ދިރާގު ޓީވީ އާއި ފައިބަ އިންޓަނެޓް ހިދުމަތް ހުރާއަށް
ދިރާގު ޓީވީ އާއި ހައިސްޕީޑް ފައިބަ އިންޓަނެޓް ހިދުމަތް ކ. ހުރާއަށް މިއަދު ތައާރަފުކޮށްފި އެވެ.
މި ހިދުމަތްތައް ހުރާއަށް ތައާރަފުކުރީ ހާއްސަ އޮފާތަކަކާއެކުގަ އެވެ. ދިރާގު ފައިބަ ބްރޯޑްބޭންޑް ޕެކޭޖުތަކަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ފައިބަ ގުޅުވައިދީ ރައުޓާ ވެސް ހިލޭ ފޯރުކޮށްދޭނެ އެވެ. މިއީ ހަލުވި ސްޕީޑްގެ އެންމެ ބޮޑެތި ޑޭޓާ އެލަވެންސްތައް ހިމެނޭ ޕެކޭޖުތައް ނެގުމަށް ހުޅުވާލެވޭ ރަނުގެ ފުރުސަތެއް ކަމަށް ދިރާގުން ބުންޏެވެ.
ފައިބަ ބްރޯޑްބޭންޑުގެ ހިދުމަތް ދިރާގުން އަންނަނީ ރާއްޖޭގެ 76 ރަށެއްގެ 82 ޕަސެންޓް ގޭބިސީތަކަށް ފޯރުކޮށްދެމުންނެވެ.
ދިރާގު ޓީވީ އަށް އެދޭ ކަސްޓަމަރުންނަށް ހިދުމަތް ހިލޭ ގުޅައިދޭނެ އެވެ. އަދި ޖޯއިބޮކްސް ވެސް މި ކަސްޓަމަރުންނަށް ހިލޭ ލިބޭނެ އެވެ.
މި ހިދުމަތަކީ ދިވެހިންގެ މެދުގައި މަގުބޫލު ޗެނަލްތައް ހިމެނޭހެން ގިނަ އަދަދެއްގެ ކޮންޓެންޓް ބަލާލެވޭ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް 100 އަށްވުރެ ގިނަ ޗެނަލް ބަލާލެވޭއިރު މިހާތަނަށް ރާއްޖޭގެ ގޭބިސީތަކުގެ 82 ޕަސެންޓަށް ވަނީ މި ހިދުމަތް ފޯރުކޮށްދީފަ އެވެ.
ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައި ދިނުމަށް ކަމަަށެވެ. އަދި އިނޮވޭޝަނާއި ފަހުގެ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.