ވާހަކަ

މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާވީސްވަނަ ބައި)

ނައުފާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
މަގޭ ހާލު ބުނެދެން މިތުރާއޭ... (ޓްރެއިލާރ) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެއްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދެވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތިންވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތަރުވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނުވަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ދިހަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެގާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސާދަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަނަރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސޯޅަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސަތާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާރަވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ވިހިވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އެކާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ބާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ތޭވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައުވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަންސަވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ސައްބީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ހަތާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (އަށާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ނަވާވީސްވަނަ ބައި) މަގޭ ހާލު ބުނެދެން މިތުރާއޭ... (ފަހުބައި)

ސިއްރުން އެމަންޒަރު ބަލަން ތިބި ލީމް އާއި ދާމިން އެކަކު އަނެކަކަށް ބަލައިލަމުން ހިނިތުންވެލިއެވެ. "ބަލައްޗޭ ލީމް.. މިރޭ އެދެހިތް އެކަކު އަނެކަކުދެކެ ވާ ތެދުވެރި ލޯބި ހާމަކުރާނެ.. ދޭ ވިލް ކޮންފެސް ޓް އީޗް އަދާރ.." ލީމްގެ އަތުގައި ހިފައިލަމުން ދާމިން ބުނެލީ އުއްމީދުން ފުރިފައިވީ ގޮތަކަށެވެ.

Ads by Sosun Fihaara

އެކަކު އަނެކެއްގެ އަތުގެ ހޫނުކަމު ތެރޭގައި ދެމީހުން ހިނދުކޮޅަކު ތިބީ ވަށައިގެންވި މާޙައުލުމަތިން ވެސް ހަނދާންނެތިފައި ކަހަލައެވެ. ލަސްލަހުން މެހެރީންގެ ކޮނޑުގައި ފިރުމައިލަމުން އޭނާގެ އިސްތަށިގަނޑުގައި އާރިޒް ތުންފަތްޖައްސައިލިއެވެ. އެވަގުތު މިހުރިހައި ދުވަހު އޭނާ ކުރަމުންދިޔަ ހިތާމަތައް ފިލައިގެންދިޔަފަދަ އިހުސާސެއް ކުރެވުނެވެ. ހިތުގެ ހާލު އެފަދަ ގޮތަކަށް ފައުޅުކޮށްލުމުންވެސް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް އޭނާއަށް ލިބުނީއެވެ.

"އާޒް.." ކުރެހިފައި އަޑަކުން މެހެރީން ގޮވައިލިއެވެ. އެއަޑު ކަންފަތުގައި ޖެހުމުން ބޭއިޚުތިޔާރުގައި އާރިޒްއަށް ހިނިތުންވެވުނެވެ. މުޅި ނަފުސަށްވެސް ފިނިކަން ގެނުވައިދޭފަދަ އަސަރެއް މެހެރީންގެ އަޑުގައިވެއެވެ. މަޑުމަޑު ހޫމް އެއް ލައްވައިލަމުން ގަޔާއި ކުޑަކޮށް މެހެރީން ދުރުކޮށްލައިފައި އޭނާގެ މޫނަށް ފުން ނަޒަރަކުން އާރިޒް ބަލައިލިއެވެ. ކަމެއް ދެނެގަންނަން ބޭނުންވެފައި އިންދައަކުންނެވެ.

"އަހަރެން.. އަހަރެން.." އާރިޒްގެ ދެލޮލާ ހަތަރުކަޅި ހަމަވުމާއެކު ބުނަން ބޭނުންވި ވާހަކަތައް ބުނުމަށް މެހެރީން ފަސްޖެހޭގޮތްވިއެވެ. އެދެލޮލުން ފައުޅުވާންހުރި ބޭޤަރާރުކަމަކުން އޭނާ ރަކިވާގޮތްވީއެވެ. ދެއަތް ދެއަތާ މޮޑެލަމުން އިސްޖަހައިލެވުނީ އެހެންވެއެވެ. އެތަންފެނި ލާނެތް ހިނިތުންވުމެއް އާރިޒްގެ ތުންފަތުގައި ކުޅެލިއެވެ.

