ބޮލީވުޑް މުނިފޫހިފިލުވުން

ޑިޝާއާ އެކު ސްޓޭޖުން ފެނުމުން ސަލްމާނަށް މަލާމާތް ރައްދުވަނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ސަލްމާން ހާންއާއި ޑިޝާ ޕާޓާނީ

ދާދިފަހުން ދުބާއީގައި ބޭއްވި "ދަބަންގް ދަ ރީލޯޑެޑް ޝޯ"ގައި ބަތަލާ ޑިޝާ ޕަޓާނީއާ އެކު ސްޓޭޖް ޕާފޯމެންސްތަކުން ފެނުމާ އެކު އެކްޓަރު ސަލްމާން ހާންއަށް މަލާމާތް ރައްދުވާން ފަށައިފިއެވެ.

Ads by MWSC

ޑިޝާއާއި ސަލްމާންގެ ޖޯޑު މީގެ ކުރިން ސްކްރީނުން ފެނުނެވެ. އެ ގޮތުން "ބާރަތު" ފިލްމުގައި ޑިޝާގެ ކުޑަ ރޯލެއް ފެނުނު ނަމަވެސް ލޯބީގެ މާ ގިނަ ކަންކަމެއް އެފިލްމުގައި ސަލްމާންއާ އެކު ހިމަނައިފައެއް ނުވެއެވެ.

އޭގެ ފަހުން "ރާދޭ: ޔުއާ މޮސްޓް ވޯންޓެޑް ބާއީ"ގައި މިދެތަރިން ލޯބީގެ ރޯލުން ފެނިގެން ދިޔައެވެ. މިފިލްމުގައި ދެތަރިންގެ ގުޅުމަށް ބެލުންތެރިން ފާޑުކިޔެވެ. ޑިޝާ ފަދަ އުމުރުން ހަގު ކުއްޖަކާ އެކު އެފަދަ ފިލްމަކުން ފެނިގެން ދިޔުން ބެލުންތެރިންނަށް ކަމަކު ނުދިޔައެވެ.

ދަބަންގް ޝޯގައި ވެސް ބައެއް ޕާފޯމެންސްތަކުން ޑިޝާއާއި ސަލްމާން އެއްކޮށް ފެނިގެން ދިޔައެވެ. ސޯޝަލް މީޑިއާގައި މި ވީޑިއޯތައް އާންމުވުމާ އެކު ސަލްމާން ހީވަނީ ޑިޝާގެ ބައްޕަކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.

ބޮލީވުޑްގައި ބައެއް އެކްޓަރުން އުމުރުން މާ ހަގު ބަތަލާއިންނާ އެކު ފިލްމުތަކުން ފެންނާތީ ފާޑުކިޔުން އަމާޒުވާތާ ދުވަސްތަކެއް ވެއްޖެއެވެ. އެކްޓަރުންގެ އުމުރުން 50 އަހަރުން މައްޗަށް ދާއިރު ވެސް އެ ތަރިންނާއެކު ބަތަލާއިންގެ ރޯލުން ފެންނަނީ އުމުރުން 20 އަހަރުގެ ކުދިންނެވެ. އަނެއްކޮޅުން 50 އަހަރުގެ ބަތަލާއިންނަށް ދެނީ މަންމަ ނުވަތަ ދައްތަ ފަދަ ސަޕޯޓިންގ ރޯލެކެވެ.

ޑިޝާގެ އުމުރަކީ 29 އަހަރެވެ. އަނެއްކޮޅުން ސަލްމާންގެ އުމުރަކީ 56 އަހަރެވެ. ޑިޝާގެ އިތުރުން ވެސް އުމުރުން ހަގު ބަތަލާއިންނާ އެކު ސަލްމާން ފިލްމުތަކުން ފެނެއެވެ. އެގޮތުން "ދަބަންގް 3"ގައި ސަލްމާންއާ އެކު ލޯބީގެ ރޯލަކުން ފެނުނު ބަތަލާ ސާއީގެ އުމުރަކީ ވެސް 23 އަހަރެވެ.

ދަބަންގް ޝޯގައި މިއަހަރު ޕާފޯމްކޮށްފައި ވަނީ ސަލްމާންއާ ޑިޝާގެ އިތުރުން ސޮނާކްޝީ ސިންހަ، ޕޫޖާ ހޭގްޑޭ، ސާއީ މަންޖްރޭކަރް އަދި ސަލްމާންގެ ޅިޔަނު އާޔޫޝް ޝަރުމާއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!