުންދިޔަ ސަކަރާތައް ބަލަމުން ދިޔައިރު، އިޒްރާ އާއި ޚާލިދްގެ ހިތް ފުރެމުން އައެވެ. ﷲ އަށް ޙަމްދުކޮށްލެވުނީ އެގޭގެ އުފާވެރިކަން އަނބުރާ އައުމުން ލިބުނު ހިތްހަމަޖެހުމަކުންނެވެ.

* * * * *

މެހެރީން އާއި އާރިޒްގެ ގުޅުންވީ ޚާލިދާއި އިޒްރާ ވެސް ނުހަނު ރުހުނު ގުޅުމަކަށެވެ. ދެކައިވެނި އެއްކޮށް ކުރަން ބޭނުންވެ ކުޑަ ދުވަސްކޮޅަކަށް ދާމިން އާއި ލީމްގެ ކައިވެނިވެސް ފަސްކޮށްލީއެވެ. ކޮންމެ ކުއްޖެއްގެ ކައިވެނިވެސް ޚާލިދު ބޭނުންވީ އޭނާއަށްވީ އެންމެ ފުރިހަމަކޮށް ކޮށްދިނުމަށެވެ. އެކަމަށް ނުހަނު ބޮޑު ތައްޔާރީއެއް ވާންޖެހޭތީ ކައިވެނިކުރާ ދުވަސް އިތުރަށް ލަސްކުރަން ޖެހުނީއެވެ.

އިރުއޮއްސުނު ވަގުތެވެ. ގޭތެރެ ހަލަބޮލިވެފައިވީ އެރޭގައި ކުރެވެން ހަމަޖެހިފައިވި ދެކައިވެނީގެ ތައްޔާރީތަކުގެ ސަބަބުންނެވެ. ދެކޮޅަށް އެކި ޚާދިމުން ދުވަމުން ދިޔައިރު އެންމެ ފަހުގެ ތައްޔާރީތައް ބަލަމުން އެމީހުންގެ މަސައްކަތައް ފާޑު ކިޔުމުގައި ޚާލިދު އުޅެއެވެ. އެހެން އުޅެނިކޮށް އިޒްރާ ގޮވައިލުމާއެކު އޭނާ ވެސް ތައްޔާރުވާން ދާންވީ ވަގުތު ޖެހުނީކަން ވިސްނުނެވެ. އެމީހުނަށް ބާކީ ހުރި ކަންކަން ކުރިއަށް ގެންދަންވީ ގޮތް ކިޔައި ދިނުމަށްފަހު އިޒްރާއާ އެކުގައި ޚާލިދު ހިނގައިގަތެވެ. ޕާޓީ ބާއްވާން އޭނާ ބޭނުންވީ ގޭގެ ބޮޑު ހޯލްތެރޭއެވެ. އަޅިއާއި ހުދު ކުލައިން މުޅި ހޯލްތެރެ ޖަރީކޮށްފައިވީއިރު އެތަނަށް ވަތް ކޮންމެ މީހަކުވެސް އެތަނުގެ ފުރިހަމަކަމަށް ތަޢުރީފު ކޮށްލައެވެ. މެހެމާނުންނަށް ދައުވަތު ދެވިފައިވީ 8.30 އަށެވެ. އަދި ކައިވެނި ކުރުމަށް ހަމަޖެހިފައިވީ ރޭގަނޑު 8 ޖަހާއިރުއެވެ. ކޮންމެ މީހަކުވެސް އޭރު އަވަދިނެތި ތައްޔާރުވަމުން ދިޔައީ ކައިވެނިކޮށްދެން ޣާޒީން އައުމުގެ ކުރިން ހުރިހާ ކަމެއް ކޮށް ނިންމައިލުމަށެވެ.

ވަކިން ކޮޓަރިއެއްގައި މެހެރީނާއި ލީމް ތައްޔާރުވަމުން ދިޔައީ އެކީއެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި އެދެމެދުގައިވީ ގާތް ރަހުމަތްތެރިކަމެއް އުފެދިފައެވެ. ސެލޫނަކުން ގެނެސްފައިތިވި ކުދިންތަކެއް އެމީހުން ތައްޔާރު ކުރަމުންދިޔައިރު އެކުގައި ޖުމާނާ އާއި ތާނީ ވެސް ބައިވެރިވަމުން ދިޔައެވެ. މުޅި މާހައުލުގައިވީ އުފާވެރި ހުނުމުގެ އަޑެވެ. ގަޑި ކައިރިވަމުން ދިޔަ ވަރަކަށް ލީމް އާއި މެހެރީންގެ ހިތުގެ ހިނގުން އައީ އަވަސްވަމުންނެވެ. ތައްޔާރުވެ ނިމިފައި އިނަސް އިސްއުފުލައި އަމިއްލަ ސޫރައަށް ބަލާން ނުކެރިފައި އޭނާ އިނީ ލަދުވެތިކަން އިހުސާސުވަމުން ދިޔަވަރުންނެވެ. ލީމްގެ ހާލަކީވެސް އެއީއެވެ. އަލަތު ކައިވެނި ކުރެވެން އުޅޭއިރު އޭނާއަށް ވެސް ކުރެވެމުންދިޔައީ އެފަދަ ބަޔާންކުރަން ދަތި އިހުސާސުތަކެކެވެ.