"މެހެރް... އަހަންނަށް ބަލާލަބަލަ.. އަހަރެން މެހެރް ގާތު ވާހަކައެއް ބުނަން ބޭނުންވެފަ ހުންނަތާ ވަރަށް ދުވަސްވެއްޖެ.." މެހެރީންގެ ދަތްދޮޅި ދަށަށް އަތްލައްވައިލައި އުފުލައިލަމުން އާރިޒް ބުނެލިއެވެ. އެވާހަކަތައް އިވިފައި ރޯމަހެއް ތެޅޭހެން މެހެރީންގެ ހިތް ތެޅިގަތެވެ. އާރިޒް ބުނަން އެއުޅެނީ ޚުދު އޭނާ ވެސް ބުނަން ބޭނުންވެގެން އުޅޭ ވާހަކައޭ ހީވެފައެވެ. ލަދުގަތެއް ކަމަކު އާރިޒްއާ މެހެރީން ނަޒަރު ސީދާކޮށްލިއެވެ. ލަސްހަރަކާތަކާއެކު މެހެރީންގެ ކޯތާފަތުގައި އާރިޒް ފިރުމައިލިއެވެ. އަދި އުނގުމަތީގައި ޖޯޑުކޮށްލެވިފައި މެހެރީންގެ އަތްތިލަގައި ދެއަތުން ހިފައި ކުޑަކުޑަކޮށް ފިތައިލިއެވެ. އާރިޒްގެ ކޮންމެ ބީހުމަކުން މެހެރީންގެ ހަށީގައި ކަރަންޓުގެ އޮއެވަރެއް ދަތުރުކޮށްލާ ކަހަލައެވެ. ރަޒާންއާ އެކުގައި މިވީހައި ދުވަހުވެސް އެފަދަ އިހުސާސުތަކެއް އޭނާއަށް ނުކުރެވޭކަން ޔަގީނެވެ. ހިންދިރުވައިލަމުން އަމިއްލަ ނަފުސު ހަމައަކަށް އަޅުވަން އޭނާ މަސައްކަތްކުރިއެވެ.

