ޚަބަރު ރައްޔިތުންގެ މަޖިލިސް ސަރުކާރު

ތިނަދޫ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރަން، މަދުވެގެން ދެ އަހަރު ހޭދަވާނެ: ނަސީމް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް--

ގދ.ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ނިންމައިލާން މަދުވެގެން ދެއަހަރުގެ މުއްދަތެއް ހޭދަވާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

Ads by STELCO

މިނިސްޓަރު މިހެން ވިދާޅުވީ ތިނަދޫގެ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ނުފެށި ލަސްވަނީ ކީއްވެގެންތޯއާއި މަސައްކަތް ފެށި ނިމޭނެ ތާރީޚަކާ ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުވާލު ކުރެއްވުމުންނެވެ.

"ހޮސްޕިޓަލު ތަރައްގީކޮށް ނިމޭނީ ދެ އަހަރު ދުވަހުން، އެންމެ އަވަސް ވެގެން. އެހެންވީމަ، މިހާރު ހުރި ހޮސްޕިޓަލުން، ކުރިއަށް ވުރެ ރަނގަޅު ހިދުމަތްތަކެއް ލިބެން އެބަ ޖެހޭ." ނަސީމް ވިދާޅުވިއެވެ.

ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލު ތަރައްގީ ކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބު ހިއްސާ ކުރައްވައި، މިނިސްޓަރު ވިދާޅުވީ އެތަނުގައި 14 ކޮންސަލްޓޭޝަން ރޫމެއް ހިމެނޭ އައު އޯޕީޑީ އޭރިޔާއެއް ހެދުމާއި، 4 ޕްރައިވޭޓް ރޫމްގެ އިތުރުން އެންއައިސީޔޫ އިމާރާތުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ.

އެގޮތުން މި މަސައްކަތްތަކުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި މަޝްރޫއުއަށް ކުވެއިތު ފަންޑުގެ ލޯނު ވެސް ހަމަޖެހިފައިވާ ކަމަށާއި، ތިނަދޫ ޓާޝަރީ ހޮސްޕިޓަލު ޑިޒައިން ކުރުމަށް އިއުލާނު ކުރެވި، އެކަން ބަޔަކާ ހަވާލު ކުރެވިފައިވާ ކަމަށް ވެސް ނަސީމް ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!