ކޮޓަރީގައި ޓަކި ޖަހައިލަމުން އިޒްރާ ހުޅުވައިލިއެވެ. އަދި ހިނިތުންވެލަމުން ދާންވީ ވަގުތު ޖެހުނީކަމުގައި ބުނެލިއެވެ. އިންތަނުން މެހެރީން އާއި ލީމް ތެދުވީ އެކުއެކީއެވެ. އެއާއެކު އެމީހުނާ ގާތަށް ޖެހިލަމުން ޖުމާނާ އާއި ތާނީ ހެދުން ރީތިކޮށްލައި ދިނެވެ. ކައިވެނީގެ ހުދު ހެދުމުގައި ފަރިވެފައި އިން މެހެރީން ފެނި އިޒްރާ ފެންކަޅިވާގޮތްވިއެވެ. ދަރިފުޅުގެ އަލަތު ކައިވެނި ނޫން ނަމަވެސް އޭނާއަށް ކުރެވެމުންދިޔައީ މުޅީން ތަފާތު އިހުސާސެކެވެ. ދެއަންހެންކުދިންގާ ގާތަށް ޖެހިލުމާއެކު ނުހަނު ލޯބިން ކޮންމެ ކުއްޖަކަށް އިޒްރާ ތަޢުރީފު ކޮށްލިއެވެ. އަދި އަވަހަށް އައުމަށްބުނެ އެތަނުން ނުކުންނަން ހިނގައިގަތެވެ.

ކައިވެނި ކުރުމަށް ހަމަޖެހިފައިވި މޭޒު ކައިރީގައި ދާމިން އާއި އާރިޒް ހުއްޓިގެން ތިބީ ކެތްތެރިކަން ކުޑަގޮތަކަށެވެ. ހިތުގެ މަލިކާ ދެކުމަށް ބޭޤަރާރުވެފައިވީވަރު އެއިން ކޮންމެ މީހެއްގެ މޫނުން ސާފުކޮށް ފައުޅުވެއެވެ. އެތަން ފެނި ޒުހޭލް ދެތިން ފަހަރު އެދެޒުވާނުންނާ ދިމާވެސް ކުރިއެވެ. ލީމްގެ ކޮއްކޮއަކަށްވީތީ ޒުހޭލްގެ ދެމަފިރިން އާރިޒް ބަލައިގަތީ ހިތުން ރުހުމުންނެވެ. އަމިއްލަ ދަރިއަކު ފަދައިން މިވޭތުވެދިޔަ ދުވަސްތަކުގައި އެމީހުން އާރިޒްއާ މެދުގައި ކަންތައްކޮށްދިނީ އެހެންވެއެވެ. ފިރިހެން ދަރިއެއް ނެތްކަމުގެ އިހުސާސު އާރިޒް އެމީހުންގެ ދިރިއުޅުމަށް އައި ހިސާބުން ނެތިގެން ގޮސްފިއެވެ.

އިޒްރާގެ ފަހަތުންކަހަލަ ގޮތަކަށް ހޯލަށް ވަދެގެން އައި މެހެރީން އާއި ލީމް ފެނިފައި އާރިޒް އާއި ދާމިން ފުން ނަޒަރަކުން ބަލައިލިއެވެ. ދެކުދިން ލައިގެންތިބީ އެއްކަހަލަ ހެދުމެއް ނަމަވެސް އިސްތަށިގަނޑާއި ސްޓައިލް ކޮށްފައިވީ ގޮތާއި މޭކަޕް މުޅިން ތަފާތެވެ. ހުދު ކުލައިގެ ހެދުން ހަށިގަނޑަށް ހެޔޮވަރަށް ހުރިއިރު، އުނަގަނޑާ ދިމާލުން ހިމަ ބަންދެއް ލައިފައި ހުއްޓެވެ. ހެދުމުގެ އަތާއެކު މޭމަތިވީ ހުދުކުލައިގެ ލޭސްފޮތިން ފަރުވާކޮށްފައެވެ. އަދި ތިރިން ފުޅާ ތިރިއެއްހެން ފަސްބައި ދޫކޮށްލައިފައި އޮތްއިރު، ޝާހީގޮތެއް އެކުލެވިފައިވިއެވެ. ކިތަންމެ ސާދާކޮށް ހެދުން ފަރުމާކުރެވިފައި ވީ ނަމަވެސް އެހެދުމުގައި މެހެރީން އާއި ލީމް ޝާހީ ރަސްދަރިކަނބަލަކަށް ދޫނުކުރެއެވެ. މެހެރީންގެ ރީތި ފަން އިސްތަށިގަނޑު ރީތި ސްޓައިލަކަށް ފަހަތަށް ދޫކޮށްލައިފައި އޮތްއިރު، ވައަތު ކަންފަތާ ދިމާލުން ހުދުކަލައިގެ އެސްތަކުން ޖަރީކޮށްފައިވި ދައްޗެއް ހަރުކޮށްލައިފައި ހުއްޓެވެ. ލީމްގެ އިސްތަށިގަނޑުވީ ރީތި ހުޅިއެއް މައްޗަށް ނަގައި ހުޅީގެ ވަށައިގެން ކުދި އެސްތައް ހަރުކޮށްފައެވެ. އިޒްރާގެ އަތުތެރޭގައިވި ކުޑަކުޑަ ސަދާ ވެސް ހުދުކުލައާއި އަޅިކުލައިގެ ލޯބި ހެދުންކޮޅެއް ލައްވައި ނަލަ ހައްދައިލައިފައި ހުއްޓެވެ. ވަށައިގެންވި މީހުންތަކަށް ބަލަމުން ދިޔައިރު އެ ތުއްތު މޫނުގައިވީ މައުސޫމު ހިނިތުންވުމެއްގެ އަސަރެވެ. މަންމަގެ އުފަލުގައި އޭނާ ވެސް ބައިވެރިވަމުންދިޔަ ކަހަލައެވެ.

ދާމިން އާއި އާރިޒް ވެސް ޚިޔާރު ކުރީ ކަޅުކުލައިގެ ސޫޓެކެވެ. އެތެރެއިން ހުދު ކުލައިގެ ގަމީހެއް ލައިފައި ތިބިއިރު، ޓައީ އާއި ޖީބުގައި ހަރުކޮށްފައިވި މައުކޮޅު އިނީ ގަދަ އަޅިކުލައިގައެވެ. ރީތި ގޮތަކަށް އިސްތަށިގަނޑު ސްޓައިލްކޮށްފައިވީއިރު ދެމީހުންގެ ފިރިހެންވަންތަކަންވެސް އިތުރަށް ފުރިހަމަކަމަށް ދައްކައެވެ.