ފުންނޭވާއެއް އާރިޒް ދޫކޮށްލިގޮތުން ދައްކަންއުޅޭ ވާހަކައެއް އޭނާ ތައްޔާރުވީފަދައެވެ. "ހަޔާތުގަ މިހާތަނަށް އައި އިރުވެސް ދުވަހަކުވެސް އެއްވެސް އަންހެން ކުއްޖަކަށް އަހަރެންގެ ހިތާ ހަމައަށް ވާސިލްއެއް ނުވެވުނު.. އެހެންވެ އަހަރެން ހީކުރީ އަހަރެންގެ ހިތާ އެއްވެސް ކުއްޖަކަށް ކުޅެލުމުގެ ބާރު ނެތީއޭ.. ހެހެ.. އެކަމަކު މެހެރް އެންމެ ފުރަތަމަ ފެނުނު ދުވަހުވެސް އަހަރެންނަށް އެނގުނު މިހުރިހާ ދުވަހު ކުރެވުނީ ކިހާ މޮޔަ ޚިޔާލެއްކަން.. އެންމެ ފުރަތަމަ ނަޒަރުންވެސް އަހަރެންގެ ހިތާ މެހެރް ކުޅެލި.. މީގެ ކުރިން ފުރަތަމަ ނަޒަރުން މީހެއްދެކެ ލޯބިވެވިދާނެ ކަމަކަށް އަހަރެން ކުޑަކޮށްވެސް ހިއެއް ނުކުރަން. އެކަމަކު އެހުރިހާކަމެއް ބަދަލުކޮށްލި އަންހެންކުއްޖަކީ ތީ.. އެހެންވެ ހުރިހާ ގޮތަކުންވެސް އަހަންނަށް މެހެރް ވަރަށް ޚާއްސަ.. ތެދަށް ބުނާނަމަ މެހެރް ގާތު މިވާހަކަތައް ބުނުމުގެ ފުރުސަތު ލިބިދާނެކަމަށް އަހަރެން އުއްމީދުވެސް ނުކުރަން.. މެހެރް ތީ އެހެން މީހެއްގެ ހައްޤެއްކަން އެނގުނު ހިސާބުން މިއިހުސާސުތަކާ ދުރުވާން އަހަރެން ވަރަށް މަސައްކަތްކުރިން.. އެކަމަކު.. އަދިވެސް އަހަރެންގެ ހިތް އެދެނީ ހަމައެކަނި މެހެރް އަށް.. އާން މެހެރް.. އަހަރެން މެހެރް ދެކެ ވަރަށް ލޯބިވޭ.. އިންތިހާއަށް ލޯބިވޭ.. މެހެރްއާ ނުލާ އަހަރެންގެ ދިރިއުޅުން ދުވަހަކު ފުރިހަމަވުމެއް ނުވޭ.. ތިލޯތްބަށް އެދި އަހަރެން ވަރަށް ދިގު އިންތިޒާރެއް ކޮށްފިން.. އެކަމަކު ދެން އެންމެ ހިނދުކޮޅެއްވެސް މެހެރްއާ ދުރުގަވާކަށް އަހަރެންގެ ހިތެއް ނޭދޭ.. އެދަރަޖައަށް އަހަންނަށް މެހެރްދެކެ ލޯބިވެވިއްޖެ.." އަމިއްލަ ހިތުހެ ހާލު އެހާ މިނިވަންކަމާއެކު މެހެރީންގެ ކުރިމަތީގައި ފައުޅުކޮށްލެވުމުން އާރިޒްއަށް ލިބުނީ ބަޔާންކުރަން ދަތިވާފަދަ ހިތްހަމަޖެހުމެކެވެ. ސީދާ މެހެރީންގެ ތޫނު ލޮލަށް ބަލަން އިނދެ އެވާހަކަތައް ދުލުން ބޭރުކޮށްލިއިރު އެއިން ކޮންމެ ލަފުޒަކުން މެހެރީން ކުރި އަސަރު އެއްވެސް ފޮރުވުމެއްނެތި އޭނާ ދުށްޓެވެ. އެކަމުން ތަފާތު ފޮނި މީރުކަމުން ލިއްބައިދިނެވެ. ޚުދު މެހެރީންގެ ހާލަކީވެސް އެއީކަން ޔަގީންވިއެވެ. ފެންކަޅިވަމުން އެދެލޯ ދިޔައިރު، ތަފާތު ވިދުމަކާއި ޖޯޝެއް ފައުޅުވާން ހުއްޓެވެ. ކަރުނައިގެ ތެރޭންވެސް މެހެރީންގެ ތޫނު ދެލޯ ހިނިތުންވާ ކަހަލައެވެ.

"މެހެރް.. ކޮންމެވެސް އެއްޗެއް ބުނެބަލަ.." ބަހެއް ނުބުނެ މެހެރީން އިނީތީ އާރިޒް އާދޭސްކޮށްލިއެވެ.

"އަހަރެން.. އާޒް.. އަހަންނަށްވެސް އާޒް ދެކެ ވަރަށް ލޯބި ވެވިއްޖެ.. ކިހިނެއް ކޮންއިރަކުކަން ބުނެދޭން ނޭނގުނަސް އާޒްއަށް ވެސް ވަނީ އަހަރެންގެ ހިތުން ޚާއްސަ މަޤާމެއް ދެވިފަ.. އެކަމަކު.." އެހިސާބަށް ބުނުމަށްފަހު މެހެރީން ހުއްޓައިލަމުން ރޭގަނޑުގެ އަނދިރިކަމުގެ ތެރަށް ނަޒަރު ހުއްޓައިލިއެވެ. މެހެރީންގެ ވާހަކަހުރި ގޮތުން ހިނދުކޮޅަކަށް އާރިޒްގެ ހިތަށް ލިބުނު ހަމަޖެހުން ނުތަނަވަސްކަމަށް ބަދަލުވިއެވެ. އެކަމަކު ކިހިނެއްވީތޯ އޭނާ އަށް އަހައިލެވުނީ އެހެންވެއެވެ. އިރުކޮޅަކު ޖަވާބެއް ނުދީ ހިމޭންކަމުގައި އޭނާ އިނީ ވިސްނުމަކަށް ގެއްލިފައި ހުރި ފަދައަކުންނެވެ.

