ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ވިއްކުން ހުއްޓުވުމުގެ އަމުރު ނެރެއެއް ނުދިން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ހުޅުމާލެ ދެވަނަ ފިޔަވަހި ބީޗްފްރަންޓް ސަރަހައްދު/ ފޮޓޯ: އަވަސް

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ވިއްކުން ހުއްޓުވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މައްޗަށް އަމުރު ނެރެއެއް ނުދިނެވެ.

Ads by MWSC

ހުޅުމާލެއިން ގޯތި ވިއްކުން ހުއްޓުވުމަށް އެދި އެޗްޑީސީން އަމުރެއް ނެރެ ދިނުމަށް އެދި ހައިކޯޓަށް ހުށަހެޅީ، މީގެ ކުރިން 2017ވަނަ އަހަރު ބިން ދޫކުރުމަށް އެޗްޑީސީން ކުރި އިއުލާނުން ޝޯޓްލިސްޓުވި މ.ސާނިޔާ ޒުލްފީނާ ރަޝީދުގެ ފަރާތުންނެވެ.

އެނގިފައިވާ ގޮތުގައި މިދިޔަ ޑިސެމްބަރު މަހުގެ 27ވަނަ ދުވަހު ހުޅުމާލެއިން 60 ބިމެއް ވިއްކައިލާން އެޗްޑީސީން އިއުލާނު ކުރީ ޒުލްފީނާ ހުށަހެޅި އެ މައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދަނިކޮށެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ 20ވަނަ ދުވަހު ޒުލްފީނާގެ ފަރާތުން ހުށަހެޅި އެ މައްސަލައިގައި ފާހަގަ ކުރީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ދޫކުރުމަށް 4 ޖެނުއަރީ 2017ގައި އެޗްޑީސީން ކުރި އިއުލާނާ ގުޅިގެން ބިޑް ކާމިޔާބުކުރި 42 ފަރާތެއް ކަނޑައަޅައި ޝޯޓު ލިސްޓްކުރި ކަމަށާއި އޭގެ ތެރެއިން ބިން ގަންނަން ފުރުސަތު ލިބިފައިވަނީ 36 ފަރާތަކަށް ކަމަށެވެ.

އަދި އެ 36 ފަރާތުގެ ތެރެއިން ބައެއް ފަރާތްތަކުން އެކި ސަބަބުތަކާ ހެދި ބިން ގަނެފައި ނުވާ ކަމަށާއި ނަމަވެސް، ޝޯޓްލިސްޓް ކުރި ފަރާތްތަކުގެ ތެރެއިން ބާކީ ތިބި ފަރާތްތަކަށް ލިސްޓްގެ ތަރުތީބުން ބިން ގަތުމުގެ ފުރުސަތު އެޗްޑީސީން ދީފައި ނުވާކަން ވެސް ފާހަގަ ކޮށްފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!