މެހެރީން އައިސް އާރިޒް ގާތުގައި މަޑުކޮށްލުމާއެކު ކެތްނުވެ ތަޢުރީފުގެ ބަހެއް އޭނާގެ ދުލުން ބޭރުވިއެވެ. އެއާއެކު ލަދުރަކި ހިނިތުންވުމެއް ދެމުން މެހެރީން އިތުރަށް އިސްއޮބައިލީއެވެ. އާރިޒްގެ އެފަދަ ކަންކަމުން ބުނާން ނޭނގޭ އުފަލެއް އޭނާގެ މުޅި ނަފުސަށް ވެރިވެއެވެ. އެގާތްކަމުން ހިތަށް ފިނިކަން ގެނުވައިދެއެވެ. ދާމިން އަށްވެސް ވީ އެފަދަ ގޮތެކެވެ. ލީމްއާ ގާތަށް ޖެހިލައި ލާނެއް ސަމާސާއެއް ކޮށްނުލައި އޭނާ އަށް މަޑަކުން ނުހުރެވުނެވެ. އެތަންފެނި ޒުހޭލަށް ވެސް ދެފަރާތަށް ބޯހޫރައިލަމުން ހީނލެވުނެވެ.

ޣާޒީ އައުމާއެކު ލަސްތަކެއްނުވެ ދެކައިވެނި ވެސް ކުރެވުނެވެ. އާރިޒްގެ ދުލުން އަނބި ގަބޫލުކޮށްފީމޭ ބުނި ވަގުތަކީ މެހެރީންގެ މުޅި ހަޔާތުގައިވެސް އައި އެންމެ އުފާވެރި އެއް ވަގުތުކޮޅެވެ. ކަރުނުން ބާރުވަމުންދިޔަ ދެލޮލުން އޭނާ އާރިޒްއަށް ބަލައިލީ ހިނިއައިސްފައި އިނދެއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވުމާއެކު އާރިޒް ވެސް ލޯބިވެތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

ޚާއްސަކޮށް އާރިޒްގެ ކައިވެނީގައި ބައިވެރިވުމަށް ޒާމިން އާއި ޒިމާމް ވެސް އައެވެ. އާރިޒް އަށްޓަކައި ހެޔޮ ދުޢާކުރަމުން ދިޔައިރު ދެމީހުންވެސް ތިބީ ހަގީގަތުގައިވެސް އޭނާއަށްޓަކައި ނުހަނު އުފަލުންނެވެ. އާރިޒްގެ ދިގު އިންތިޒާރަށް އެފަދަ ފޮނި ނިމުމެއް އައީތީ އެކަމާ އެންމެ އުފާކުރީ ޒާމިންއެވެ. ހުރިހައި ކަމަކުން އަވަދިވުމާއެކު ދެމީހުން ވަކިން ބައްދަލުވާން ޖެހޭނެކަމުގައި އޭނާ ބުނެލީ ހިނިއައިސްފައި ހުރެއެވެ. ބޯޖަހައިލި އާރިޒް ނިކަން އަވަހަށް އެކަމަށް އެއްބަސްވިއެވެ.

ޕާޓީ ފެށިގެން ގޮސް ނިމުނުއިރު، ކައިވެނި ކުރެވުނު ދެ ޖޯޑުވެސްވީ ނުހަނު ވަރުބަލިވެފައެވެ. ކައިވެނީގެ ރޭ ހޭދަކުރުމަށް ދެ ޖޯޑަށް ވެސް ހަމަޖެހިފައިވީ މާލޭގެ ނަން މަޝްހޫރު ހޮޓެލެކެވެ. ކާރުގައި އެދިމާއަށް ދަތުރުފެށީ ދެއަންހެންކުދިން އެކީއެވެ. ކުޑަކަމެއް ކޮށްލައި ދާނަން ކަމަށް އާރިޒް އާއި ދާމިން ބުނުމުންނެވެ.

ހޮޓެލްގައި ދެމީހުނަށް ޚާއްސަ ކޮށްފައިވި ކޮޓަރިއާ ހަމައަށް ޖުމާނާ އާއި ތާނީ އެމީހުން ގެނެސްދިނެވެ. އަދި އުފާވެރި ހަޔާތަކަށް އެދެމުން އެދެއެކުވެރިންނާ ވަކިވިއެވެ. ކޮޓަރިއަށް ވަންނަމުން ވަށައިގެން މެހެރީން ނަޒަރު ހިންގައިލިއެވެ. އެމީހުނަށްޓަކައި މުޅި ކޮޓަރި ތައްޔާރުކުރެވިފައިވީ ނުހަނު ފުރިހަމައަށެވެ. އުއްބައްތީގެ ހުޅުކޮޅުތައް ކޮޓަރިއަށް އެޅިފައިވީއިރު، ހުދާއި ރަތް ފިނިފެންމަލުގެ ފިޔައިން މުޅި ކޮޓަރިވަނީ ފަޅުފިލުވައިލައިފައެވެ. މައުތަކުގެ މީރު ވަސް ކޮޓަރީގައި ހިފައިފައިވީ ގޮތުން އިތުރު ހިތްހަމަޖެހުމެއް ގެނުވައެވެ. ހެދުން ކުޑަކޮށް ހިއްލައިލަމުން އައިސް ކޮޓަރީގައި ހުރި ކުޑަދޮރު މެހެރީން ހުޅުވައިލިއެވެ. އެއާއެކު ޖެހިލި ލުއި ވައިރޯޅިން ތަފާތު އަރާމެއް އިހުސާސުވިއެވެ. ދީފައިވި ހަނދުވަރުގެ ރިހި އަލި ކޮޓަރީތެރަށް ފޭދިގެން އައުމާއެކު މުޅި އެތަން ފެންނަމުން ދިޔައީ ހުވަފެނީ ގޮތަކަށެވެ. އުޑުގައި ރަނިކަން ކުރަމުންދިޔަ ހަނދާއި އޭގެ ބައިވެރިންނަށް ބަލަހައްޓައިގެން މެހެރީން ހުއްޓެވެ. އެވަގުތު ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވިފައި އޭނާއަށް ހިންދިރުވައިލެވުނެވެ. އާރިޒްގެ ހިލަން ވުމާއެކު މަޑު ތުރުތުރެއް މެހެރީންގެ ހަށީގައި އުފެދިގެން އައެވެ. ބަނޑުންފެށިގެން އިހުސާސުވަމުންދިޔަ ހީލިކެރުވުން އޭނާއާ ގާތަށް އާރިޒް އަޅައިލާ ކޮންމެ ފިޔަވަޅަކާއެކު އައީ އިތުރުވަމުންނެވެ. ހިތުގެ ހިނގުން އަވަސްވުމާއެކު ލަދުރަކި ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވިއެވެ. ޖަންބުކުލަ އަރަމުންދިޔަ ކޯތާފަތުން އޭނާ ލަދުގަނެފައިވީ މިންވަރު ހާމަކޮށްދެއެވެ.