"އާޒް.. އަހަރެން މީ ކައިވެންޏެއް ކޮށް ދަރިއަކުވެސް ހުރި އަންހެނެއް.. އާޒް.. އަދި ދުވަހަކުވެސް މީހަކާ ނީންނަމެއްނު.. ހިތަށް އަރަނީ.. އަހަރެން ފަދަ އަންހެނެއް.. އާޒްއަށް އެކަށީގެންވޭބާއޭ.." އަމިއްލަ ނަފުސާ މެދު ޔަގީންކަމެއް ނެތްފަދަ ގޮތަކަށް މެހެރީން ބުނެލިއެވެ. އޭނާގެ އަޑުގައިވީ މާޔޫސްކަމެވެ. ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިވުމާއެކު މެހެރީންގެ މޫނުގައި ހިފައި އޭނާއާ ދިމާއަށް އާރިޒް އަނބުރައިލިއެވެ.

"ދެން ދުވަހަކުވެސް ތިފަދަ ގޮތަކަށް އަމިއްލަ ނަފުސާމެދު މެހެރް ނުވިސްނައްޗޭ.. އަހަރެން މެހެރް ދެކެ ވާ ލޯބި އެއަށްވުރެ މާ ސާފު.. މާ ޠޯހިރު.. އެ ލޯބި ތިހުރިހާ ފަރަގަކަށް ނުބަލާ.. ތީ އަހަރެންގެ ނަޒަރުގަ އެއްވެސް މައްސަލައެއް ނޫން.. އަހަރެން މިރޭ މެހެރް ގާތު އަހަރެންގެ ހިތް ހުޅުވާލީ ތިހުރިހާ ކަމެއް ވެސް ރަނގަޅަށް ދެނެހުރެ.. ހުރިހާ ގޮތަކުންވެސް މެހެރް ބަލައިގަންނަން ބޭނުންވާތީ.. މެހެރް އެކޭ އެއްގޮތަށް މެހެރްއާ ގުޅިފައިވި ކޮންމެ ފަރާތެއްވެސް އަހަންނަށް މުހިންމު.. އެހެންވީމަ ބުނެބަލަ މެހެރް.. އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް އުމުރު ދުވަހަށް މެހެރް ވެދާނަންތަ.." ލޯތްބާއި ކުލުނާއެކު މެހެރީންއާ ދިމާއަށް އަތްތިލަ ދިއްކޮށްލަމުން އާރިޒް ބުނެލިއެވެ. އޭނާގެ އަޑުގައިވީ ޔަގީންކަމެވެ. ހިނދުކޮޅަކު ހުއްޓުން އަރައިފައި މެހެރީނަށް އިނދެވުނީއެވެ. އާރިޒްގެ ވާހަކަތަކުން އޭނާގެ ހިތަށް ފުން އަސަރެއް ކުރުވައިފިކަން ޔަގީނެވެ. ކަރުނުން ފުސްވަމުންދިޔަ ދެލޯ ހިމަވެލުމާއެކު ލަދުރަކި ހިނިތުންވުމެއް ތުންފަތަށް ވެރިވިއެވެ. ލަސްހަރަކާތަކާއެކު އަތްތިލަ ނަގައި އާރިޒްގެ އަތުގެ ތެރަށްލީ އަމިއްލަ ލިބުނު ޔަގީންކަމަކުންނެވެ. މެހެރީންގެ އަތްތިލައަށް ފިތައިލަމުން އާރިޒް ބާރުކޮށްލީ ދެން ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނެލާފަދަ ގޮތަކަށެވެ. ލޮލުން ފޭބި ކަރުނަތަކާއެކު މެހެރީނަށް އަނެއްކާވެސް އާރިޒްގެ ކޮނޑުގައި ބޯއަޅައިލެވުނެވެ. އެއާއެކު ކުރިއެކޭ އެއްގޮތަށް އާރިޒް މެހެރީން އިތުރަށް ގަޔާ ކައިރިކޮށްލިއެވެ. މެހެރީންގެ ކޮނޑުގައި އަތްވަށައިލަމުން އޭނާގެ ބޮލުގައި އާރިޒް ބޯޖައްސައިލިއެވެ. އެހިނދު ހިތަށް ލިބުނު ފިނިކަމާއި އުފަލަކުން އޭނާގެ ހިތް ނަށައިގަތެވެ. ދިގު އިންތިޒާރަކަށްފަހު އޭނާގެ ލޯބި ކާމިޔާބުވީއެވެ. އިންތިޒާރުގެ ނިމުން ފޮނިވާނޭ ބުނަނީ މިހެންވެތާއެވެ. އުޑުގައި ރަނިކަން ކުރަމުންދިޔަ ހަނދަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު ދެލޯ މަރައިލަމުން އޭނާ ލުއި ގޮތަކަށް ހީނލިއެވެ.

