ލުއި ޚަބަރު

އެލްއެސްޑީ ބޭނުން ކުރި ޒުވާނަކަށް ކުރެވުނު ބިރުވެރި ތަޖުރިބާ: އެފަދަ މަގަކުން ދެން ދުވަހަކު ވެސް ނުދާނަން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއީ އެލްއެސްޑީ ބޭނުން ކުރި، ދިވެހި ޒުވާނަކަށް ކުރެވުނު ބިރުވެރި ތަޖުރިބާއެކެވެ. މިވާހަކަ އޭނާ "ދެން"އާ ހިއްސާ ކުރީ މިފަދަ ގޮތްތަކަށް އުޅެމުންދާ، އަދި އުޅެން ހިޔާލު ކުރާ އެހެން މީހުންނަށް ވެސް އިބުރަތެއް ހާސިލު ކޮށްދިނުމަށެވެ. މަސްލަހަތަށް ޓަކައި އޭނާގެ ނަމާއި އިތުރު ތަފްސީލުތައް މިލިޔުމުގައި ވާނީ ސިއްރު ކޮށްފައެވެ.

Ads by Sosun Fihaara

އެލްއެސްޑީއަކީ ކޮބައި ހެއްޔެވެ؟ އެލްއެސްޑީ ނުވަތަ ލައިސާޖިކް އެސިޑް ޑަޔަތައިލަމައިޑްއަކީ ޑްރަގެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެސިޑު ބޭނުން ކުރުމުން ދެވެނީ ބިރުވެރި ހިޔާލީ ދުނިޔެއަކަށެވެ. މިޒުވާނާއަށް ވެސް ކުރެވުނީ އެފަދަ ބިރުވެރި ތަޖުރިބާއެކެވެ.

"އެއީ 2018ވަނަ އަހަރު ކުރެވުނު ކަމެކެވެ. ނަމަވެސް އިއްޔެވީ ކަމެއް ފަދައިން އަދިވެސް ހަނދާން އެބަހުއްޓެވެ. އެހައި ވެސް ބިރުވެރިއެވެ.

އަހަންނަށް އެ މަގު އިހްތިޔާރު ކުރެވުނީ، އެހެން މީހުން ފަދައިން އަހަރެން ވެސް މާބޮޑަށް ބޯގޮވުމުންނެވެ. ދިރިއުޅުމުގައި އެ ދުވަސްވަރު އެއްވެސް ކަމެއް ރަނގަޅަށް ނުދިޔުމުގެ ސަބަބުންނާއި އެކިއެކި މައްސަލަތައް ޖެހުމުގެ ސަބަބުން، ޝައިޠާނާ އަހަރެންގެ ބޮލަށް އެންމެ ބޮޑަށް ސަވާރުވީއެވެ.

އާއިލާގެ އެއްވެސް މެމްބަރަކު އެ ދުވަސްވަރު އަހަންނާ ވާހަކައެއް ނުދައްކައެވެ. ރައްޓެހިންނަށް ތިބީ މަދު ބައެކެވެ. އަދާ ކުރަމުން ދިޔަ ވަޒީފާގައި ވެސް އެ ދުވަސްކޮޅު ވަރަށް މައްސަލަ ޖެހުނެވެ. އަހަންނަށް އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވޭ ފަދައެވެ. އެހެންކަމުން، އަހަރެން ބޭނުންވީ ވަގުތީ ގޮތުން ވިޔަސް އެ ހިޔާލުތަކާއި ފިކުރުތަކުން ދުރަށްދާށެވެ.

