ދުނިޔެ ޔޫރަޕް

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ އެކު ތެލުގެ އަގު އިންތިހާއަށް އުފުލިއްޖެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ރަޝިޔާއާއި ޔޫކްރެއިންގެ މަޝްރަހު ހޫނުވެ، ހަނގުރާމަ ފެށުމާ އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިއްޖެއެވެ.

Ads by WAMCO

ބުރާސްފަތި ދުވަހު ހަމަލާ ބަދަލުކުރުންތައް ފެށުމާ އެކު ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 100 ޑޮލަރަށް ވުރެ މައްޗަށް އުފުލިފައެވެ. މިއީ 2014ވަނަ އަހަރަށް ފަހު ސާފު ނުކުރާ ތެލުގެ އަގު މި މިންވަރަށް އުފުލުނު ފުރަތަމަ ފަހަރެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ތެލުގެ އަގު މިއަދު އުޅެނީ ސާފު ނުކުރާ ތެޔޮ ފީފާއެއް 102 ޑޮލަރަށެވެ. މިއީ 5.22 ޑޮލަރުގެ އުފުލުމެކެވެ.

މިހިނގާ 2022ވަނަ އަހަރު ފެށުނު އިރު ވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިޔައެވެ. އޭރު އަގަށް އައީ 20 ޑޮލަރުގެ އުފުލުމެކެވެ. އެއީ ރަޝިޔާއާއި ޔޫކްރެއިންގެ މަޝްރަހު ހޫނުވެ ރަޝިޔާއަށް ޔޫރަޕުގެ ބައެއް ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅަން ފެށުމާ އެކުގައެވެ.

ރަޝިޔާއަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ ތެޔޮ އުފައްދާ ގައުމެވެ. ހާއްސަކޮށް ޔޫރަޕުގެ ގައުމުތަކަށް ބޭނުންވާ ތެލުގެ 35 އިންސައްތަ ފޯރުކޮށްދެނީ ސީދާ ރަޝިޔާއިންނެވެ.

ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ހަމަލާތައް ބަދަލުކުރެވެން ފެށުމާ އެކު ހުޅަނގުގެ ޤައުމުތަކުން ވަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފަށައިފައެވެ. އެގޮތުން ރަޝިޔާއާއި ޖަރުމަނާ ދެމެދު އަޅަމުން އަންނަ ނޯޑް ސްޓްރީމްގެ ހަކަތަ ހޮޅީގެ މަސައްކަތް ޖަރުމަނުން ވަނީ މަޑުޖައްސުވައިފައެވެ.

ހުޅަނގުގެ ގައުމުތަކުން ވަނީ ތެޔޮ ފޯރުކޮށްދިނުމަށް ގަތަރުގައި އެދިފައެވެ. އެހެން ނަމަވެސް ގަތަރުން ވަނީ އެ މިންވަރަށް ތެޔޮ އުފެއްދުމުގެ ގާބިލުކަން ގަތަރުގެ ނެތްކަމަށް ބުނެފައެވެ. މިހެން ވުމުން ރަޝިޔާއާއި ޖަރުމަނާ ދެމެދު އޮންނަ ނޯޑް ސްޓްރީމް މެދުކަނޑައިލައިފައި ބޭއްވިދާނެ މުއްދަތާ މެދު ވަނީ ސުވާލު އުފެދިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!