* * * * *

ދާމިންގެ އާދޭސްތަކަށް ފުރަގަސްދޭނެހައި ވަރެއް މެހެރީންގެ ކިބައިގައި އިތުރަށް ނެތެވެ. ދާމިން ތަކުރާރުކޮށް އޭނާ ގާތުގައި އެދެމުން ދިޔައީ މައިންބަފައިންނާ ބައްދަލުކޮށްލަން އެގެއަށް ދިއުމަށެވެ. އެމީހުން އަދިވެސް މެހެރީން ނެތްކަމުގެ ހިތާމަކުރާކަމަށް ދާމިން ބުނެލީ މާޔޫސްވެފައެވެ. އަލުން ހުރިހައި ކަމެއް ރަނގަޅުވެ ހަމަޖެހޭ ދިރިއުޅުމެއް އުޅެން އޭނާ ވެސް ބޭނުންވެއެވެ. އަދި އޭނާގެ ކައިވެނީގައި ހުރި ހަމައެކަނި ކޮއްކޮ ބައިވެރިވާން ވެސް އެދެވެއެވެ. އެގޮތަށް އެކަން ވާންއޮތީ މެހެރީން އެމީހުނާ ބައްދަލުކޮށްގެނެވެ. ކުރީގެ ގިލަންވެރިކަން ނެތިގެނެވެ. މެހެރީން ގާތުގައި އެވަރަށް އެކަމަށް އެދެވުނީ އެހެންވެއެވެ. އެންމެ ފަހުން އިތުރު ގޮތެއް ނެތްމީހަކު ފަދައިން މެހެރީނަށް ޖެހުނީ އެކަމަށް އެއްބަސް ވާށެވެ.

މެހެރީން ގޮވައިގެން ކާރުގައި އައިސް ގޭގެ ގޭޓް ކުރިމައްޗަށް ދާމިން މަޑުކޮށްލިއެވެ. ދެފަރާތަށް ކެހިގެންދިޔަ ދަގަނޑު ގޭޓް ތެރެއިން ލައިފައި ކުރިއަށް ދެވެންއޮތް މަގުން ދާމިން ދުއްވައިލިއެވެ. ގޭޓުން އެތެރެވުމާއެކު އޭނާ މެހެރީނަށް ބަލައިލިއެވެ. ދަރިފުޅު މެޔާލައި ބޮނޑިކޮށްލައިގެން އިސްޖެހިފައި މެހެރީން އިނެވެ. އެއްޗެއް ބުނަން އުޅެފައިވެސް ދާމިން ހިމޭންވެލީ އެއީ އެންމެ ރަނގަޅު ގޮތޭ ހީވެފައެވެ.