މެހެރީންގެ ފަހަތަށް ހުއްޓެމުން އެހިމަ އުނަގަނޑުގައި އާރިޒް ދެއަތް ވަށައިލިއެވެ. އެހިނދު މެހެރީންށް ދެލޯމަރައިލެވުނެވެ. މަޑުމަޑުން މެހެރީންގެ ކަންފަތާ އަނގަ ކައިރިކޮށްލަމުން ލާނެތް ސަމާސާއެއް އާރިޒް ކޮށްލީ އިތުރަށް މެހެރީން ލަދުގަންނަވާލަން ކަހަލައެވެ. އުޑުގައި ރަނިކަން ކުރަމުންދިޔަ ހަނދާ އޭގެ ބައިވެރިންނަން ބަލައިލަމުން މެހެރީންގެ ކޮނޑުގައި ހިފައި އޭނާއާ ދިމާއަށް އާރިޒް އަނބުރައިލިއެވެ. އަދި ހިނިއައިސްފައި ހުރެ މެހެރީންގެ ދެއަތް އުފުލައިލަމުން ގެނެސް އާރިޒްގެ ކޮނޑުގައި ވަށައިލިއެވެ. އާރިޒްގެ އެހަރަކާތް ނުވިސްނިފައި މެހެރީން ހުއްޓައި އޭނާގެ އުނަގަނޑުގައި އަތް އަޅުވައިލަމުން އިތުރަށް އާރިޒްއާ ގާތްކޮށްލިއެވެ. އެއްޗެއް ބުނަން މެހެރީން އަނގަ ހުޅުވައިލި ވަގުތު ލަވައެއްގެ ބައިތުތައް ކިޔަމުން މެހެރީން ގޮވައިގެން އާރިޒް ނަށާންފެށިއެވެ.

"ހެކިވެޔޭ، ތަރި ހަނދު، ދައުރުކުރާހާ... އިތުބާރޭ ކޮށްގެން މިހުރީ ހީނުކުރާހާ.. ހިތާއި ވިންދާ، ނާރުތަކަށްވެސް، އަމުރު ކުރާނީ، މިއަދު ކަލާއޭ، މިއަދު ކަލާއޭ... މަގޭ ހާލު، ބުނެދެން މިތުރާއޭ.. ޔާރުގެ ހިޔަނިން، މަދަދު ލިބުންމީ، އަޅުގެ ދުޢާއޭ.. ދެކޭ ޚިޔާލީ، ޢާލަމުގާވެސް، ރަނިކަމުގާވީ، އާދެ ތިބާއޭ، އާދެ ތިބާއޭ.." ލަވަކިޔައި ނިންމައިލަމުން މެހެރީންގެ ނިތުގައި އާރިޒް ނިތް ޖައްސައިލިއެވެ. އޭރު އުފަލުންގޮސް މެހެރީންގެ ދެލޮލުން ކަރުނަ ފައިބަމުންދިޔައީ ހިތަށް ކުރި ފުން އަސަރެއްގެ ސަބަބުންނެވެ. އާރިޒް އޭނާދެކެވާ ތެދުވެރި ލޯބި އިހުސާސުވެފައެވެ. ނުހަނު ލޯބިން މެހެރީންގެ ކޯތާފަތް ފުހެލަމުން އަތްދަނޑި މައްޗަށް އާރިޒް އޭނާ އުފުލައިލިއެވެ. އަދި ލޯބިވެތި ގޮތަކަށް އަނބިމީހާއަށް ބަލައިލަމުން އެނދާ ދިމާއަށް ކުދި ފިޔަވަޅުތަކެއްގައި ހިނގައިގަތެވެ.

* * * * *

ފަނަރަ އަހަރު ފަސް...

