ރާއްޖޭގައި ކުށް ކުރާ މީހުންގެ އަދަދު މަދުކުރެވޭނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން އިލްމު އުނގެނިގެންކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕްރިޒަން އޮފިސަރުން ތަރައްޤީކުރުމުގެ ގޮތުން އެމްސީއެސްގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް)އިން ހިންގި “ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް” ކޯހުގެ ތިންވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ކަރެކްޝަނަލް މެނޭޖްމެންޓަކީ މިވަގުތު ރާއްޖެއަށް އެންމެ މުހިންމު އެއް ދާއިރާކަމަށެވެ.
މުޖުތަމައުގައި ކުށްކުރާ މީހުންގެ އަދަދާއި ކުރާ ކުށްތަކުގެ އަދަދު ވެސް އިތުރުވަމުން ދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ކުށްކުށަށް ތަކުރާރުކޮށް އަރައިގަންނަ މީހުންނަކީ ބޭނުންތެރި ބަޔަކަށް ހަދައި އަލުން އަނބުރާ މުޖުތަމައުއަށް ނެރޭނެގޮތް އެމްސީއެސްގެ މުވައްޒަފުން، އިލްމު އުނގެނި ދަސްކުރަން ޖެހޭކަމަށެވެ.
އިމްރާން މިމޭރުމުން ވާހަކަދެއްކެވިއިރު ކުށް މަދުކުރުމުގެ ގޮތުން ފުލުހުން ދަނީ އޮޕަރޭޝަންތައް އިތުރުކުރަމުންނެވެ. ހާއްސަކޮށް މާލެ ސަރަހައްދުގައި ވަކި ޓީމުތަކެއް ހަދައި ގޭންގުތަކާއި ގްރޫޕުތައް އެއްވެ ތިބޭ ސަރަހައްދުތަކުގައި ސަލާމަތީ ކަންކަން މި ވޭތުވެދިޔަ ތަނުގައި ވަނީ ވަރުގަދަކޮށްފައެވެ.
ކަރެކްޝަންގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ޑިޕްލޮމާ ކޯހެއް ރަސްމީކޮށް ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ.
އެ ކޯހުގެ ތިންވަނަ ބެޗު ދަސްވެނިވިފައިވާއިރު މިކޯސް ފުރިހަމަކުރީ 14 އޮފިސަރުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި އެކި ސަބަބުތަކާ ހުރެ ހަ އޮފިސަރަކު ކޯސް ފަށައި ފުރިހަމަ ނުކޮށް ވަކިވިއެވެ.
ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކޯހަކީ ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުން ތައުލީމީ ގޮތުންނާއި ހުނަރުގެ ގޮތުން ގާބިލް ބަޔަކަށް ހަދައި މެނޭޖްމަންޓް ލެވަލްގައި ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތް ދަސްކޮށްދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ ކޯހެކެވެ.
އެމްސީއެސްއިން ބުނީ ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި ކަރެކްޝަންގެ މުވައްޒަފުންނަށް 23 ކޯހެއް ހިންގައި، 360 މުވައްޒަފުންނަށް ފުރުސަތުދީ، އޭގެ ތެރެއިން 138 މުވައްޒަފުން ކޯސްތައް ފުރިހަމަކޮށްފައިވާ ކަމަށެވެ.