ޚަބަރު ސިޔާސީ

ފޯނަށް އެންމެ އަވަހަށް ޖަވާބު ދޭ މިނިސްޓަރަކީ ފައްޔާޒް: ސަނީފް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ތިނަދޫ ދެކުނު ދާއިރާގެ މެމްްބަރު އަބްދުﷲ ސަނީފް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

ރައްޔިތުން އެދޭ ކަންތައްތަކުގެ ވާހަކަ ދައްކަން ގުޅުއްވުމުން ފޯނަށް އެންމެ އަވަހަށް ޖަވާބު ދެއްވާ މި ސަރުކާރުގެ ވަޒީރަކީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްކަމަށް ތިނަދޫ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

Ads by STELCO

ސަނީފް މިހެން ވިދާޅުވެފައި ވަނީ، އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ކުރިމަތިލައްވައިފައިވާ ފައްޔާޒްގެ ކެންޕެއިން ރަސްމީކޮށް ފެށުމަށް ރޭ ނ. ނިލަންދޫގައި ކުރިޔަށް ދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ސަނީފް ވަނީ ޗެއަރޕާސަންކަމަށް ފައްޔާޒް ހޮވަން ޖެހޭ ސަބަބުތައް ވިދާޅުވެދެއްވައިފައެވެ. މިގޮތުން ވިދާޅުވީ، ފައްޔާޒަކީ ރައްޔިތުން އެދޭ ކަންތައް ކޮށްދިނުމުގައި އަބަދު ވެސް އަވަސް ބޭފުޅެއް ކަމަށެވެ. އަދި އެ މަނިކުފާނަކީ މި ސަރުކާރުގެ އެންމެ އަވަހަށް ފޯނު ނަންގަވާ ބޭފުޅާ ކަމަށް ވިދާޅުވިއެވެ.

"ފައްޔާޒް އިސްމާއީލަށް އަޅުގަނޑު ތާއީދު ކުރަން ޖެހުނު ސަބަބަކީ މި ސަރުކާރުގެ ތެރެއިން ކޮންމެ ވަގުތެއްގައި ވެސް އަޅުގަނޑުމެން ފޯނު ކުރީމާ، އެ ފޯނަށް ޖަވާބު ދޭނޭ އެންމެ އަވަސް މިނިސްޓަރަކީ ފައްޔާޒް އިސްމާއީލް ކަމަށްވުން" ސަނީފް ވިދާޅުވީ، ކަންކަމުގައި މިއަދު ވެސް ޕާޓީގެ ލީޑަރުޝިޕްގައި ދެންނެވޭ ކަމަށާއި ނަމަވެސް އެދޭ ކަންތައް ވާތަން ނުފެންނަ ކަމަށެވެ.

ޕާޓީގެ ރައްޔިތުން އެދޭ އެދުންތައް މިހާރު ވެސް ޕާޓީގެ ލީޑަރޝިޕްގެ ކައިރީގައި ދަންނަވަން ވަރަށް ފަސޭހަ. އެއީ މަޖިލީހުގައި އެ ބޭފުޅުން އަޅުގަނޑުމެންގެ ކައިރީގައި ތިބޭތީ. އެހެން ނަމަވެސް އެ ބޭފުޅުންނަކަށް ދާއިރާތަކުގައި އެހެރަ މައްސަލަތައް ހައްލު ކުރުމަށް ޓަކައި އެ ބޭފުޅުންނަކަށް އަޅުގަނޑުމެންނާ އެކުގައި މަސައްކަތް ނުކުރެވޭ. ފައްޔާޒް އިސްމާއީލަކީ ގިނަ ރައްޔިތުން އެދޭ އެދުމަށް އިޖާބަދޭ ބޭފުޅަކަށް ވީމާ، ޕާޓީގެ އެވަރުގެ ބާރެއް ލިބިއްޖިއްޔާ އަޅުގަނޑުމެން މި ޕާޓީ ބަދަލުކޮށްލުމުގައި ފަސޭހަ ވެގެންދާނެ

ސަނީފް އިތުރަށް ވިދާޅުވީ، މާނަ އޮޅޭހެން ވާހަކަފުޅު ދައްކަވަން ބޭނުންފުޅު ނޫން ކަމަށާއި މިއަދު އެމްޑީޕީގައި މައްސަލަ ޖެހިފައިވާ ކަމަށެވެ. އަދި އެމްޑީޕީއަށް ޖެހިފައިވާ މައްސަލަތައް ހައްލުކޮށްދެވޭނީ ފައްޔާޒަށް ކަމަށް ވެސް ސަނީފް ވިދާޅުވިއެވެ.

"ޙަޤީޤަތުގައި މި އޮނޑީގައި މައްސަލަތަކެއް އެބައުޅޭ ޖެހިގެން. މިއީ ވަރަށް ބާރަށް ދުއްވި އޮޑިއެއް. އެހެން ނަމަވެސް ހިންމިތަކުން ފެން ވަންނަން ފަށައިފި. މިއޮނޑި ފައިބަރު ކުރަން އެބަޖެހޭ. ފައިބަރު ޖެހީމަ ނޫނީ، ހިންމިތައް މައިތިރިއެއް ނުވާނެ" ސަނީފް ވިދާޅުވިއެވެ.

ސަނީފް ވިދާޅުވީ، މިއަދު ރައްޔިތުން ބަދަލަކަށް އެދެމުންދާ ކަމަށާއި އެމްޑީޕީގެ އާއްމު މެންބަރުންގެ އެދުމަކީ އެއީ ކަމަށެވެ.

"ބަދަލަކަށް އެދެނީ، ރަށުގައި ހުންނަ ރައްޔިތު މީހާ، އެމްޑީޕީއަށް މަސައްކަތްކޮށްދީ ޤުރުބާންވި މީހާ ބުނަނީ އެމްޑީޕީން އަޅައެއް ނުލައޭ. ތެދެއްމެ، އަޅާ ނުލާ" ސަނީފް ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!