އެއްފަރާތަކަށް ބޯއަނބުރައިލަމުން ވަށައިގެންވި މާޙައުލަށް މެހެރީން ނަޒަރު ހިންގައިލިއެވެ. އެއާއެކު ކުޑައިރުގެ އެކި ހަނދާންތައް އޭނާގެ ދެލޯ ކުރިމަތީގައި ސިފަވެލިއެވެ. އާއިލާ އާއި އެކުގައި އެތަނުގައި ހޭދަވީ އުފާވެރި ދުވަސްތަކާ އެދުވަސްތަކަށ ނިމުން އައި ގޮތް ހަނދާންވިއެވެ. ނުވެސް އެނގި ހުއްޓައި އޭނާގެ ސިކުނޑިއާއި ކުޅެލާ އެމީހުނާވެސް ރަޒާން އޭނާ ދުރުކޮށްލީއެވެ. އެކަންތައް މަތިން ހަނދާންވުމުން މެހެރީން އަށް އިސްޖަހައިލެވުނީ ކުށްވެރިއަކު ފަދައިންނެވެ. އާއިލާ އާއި ވަކިން ހޭދަވި އެކަނިވެރި ދުވަސްތައް ވަކި ވަކިން ސިފަވާން ފެށިއެވެ. ބައެއްގެ ގާތްކަމަށް އޭނާއަށް އެދެވުނުވަރު ހިތަށް އެރިއެވެ. މަންމަގެ އުނގުގައި އޮވެ ހިތް ފުރެންދެން ރޯލަން ބޭނުންވި ކިތަށް ރޭ ހޭދަވިހެއްޔެވެ. ބައްޕަގެ ދެއަތުގެ ހިމާޔަތަށް ނިހާޔަތަށް އެދެވުނު ކިތައް ހިނދުކޮޅު ދިޔަހެއްޔެވެ. ހިތަށް ވެރިވަމުންދިޔަ ޚިޔާލުތަކުން ކެތްނުވެ މެހެރީންގެ އަނގައިން މަޑު އާހެއް ނުކުތެވެ. އޭނާއަށް ރޮވެމުންދިޔަކަން ވެސް އިހުސާސުވީ އެހިނދުއެވެ. ޕޯޓިކޯއަށް ކާރު މަޑުކޮށްލަމުން ހާސްވެފައި އިން ދާމިން ނުހަނު ލޯބިން ކޮއްކޮގެ ކޮނޑުގައި ފިރުމައިލަމުން އޭނާއަށް ވިސްނައިދިނެވެ. ހިތްވަރުދިނެވެ. އިންސާނަކަށް ވީތީ ކޮންމެ މީހަކަށް ވެސް ކުށެއް ކުރެވިދާނެކަން ބުނެދިނެވެ. އެކަމަކު މާޒީގައި ގޯސްކޮށް ކުރެވުނު ކަންތައް ރަނގަޅު ކުރާން އަދިވެސް ފުރުސަތު އޮތް ވާހަކަ ބުނެލިއެވެ. މިހިސާބަށް އައުމަށްފަހު ހިތްވަރުދެރަ ނުކުރަން އެދުނެވެ. މެހެރީންދެކެ އެމީހުން އިންތިހާއަށް ލޯބިވާއިރު އެދަރިފުޅަށް މަޢާފުނުކޮށް ހުރެދާނެ ހެއްޔެވެ.

ރުއިން ހުއްޓައިލަމުން ދާމިން ހުޅުވައިދިން ދޮރުން ހިތްވަރުކޮށްފައި މެހެރީން ނުކުތެވެ. އޭރު އޭނާގެ މުޅި ނަފުސުވެސް ނޭނގޭ ޖެހިލުންވުމެއްގެ ސަބަބުން ރޫރޫއަޅަމުން ދިޔަ ކަހަލައެވެ. މެޔަށް ފިނިވެލުމާއެކު މެހެރީނަށް ދަރިފުޅު މެޔާލައި ބޮނޑިކޮށްލެވުނެވެ. އެތުއްތު މޫނަށް އޭނާ ނަޒަރު ހުއްޓައިލިއެވެ. ކުރިމަގުގައި އެދަރިފުޅަށް އެފަދަ ކުށެއް ކުރެވިއްޖެނަމަ އޭނާ އެކުއްޖާއަށް މަޢާފުކުރާނެތޯ ހިތާ ސުވާލުކޮށްލިއެވެ. އެހިނދު އޭނާގެ ޟަމީރު ޖަވާބުދިނެވެ. މައިންބަފައިން ދަރިންދެކެ ވަނީ އެއަށްވުރެ މަތިވެރި ލޯތްބެއްކަމެވެ. ދަރިންނަށް ކުށެއް ކުރެވިއްޖެނަމަ އެކަމަށް މަޢާފުކުރާން ވެސް ތިބޭނީ އެމީހުންކަމުގައި ބުނެލިއެވެ. ޔަގީނުންވެސް އެފަދަ ދުވަހެއް އައިސްފިނަމަ އޭނާ ކަންތައްކުރާނީ އެހެންނެވެ. މައެއްގެ އިހުސާސުތައް މިއަދު އެންމެ ފުރިހަމަ ގޮތުގައި އޭނާއަށް ދެނެގަނެވިއްޖެއެވެ. އަމިއްލަ ނަފުސަށް ލިބުނު ޔަގީންކަމާ ހިތްވަރާއެކު ދާމިން އަށް ބަލައިލަމުން މެހެރީން ބޯޖަހައިލިއެވެ. އެއާއެކު ހިނިތުންވެލަމުން އޭނާ އައިސް ގޭގެ ދޮރު ކުރިމައްޗަށް ހުއްޓުނެވެ.