* * * * *

ސްކޫލްގައި ފާހަނގަ ކުރަމުންދިޔަ އިތުރު ހަރަކާތެއްގެ ތައްޔާރިތަށް ކުރުމުގައި އަވަދިނެތި އުޅު ސަދާ ހިންދެމިލިއެވެ. ކުރެވުނު މަސައްކަތަށް ބަލަން ހިނިއައިސްފައި އޭނާ ހުރީ ހިތްހަމަޖެހިފައެވެ. މަސައްކަތުން ހިންދެމިލަނުން ފާޚާނާއާ ދިމާއަށް އޭނާ މިސްރާބުޖެހީ އަތުގައި ހޭކިފައިހުރި ކުލަތައް ފިލުވައިލުމުގެ ނިޔަތުގައެވެ. އެހެނަސް އެހިސާބަށް ނުދެވެނީސް ސަކަރާތް ބޮޑުކޮށްލައިގެން އުޅުނު ފިރިހެން ގްރޫޕްއެއްގެ ތެރެއިން އެދިމާއަށް އައި ފިރިހެން ކުއްޖަކާ ދިމާއަށް ކަޅު ކުލައިގެ ދަވާދު ފިއްސެއްގައި އުނގުޅުމަށްފަހު ބުރުވައިލިއެވެ. ނަސީބު ދިމާކުރިގޮތުން އެވަގުތުވީ ސަދާވެސް އެދިމާއިން ހުރަސް ކަނޑައިލި ވަގުތަކެވެ. ކަޅު ދަވާދުތައް އެއްވެސް ހުރައެއް ނެތި އައިސް އުނގުޅުނީ އޭނާގެ މޫނުގައެވެ. އެތަންފެނި އެ ފިރިހެން ގްރޫޕް ޖަހައިލީ ނުލަފާ ހިނިގަނޑެކެވެ. އެމީހުންގެ ސަކަރާތް އިތުރަށް ބޮޑުވިކަހަލައެވެ. ރުޅިގަދަވީ ވަރުން ތުންއޫކޮށްލަމުން އެނބުރި އެގްރޫޕްއާ އޭނާ ކުރިމަތިލިއެވެ. ދަވާދު އުނގުޅައިފައިހުރި ފިހި އަތުން ހިފައިގެންހުރި ފިރިހެންކުއްޖާ އެތަން ފެނި ތުންފިއްތައިލީ ހިނިއައިސްފައި ހުރެއެވެ. މޫނައްޖެއްސި ވައްތަރުން ހުނުން މަތަކުރަން އޭނާ އުޅުނު ކަހަލައެވެ. ނަމަވެސް ދެވަނަ ސުކުންތު ސަދާ ހުރިގޮތް ފެނިފައި އޭނާ އަށް އަނެއްކާވެސް ބާރަށް ހީގަނެވުނީއެވެ. "ޔޫ..." އަޑަށް ބާރުލައިފައި ދަމައިލަމުން ސަދާ ގޮވައިލިއެވެ. ކޮނޑުއަރުވައިލަމުން ހިނިއައިސްފައި އެކުއްޖާ މޫނަށް ވައްތަރެއް ޖައްސައިލިއެވެ. އެންމެ ހޭން ފެށުމުން ލަދުގަތްވަރުން އެތަނުން ދިއުމަށް ސަދާ ދުއްވައިގަތެވެ.

ސްކޫލް ނިމި ގެއަށް އައި އިރުވެސް އޭނާގެ މޫނުގައި އުނގުޅިފައިހުރި ދަވާދުތައް ރަނގަޅަށް ނުފިލައެވެ. ކުރިމައްޗަށް ޑްރައިވަރު ކާރު މަޑުކޮށްލުމާއެކު ކުދި ކިޔަމުން ނުރުހުންވެފައި ކާރުން ފައިބައިގެން ސަދާ އައެވެ. ނަމަވެސް ގޭއާ ހަމައަށް އޭނާ ނުފޯރަނީސް މީހަކު ޖެހި ފެންއެއްޗެއް އައިސް ޖެހުނީ އޭނާ ގައިގައެވެ. ލިބުނު ޝޮކުގައި ހުރި ފިޔަވަޅުމަތީގައި އޭނާ މަޑުޖެހުނެވެ. ގަބޫލުނުކުރެވިފައި ތެމިފޯވެފައިވި ހެދުމަށް ސަދާއަށް ބަލައިލެވުނެވެ. އެވަގުތު ހެމުން ހެމުން ގަސްތަކުގެ ތެރެއިން ނުކުމެގެން އައި އާރިޒް އަށް ލިބުނީ ކުއްލި ސިހުމެކެވެ.

"ދަރިފުޅުތަ.. ވަރަށް ބޮޑަށް ސޮރީ.. ބައްޕަ ހީކުރީ މަންމަ ކަމަށް.." މޫނަށް ލާނެއް ވައްތަރެއް ޖައްސައިލަމުން އާރިޒް ބުނެލިއެވެ. އާރިޒްގެ އަޑު އިވިފައި ގަސްތަކުތެރޭ ފިލާ ހުރި މެހެރީން ހެމުން ހެމުން ނުކުތެވެ. މެހެރީން ފެނުމާއެކު މިއީ އޭނާގެ ކަންތަކޭބުނެ އާރިޒް ހޭންފެށިއެވެ. އެދެމީހުނާ ދިމާއަށް ސަދާ އެނބުރުނީ ދެނެވެ. ދަރިފުޅުގެ މޫނު ފެނުމުން އާރިޒްއަށް ހުނުން ކޮންޓްރޯލެއް ނުކުރެވުނެވެ. ސަދާއާ ސަމާސަކޮށްލަން ބޭނުންވިއެވެ.