އަހަރެންގެ ފިކުރުތައް ކިޔައި ދެވުނީ ރަނގަޅު ރައްޓެއްސަކަށް ނޫނެވެ. އޭނާ ދިން ހިޔާލަކީ އެލްއެސްޑީ ބޭނުން ކުރުމަށެވެ. އެއީ ފިކުރު ބޮޑު ވެގެން އަހަންނަށް ނުނިދޭ ވާހަކަ ބުނުމުން، އެ ހިޔާލުތަކުން އެއް ދުވަހަށް ނަމަވެސް ދުރުވެވޭނެ ކަމަށް ބުނެއެވެ. އަދި އެ ބޭނުން ކުރި ކަމުގައި ވިޔަސް އެއްވެސް މީހަކަށް ނޭނގޭނެކަމަށް ބުނުމުން، އަހަރެން ހީކުރީ އެލްއެސްޑީ ބޭނުން ކުރިކަމުގައި ވިޔަސް، އަހަންނަށް ހުރެވޭނީ ހަމަ އާންމުކޮށް އަހަރެން ހުންނަ ގޮތަށް ކަމަށެވެ. ހަމައެކަނި ނުހުންނާނީ ފިކުރުތައް އެކަންޏޭ އަހަންނަށް ހީވިއެވެ. އަހަންނަށް ހީވީ ނުބައިކޮށެވެ.

އެއީ އަހަރެން ވެސް ޗުއްޓީ ނަގައިގެން ހުރި ދުވަސްކޮޅެއް ކަމަށްވުމުން، އަހަންނާއި އަހަރެންގެ އެ ރައްޓެހި މީހާއާއި އަދި އޭނާގެ އެހެން ތިން ރައްޓެއްސެއް ދިޔައީ ފަސް ދުވަސް ވަންދެން ޗުއްޓީ ހޭދަ ކޮށްލަން ރަށަކަށެވެ. އެ ރޭ އެ ރަށުގެ މީހުން މަދު ހިސާބަކަށް ގޮސް، ފުރަތަމަ އެމީހުންގެ ފޯނުތަކުން އިންޑިއާ މީހުން ފައްޅިއަށް ގޮސް ކިޔާ ކަހަލަ އަންބާތަކެއް ޖެހިއެވެ. އެއީ ކީއްވެ ކުރި ކަމެއްތޯ އަހަރެން ސުވާލު ކުރުމުން އެމީހުން ބުނީ އެއީ 'އެލްއެސްޑީގެ ކިކު އަރުވަން' ކުރި ކަމެއް ކަމަށާއި 'އީމާންތެރިކަން ކުޑަ ކުރަން' ކުރި ކަމެއް ކަމަށެވެ.

ކޮންމެއަކަސް އެ ވަގުތު އަހަރެން ބޭނުންވީ އެ ފިކުރުތަކުން މިންޖުވާށެވެ. އެހެންކަމުން އަހަރެން އެމީހުންނާ އެކު އެކަމުގައި ބައިވެރިވީމެވެ. އަދި އެ ބޭނުން ކުރަން ފެށީމެވެ.

އެރޭ މެންދަމު ވާން އުޅެނިކޮށް އޭގެ އަސަރު ކުރަން ފެށިއެވެ. މުޅި ދުނިޔެ ބަދަލުވާން ފެށިއެވެ. ކުރިން ފެނުން ގަސްތައް އިސާހިތަކު މާގިނަވެ ބިޔަބޯ ޖަންގައްޔަކަށް ބަދަލުވިއެވެ. އެކިއެކި ފާޑު ފާޑުގެ އަލިތައް ވެސް އެޅެން ފެށިއެވެ. އަހަރެން ކޮންމެވެސް ވަރަކަށް ހިތް ބިރު ގަންނަން ފެށިއެވެ.

ދެން ފެންނަން ފެށީ، ބިރުވެރި ސިފަސިފައިގައި ހުރި އެއްޗެހިތަކެކެވެ. ޖަންގަލި ތެރޭގައި އެ އެއްޗެހިތައް އުޅުނެވެ. އޭގެ ސިފަ ބައެއް ފަހަރު ޖަނަވާރެއްގެ ސިފައާ ވެސް ވައްތަރެވެ. އަނެއް ބައި ފަހަރު ވައްތަރީ ފިލްމުތަކުން ފެންނަ ފަދަ ބިރުވެރި ސިފައެއްގައި ހުންނަ އެއްޗަކާއެވެ. ވަރަށް ގިނަ އެއްޗެހި ފެނި، އެ އެއްޗެހި އަހަންނާއި ދިމާލަށް ބަލާތީ އަހަރެން ބިރުގަތެވެ. އަދި އެތަނުން ދާން އެދުނީމެވެ.