ބެލްޖަހައިލި އަޑާއެކު ގޭގައި ގެންގުޅޭ ޚާދިމެއް އައިސް ދޮރު ހުޅުވައިލިއެވެ. ހަވީރުގެ ވަގުތު ބޮޑުކޮޓަރީގައި ޓީވީއިން ދައްކަމުންދިޔަ ޕްރޮގްރާމެއް ބަލަން ތިބި އިޒްރާ އާއި ޚާލިދުވެސް އެދިމާއަށް ބަލައިލީ އެވަގުތު އައީ ކާކުބާއޭ ހިތަށް އަރާފައެވެ. ހުޅުވުނު ދޮރުކުރިމަތީގައި ހުރި ދާމިން ފެނުމުން ޚާލިދު ހިނިތުންވެލިއެވެ. "ދަރިފުޅުތަ.. މިއަދު ހާދަ އަވަހަށް ގެއަށް ތިއައީ.." ކުލުނުން ފުރިފައިވީ ގޮތަކަށް ޚާލިދު ބުނެލިއެވެ. އިރުކޮޅަކު ބައްޕަގެ މޫނަށް ބަލަން ހުރުމަށްފަހު ދާމިން އެއްފަރާތަކަށް ޖެހިލިއެވެ. އެއާއެކު އިސްޖެހިފައި ހުރި މެހެރީން އެމީހުންގެ ލޮލުގައި އަޅައިގަތެވެ. ލިބުނު ޝޮކުގައި ކުއްލިއަކަށް ފުންމައިގެން އިންތަނުން ޚާލިދަށް ތެދުވެވުނު ގޮތްވެސް ނޭނގުނެވެ. އިޒްރާއަށް ވެސް ވީ އެފަދަ ގޮތެކެވެ. އޭނާއަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. އެސްފިޔަޖަހައިލުމެއްނެތި މެހެރީންއަށް ބަލަން އޭނާ އަށް ހުރެވުނީއެވެ. އެވަގުތު ލަސްލަހުން މެހެރީން އިސްއުފުލައިލިއެވެ. ކަރުނުން ބަރާވެފައިވި ދެލޯ ލޯބިވާ މައިންބަފައިންނާ ދިމާއަށް ހުއްޓުމާއެކު މެހެރީންނަށް ހިންދިރުވައިލެވުނީ ޖެހިލުންވީވަރުންނެވެ.

(ނުނިމޭ)

ނޯޓް: އިންޝާ ﷲ ވާހަކައިގެ އެންމެ ފަހު އެޕިސޯޑް ހުކުރު ދުވަހު އަޕްލޯޑް ކުރެވޭނެ.

Ads by HDC
  1. ފާތު

    ވަރައް ރީތި އެކަމަކު ހާދަކިޔާހިތުން އޮއްވައޭ އެނިމުނީ

  2. ސުވޭ

    ވަރަށް ރީތި ވާހަކަ އެކަމް މާ އަވަހަށް ނިންމާލަނީތި

  3. ޔަކޫ

    ވަރަށް ރީތި މަޝާﷲ️️️️️️️