"އައްދެ.. ރުޅި އައިސްގެން ގޮސް މޫނު ވެސް އަނދާ ހިސާބަށް ދިޔައީތަ.." މޫނުގައި އުނގުޅިފައިވި ކަޅު ދަވާދަށް އިޝާރާތްކޮށްލަމުން އާރިޒް ދިމާކޮށްލިއެވެ. ތުންކޮޅު އޫކޮށްލުމާއެކު ދެން ބައްޕާއޭ ކިޔައި ސަދާ ގޮވައިލިއެވެ. އަދި ދެފަރާތަށް ބޯހުރައިލަމުން އެތަނުން ދިއުމަށް ދުއްވައިގަތެވެ. ވަކި ހިސާބަކަށް އައިސްފައި ހުއްޓެމުން އޭނާ ފަހަތަށް ބަލައިލިއެވެ. އެކަކު އަނެކަކާ ސަމާސަކުރަމުންދިޔަ މެހެރީން އާއި އާރިޒްއަށް ފުން ނަޒަރަކުން ބަލައިލުމާއެކު ސަދާގެ މޫނުގައިވި ނުރުހުމުގެ އަސަރު ފިލައި އޭނާ އަށް ހިނިތުންވެވިއްޖެއެވެ. އާރިޒް އަކީ އޭނާގެ އަސްލު ބައްޕަ ނޫން ނަމަވެސް ސަދާގެ ހިތުން އޭނާއަށް ދެވިފައިވީ އެފަދަ މަޤާމެކެވެ. ހުރިހައި ގޮތަކުންވެސް އޭނާއަށްޓަކައި އެންމެ ފުރިހަމަ ބައްޕައަށް އާރިޒް ވެދިނެވެ. މައިންބަފައިންގެ މެދުގައިވި ލޯތްބާއި ކުލުން ވެރިކަން ފެނިފައި ސަދާގެ ހިތަށް ލިބުނީ އަޖައިބެއްކަހަލަ ފިނިކަމެކެވެ. އޭނާގެ ހިނިތުންވުން ފުޅާވެލީ އެހެންވެއެވެ. "ކޮންމެވެސް ދުވަހަކުން އަހަރެންވެސް ބޭނުންވަނީ ތިފަދަ ލޯތްބެއް އިހުސާސުކޮށްލަން.. ބައްޕަ މަންމަދެކެ ލޯބިވާ ގޮތަށް އަހަރެން ދެކެ ވެސް ލޯބިވާނެ މީހެއް ބޭނުންވަނީ.. ތިފަދަ ތެދުވެރި ވަރުގަދަ ލޯތްބެއް.." ހިނިއައިސްފައި ގޯތިތެރޭގައި ޅަފުރައިގެ ކުދިންހެން ސަމާސަކުރަމުން ދުވަމުންދިޔަ މެހެރީނާއި އާރިޒް އަށް ބަލަން ހުރި ސަދާ އަމިއްލަ ނަފުސަށް ބުނެލިއެވެ. އެވަގުތު އޭނާގެ ދެލޯ ކުރިމަތިން ސިފަވެލީ މިއަދު ސްކޫލްތެރެއިން އޭނާ ގަޔަށް ދަވާދުޖެހި ފިރިހެންކުއްޖާގެ މޫނެވެ. "އާރގް.. އޭނަ ސިފަވާން ޖެހޭތަ.. އަހަރެން ނޫޅެން އޭނައާ ހެދިއެއް.." މޫނަށް ނުރުހުމުގެ އަސަރު ވެރިކޮށްލަމުން އަމިއްލަ ނަފުސަށް އޭނާ ކުދި ކިޔައި ގަތެވެ. އަދި އަނެއްކާވެސް އެނބުރިލަމުން ގެއާ ދިމާއަށް ހިނގައިގަތެވެ.

ގޭތެރަށް ވަތްގަނޑީ ބަދިގެއިން ފެންފުޅިއެއް ހިފައިގެން ނުކުމެގެން އައި އެގާރަ އަހަރުގެ އޭނާގެ ފިރިހެން ކޮއްކޮ އަށް ސަދާ ބަލައިލިއެވެ. ސާހިލްގެ ލޮލުގައި އޭނާގެ ދޮންތަ އަޅައިގަތުމާއެކު ސިހިފައި ހަޅޭއްލަވައިގަތީ ބިރެއް ފެނިގެން ކަހަލައެވެ. އެކަމުން އިތުރަށް ސަދާ ތުންކޮޅު އޫކޮށްލިއެވެ. އަދި ސިޑިއާ ދިމާއަށް ދުއްވައިގަތެވެ. އޭރު ކޮންޓްރޯލްނުވެ ސާހިލް ބާރަށް ހޭއަޑު އޭނާއަށް އިވެމުންދިޔައެވެ. އެއަޑު އިވުމުން ނުރުހުންފިލައި ސަދާއަށް ވެސް ބާރަށް ހީނގަނެވުނެވެ.

ކޮންމެ އަހަރެކޭ އެއްގޮތަށް އެއަހަރުވެސް ލިބުނު ސްކޫލް ކުޑަ ޗުއްޓީގައި ރާއްޖެތެރޭގެ ރަށަކަށް އާއިލާއާ އެކުގައި އާރިޒް ދިޔައެވެ. ކައިވެނިކުރި ފަހުން އެއީ އެމީހުންގެ އާދައެކެވެ. އަހަރުގެ ކޮންމެވެސް ހިސާބެއްގައި ކުޑަ ޗުއްޓީއެއް އާއިލާއާ އެކުގައި ހެދުމަށް އޭނާ އިސްކަން ދެއެވެ. ކައިވެންޏަށްފަހު މެހެރީން އާއި އާރިޒް ވެސް އުޅެން ނިންމީ އެމީހުން ކުރިންވެސް އުޅުނު ގޭގައި ވަކިންނެވެ. މިނިވަން ދިރިއުޅުމެއް އުޅެން ބޭނުންވީތީއެވެ. އެކަމާ ޚާލިދާއި އަޒްރާވެސް ދެކޮޅެއް ނުހެދިއެވެ. އެކަމަކު ކޮންމެ ދުވަހަކުވެސް އެމީހުން ގާތަށް އަންނަންވާނެ ކަމުގައި ބުނެލިއެވެ. އުފަލާއެކު އެ ޝަރުތު މެހެރީން އާއި އާރިޒް ވެސް ގަބޫލުކުރިއެވެ. ދާމިންގެ ދެމަފިރިން އެގޭގައި އުޅޭތީ ޚާލިދާއި އިޒްރާއަށް ފަޅުކަމެއް އެހައި ބޮޑަކަށް އިހުސާސެއް ނުވެއެވެ. ކައިވެނީގެ ފަހުން ދާމިންއާ އެކުގައި މަސައްކަތް ކުރުމަށް އާރިޒްވެސް އާއިލީ ވިޔަފާރިއާ ގުޅުނީއެވެ. އެކަމުން އެންމެ ބޮޑު ލުޔެއް އިހުސާސުވީ ޚާލިދަށެވެ. ދެކުދިންގެ އަތްމައްޗަށް ހުރިހައި ކަމެއް ދޫކޮށްލުމަށްފަހު ހަޔާތުގެ ބާކީ ދުވަސްތައް އަނބިމީހާއާ އެކު އަރާމުގައި ހޭދަކުރުމަށް އޭނާ ނިންމީއެވެ.