އަހަރެން ހުރި ގޭގެ ކޮޓަރިތެރެ ވެސް އެ ރޭ ފެންނަން ފެށީ މުޅިން ތަފާތުކޮށެވެ. ހީވަނީ ފާރުތަކުގައި ކުލަ ނުލައި، ހަމައެކަނި ހުސް ސިމެންތި ޖަހައިފައި ހުރިހެންނެވެ. ދިއްލައިފައި ހުރި ބޮކީގެ ކުލަ ވެސް އާދަޔާ ހިލާފަށް ފަނޑެވެ. އަދި އިރުއިރުކޮޅުން ނިވޭހެން ވެސް ހީވިއެވެ.

އެނދުގައި އޮށޯތުމުން ކައިރީގައި ހުރި ގޮނޑި އަމިއްލައަށް އެނބުރޭތަން ފެނުނެވެ. އަދި ބޯމަތިން ކޮޓަރީގެ އެއްކޮޅުން އަނެއް ކޮޅަށް އެކި އެއްޗެހި އުދުހެމުން ދާތަން ފެނުނެވެ. ގިނައިން ފެނުނީ ވާލެވެ. އޭގެން އެކަތި އަހަރެންގެ ބޮލާ ދިމާލުން ވެސް އެކޮޅުކޮޅުން އެލިގެން އޮތްހެން އަހަންނަށް ހީވާން ފެށިއެވެ.

އެރޭ އަހަންނަކަށް ނުނިދުނެވެ. އެ ފަދަ ގިނަ އެއްޗެހިތައް އަހަންނަށް ފެންނަން ފެށުމުން ބިރުންނެވެ. ނުވެސް ކެވުނެވެ.

މުޅި އެރެއާއި އޭގެ އަނެއް ދުވަހު ވެސް އަހަރެން އުޅުނީ އެ ފަދަ ބިރުވެރި ކަމެއްގެ ތެރޭގައެވެ. ދާކޮންމެ ތަނަކުން ވެސް ފެންނަނީ އެކިއެކި ބިރުވެރި ކަންތަކެވެ. އަދި ބިރުވެރި އެއްޗެއްސެވެ. އަހަރެންގެ ލޮލުގެ ކަޅި ވެސް ހުރީ ބަދަލުވެފައެވެ. އެއިރު ކަޅިއަށް އައި ބަދަލުގެ ފޮޓޯ އެއްވެސް އަހަރެން ނެގީމެވެ.

އަހަރެން ބޭނުންވީ ވީއެންމެ އަވަހަކަށް އޭގެ އަސަރު ކެނޑޭށެވެ. އެ ބިރުވެރިކަމުން ސަލާމަތް ވާށެވެ. އަހަންނަށް ހީވީ، އަމިއްލަ ސިކުނޑީގައި އަހަރެން ހައްޔަރުވެފައި އިންހެނެވެ.

އޭގެ ފަހުން ދުވަހަކު ވެސް، ކޮންމެ ކަމެއް ކުރި ކަމުގައި ވިޔަސް އަހަރެން އެ ފަދަ މަގަކުން ނުދަމެވެ. އަދި އިރާދަކުރެއްވިއްޔާ ދެން ދުވަހަކު ވެސް އެފަދަ މަގަކުން ނުދާނަމެވެ. ޤަވާއިދުން ނަމާދުކޮށް، ޤުރްއާން ކިޔަވައި، ދުޢާ ކުރަން ފެށުމުން، ދިރިއުޅުމުގައި ކޮންމެ ކަމެއް ދިމާވިކަމުގައި ވިޔަސް މާ ބޮޑަށް މާޔޫސް ނުވެ ދިރިއުޅެން ވަރަށް ފަސޭހަވިއެވެ."

Ads by Ooredoo
  1. ނުރަބޯ

    އަލްޙަމްދު ލިﷲ. ކޮންމެ ކަމެއްގެ ވެސް ޙައްލު އޮތީ އިސްލާމް ދީނުގެ ގިޔުގަނޑުގެ ތެރޭގައެވެ.

  2. ޢަވާމެނދުރު

    ތިބާޔަށް ހެޔޮވިސްނުންދެންވާ ހެޔޮގޮތް މިންވަރުކުރެއްވި الله އަށް حمد ކުރަން