ފެށުނީއްސުރެވެސް ސަދާއަކީ ޕޮޓޯ ނެގުމަށް ފޯރި ހުންނަ ކުއްޖެކެވެ. ކޮންމެ ރަށަކަށް ތަނަކަށް ދިޔަސް، ކެމެރާ ގެންދިއުމަށް އޭނާ ޚާއްސަ ސަމާލުކަމެއް ދެއެވެ. ހިތްގައިމު ބޮޑު ރަށެއްކަމުން ސަދާ ހިތްހަމަޖެހޭ ގޮތަށް ތަފާތު ފޮޓޯ ނެގުމުގެ ފުރުސަތު ލިބުނީތީ އޭނާ ހުރީ ނުހަނު އުފަލުންނެވެ.

އިރުއޮއްސެމުން އައި ވަގުތެވެ. ގޮނޑު ދޮށުގައި އެކުޑަ އާއިލާ އުޅުނީ ހިނގާލަން ނުކުމެއެވެ. ވަކި ހިސާބަކުން ރާޅުޖަހާ ހިސާބުގައި މެހެރީން އާއި އާރިޒް ހުއްޓުނެވެ. އެމީހުނަށް ބެލުމެއްނެތި ސާހިލްގެ ކޮނޑަށް އަތްވައްޓައިލައިގެން ހުރެ ތަންކޮޅެއް ދުރުން ފެންނަން އޮތް ބިޔަ ފަސްގަނޑާ ދިމާއަށް ސަދާ ދިޔައެވެ. ވަކި ހިސާބަކުން ދެކުދިން ދުއްވައިގަތީ ކުރިން ދެވެނީ ކާކަށްތޯ ބެލުމަށެވެ. ވަކި ހިސާބަކަށް ގޮސްފައި މެހެރީން އާއި އާރިޒް ނެތްހެން ހީވެ ހުއްޓެމުން ފަހަތަށް ސަދާ ބަލައިލިއެވެ. އެހިނދު މެހެރީން ކޮނޑުގައި ހިފައި ގާތްކޮށްލައިގެން އިރުއޮއްސޭ މަންޒަރު ބަލަން ހުރި އާރިޒް ފެނިފައި އޭނާއަށް ހިނިތުންވެވުނީ ބޭއިޚުތިޔާރުގައެވެ. އަތުގައި އޮތް ކެމެރާ ސެޓްކޮށްލުމާއެކު އެދެމަފިރިންގެ ފޮޓޯއެއް ސަދާ ނެގިއެވެ. ހިނިއައިސްފައި އެފޮޓޯއަށް ބަލައިލަމުން އޭނާ އަނެއްފަރާތަށް އެނބުރުނެވެ. އަދި ކުރިއަށް ދުވަމުންދިޔަ ކޮއްކޮއަށް ބަލައިލަމުން ހެވިފައި އޭނާ ވެސް ދުއްވައިގަތެވެ.

"މެހެރް.. މިއަދު އަހަރެންގެ މުޅި ދިރިއުޅުން ވެސް ފުރިހަމަވެއްޖެ ކަމުގެ އިހުސާސު ކުރެވޭ.. އަހަރެން އުޅެމުންދިޔައީ ހުވަފެނުގަވެސް އުޅެވިދާނެކަމަށް ހީނުކުރާހާ އުފަލުން.. އަހަރެންގެ މުޅި ހަޔާތް މެހެރްއާ އަހަރެމެންގެ ދެކުދިން ފުރިހަމަކޮށްދީފި.. މާތް ރަސްކަލާނގެ އަށް ޝުކުރުވެރިވާނެ ގޮތެއްވެސް ނުވިސްނޭ.. ތިހާ ލޯބިވާ އަނތްބަކާ ލޯބިލޯބި ދެކުދިން އަހަންނަށް ދެއްވީތީ.. އެކަނިވެރި އަހަރެންގެ ހަޔާތަށް އާރޯކަން ގެނުވީ ތިލޯބިން.. އުމުރުވެސް އަހަރެން އެދެނީ މެހެރްއާ އެކު ވުމަށް.. އަދި ޖަންނަތުންވެސް ލިބުމަށް އަހަރެން އެދޭ އުފަލަކީ ތީ.. އަހަރެންގެ ލޯބި ލޯބި މެހެރް.. އަހަރެން ވަރަށް ވަރަށް ލޯބިވޭ.." މެހެރީންގެ ބޮލުގައި ބޯޖައްސައިލަމުން އާރިޒް ބުނެލިއެވެ. އެއާއެކު ލަދުރަކި ހިނިތުންވުމެއް މެހެރީންގެ ތުންފަތުގައި ކުޅެލިއެވެ. އިސްޖަހައިލެވުމާއެކު ޖަންބުކުލަ އޭނާގެ ކޯތާފަތަށް ވެރިވިއެވެ. "އާހް.. ތިހިރަ ރީތިކަމެއް.. އަހަރެން މުޅިން ދީވާނާ ވެއްޖެ.." ސިއްރެއް ފަދައިން އާރިޒް ބުނެލިއެވެ. "ދެން އާޒް.. ތިވަރަށް ތަޢުރީފު ނުކުރިއަސް ހެވޭ.." އާރިޒް ބަލަން ހުރި ގޮތުން އިތުރަށް މެހެރީން ލަދުގަންނަގޮތް ވީއެވެ. "ކީއްތަވީ.. ތީ އަހަރެންގެ އަނބިމީހާއޭ.. މެހެރްއަށް ތަޢުރީފުނުކޮށް ދެން ކާކަށްތަ އަހަރެން ތަޢުރީފުކުރާނީ.." މެހެރީން އިތުރަށް ލަދުގަންނަވައިލަމުން އާރިޒް ބުނެލިއެވެ. ދެފަރާތަކަށް ބޯހޫރައިލި މެހެރީން ހިނިއައިސްފައި އާރިޒްގެ މޭގައި މަޑުމަޑުން ޖަހައިލިއެވެ. އަދި އެނބުރެމުން ގެއަށްދާންވީ ކަމުގައި ބުނެލިއެވެ. ދުރުގައި އުޅުނު ދެކުދިންނަށް އެހިނދު އާރިޒް ގޮވައިލިއެވެ. އޭނާގެ އަޑަށް ސަދާ އާއި ސާހިލްވެސް އައިސް އެމީހުނާ އެއްވަރުކުރިއެވެ.

ޗުއްޓީ ނިންމައިފައި މާލެ އައިއިރު އެކުޑަ އާއިލާގެ ގުޅުން އިހުނަށްވުރެ ވަރުގަދަވެފައި ވެއެވެ. މާލޭގައި ފައި ޖެހުމާއެކު ނެގި ފޮޓޯތައް ބަލައި އެތަނުން އޭނާއަށް ކަމުދާ ފޮޓޯތައް ޕްރިންޓް ކުރުމަށް ސަދާ އަވަސްވެލިއެވެ.

ހިނިއައިސްފައި އަތުގައި އޮތް މަންމަ އާއި ބައްޕަގެ ފޮޓޯއަށް ބަލައިލަމުން އައިސް މެހެރީންގެ ކޮޓަރީގައި ޓަކި ޖަހައިލިއެވެ. އެތެރަށް ވަތް ސަދާއަށް އޭނަ ނިތްއަރުވައިލުމާއެކު އަތުގައި އޮތް ފޮޓޯގަނޑު މެހެރީނަށް ދިއްކޮށްލަމުން އެއީ މަންމަ އާއި ބައްޕައަށް ދިން ހަދިޔާއެއް ކަމުގައި ސަދާ ބުނެލިއެވެ. އަދި މަޑުކުރަން ނުހަދި އެތަނުން ނުކުމެގެން ދިޔައެވެ. ސަދާ ދިން ފޮޓޯގަނޑަށް ބަލައިލި ހިނދު މެހެރީންގެ ތުންފަތް ދެފަރާތަށް ދެމިލިއެވެ. އޭގެއަށް ބަލަން އިރުކޮޅަކު އިނުމަށްފަހު ސައިޑް ޓޭބަލްގެ ވަތްގަނޑު ދަމައިލައި އޭގައި އޮތް އޭނާގެ ޑައިރީ ނެގިއެވެ. ފޮތުން ހުސްގަނޑެއް ހުޅުވައިލަމުން އައިސް އެއްފަރާތުގައި ހުރި ސްޑަޑީ ޓޭބަލް ދޮށުގައި އޭނާ އިނށީނެވެ. އަދި ނުހަނު ފަރުވާތެރިކަމާއެކު އެފޮޓޯ ފޮތުގައި ތަތްކޮށްލިއެވެ. އިރުކޮޅަކު އޭގެއަށް ބަލަން އިނުމަށްފަހު ގަލަމުން ފޮޓޯގެ ދަށުގައި އެހަނދާން ރައްކައުކުރި ދުވަހުގެ ތާރީޚު ޖަހައިލިއެވެ. ދެން ނުހަނު ލޯބިން އޭގައި ފިރުމައިލަމުން ތިރީގައި ކުޑަ ލިޔުންކޮޅެއް ލިޔެލިއެވެ.

"މަގޭ ހާލު ބުނެދެން މިތުރާއޭ... ޔާރުގެ ހިޔަނިން މަދަދު ލިބުންމީ އަޅުގެ ދުޢާއޭ..

އަލްޙަމްދުލިﷲ.. އަހަރެންގެ ދުޢާ އިޖާބަވެއްޖެ...

ފޯރއެވާރ ލޮސްޓް އިން ޔުއާރ ލަވް..

މެހެރް އެންޑް އާޒް.."

(ނިމުނީ)

Ads by Ooredoo
  1. މެހެރް ދެކެ އާޒް ލޯބިވީ ފަދައިން އަހަރެން ދެކެ ލޯބިވާނެފަރާތެއް ވާނެ ނަމައޭ ހިތައް އަރާ �

  2. ފާތު

    ވަރައް ރީތި މާލަސްނުކޮއް އެހެން ވާހަކައެއް ގެނެސް ދެއްޗޭ

  3. ކުޑާ

    ނިމުން ވަރަށް ރީތި. ވަރަށް ފުރިހަމަ. މިވާހަކައިގެ ދެވަނަ ބައެއްވެސް ކިޔާހިތްވެއްޖެ. ސަދާ އެންޑް ދަވާދު އުނގުޅި ކުއްޖާ. ވަރަށް ސަޅިވާނެހެން ހީވަނީ ދަވާދު އުނގުޅި ކުއްޖާ. ނައުގެ ސިފަކުރުންތައް ވަރަށް ސަޅިކަން ފާހަގަ ކުރަން. އަދި ނައުގެ އާ ވާހަކަ އަކަށް އިންތިޒާރު ކުރަން.

  4. ުޔަކޫ

    ހަމަ ރޮވިއްޖެ…… ވަރަށް ވަރަށް ރިތި️️️️️……. ލަވްޑް އިޓް…. އާ ވާހަކަ އަކަށް އިންތަޒާރުކުރަން:) ލަވް ޔޫ ނައު33>