ލައިފްސްޓައިލް ލުއި ޚަބަރު

މަދުން ނޫނީ ނުފެންނަ ގޯސްޓް ޝާކެއް ނިއުޒިލޭންޑުން ފެނިއްޖެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ގޯސްޓް ޝާކް ނުވަތަ އޮސްޓްރޭލިއަން ގޯސްޓް ޝާކް

ދުނިޔޭގެ ކަނޑުތަކުން މަދުން ނޫނީ ނުފެންނަ މިޔަރުގެ ބާވަތެއްކަމަށްވާ "ގޯސްޓް ޝާކް"އެއް ނިއުޒިލޭންޑުގެ ދެކުނުގެ ރަށަކުން ފެނިއްޖެއެވެ.

Ads by MWSC

ސައިންސްވެރިންނަށް މި ގޯސްޓް ޝާކް ފެނުނު އިރު އޭގެ އުމުރުން މަހެއް ވެސް ނުވާނެކަމަށް އެ ސައިންސްވެރިން ވިދާޅުވެއެވެ.

މި ބާވަތުގެ މިޔަރަށް "ޗިމައެރާ"ވެސް ކިޔާ އުޅެއެވެ. މިއީ އާންމުކޮށް ކަނޑުގެ ވަރަށް އަޑީގައި އުޅޭ މަހެކެވެ. ބެލެވޭ ގޮތުގައި މިމަސް ފެނިފައި މިވަނީ މޫދު އަޑިއަށް ދިޔަ ސަބްމެރީނެއް މައްޗަށް އެރި ވަގުތެވެ.

ނެޝަނަލް އިންސްޓިޓިއުޓް އޮފް ވޯޓާ އެޓްމޮސްފިއަރިކް ރިސާޗްގައި މަސައްކަތް ކުރައްވާ ސައިންސްވެރިން ވިދާޅުވާ ގޮތުގައި މިމަސް ފެނުނު އިރު އޭގެ ބަނޑުގައި ގިނަ ބިސްތަކެއް ހުއްޓެވެ. ގޯސްޓް ޝާކު ވިހާ އިރު އޭގެ ބަނޑުގައި ގިނަ އަދަދަކަށް ބިސް އުފެދިފައި ހުރެއެވެ.

ކަނޑުގެ އަޑީގައި ދިރިއުޅޭ މަހާއި އެހެނިހެން ދިރުންތަކަކީ ހޯދަން އުނދަގޫ އެއްޗެއްސެވެ. ހާއްސަކޮށް ގޯސްޓް ޝާކަކީ ހޯދަން ވަރަށް އުނދަގޫ ބާވަތެއްކަމަށް ސައިންސްވެރިން ބުނެއެވެ.

ސައިންސްވެރިން ވިދާޅުވީ ނިއުޒިލޭންޑުން މިފެނުނު ގޯސްޓް ޝާކް ބޭނުންކޮށްގެން ގިނަ ރިސާޗްތަކެއް ހެދޭނެ ކަމަށެވެ. އެގޮތުން ޖުވެނައިލްސްގެ އާދަތައް ހުންނަ ގޮތާއި މާހައުލަށް ހޭނޭ ގޮތާއި ކައި އުޅޭ ބާވަތްތަކާ ގުޅޭ ދިރާސާތައް ހެދޭނެކަމަށް ސައިންސްވެރިން ވިދާޅުވެއެވެ.

މީގެ އިތުރުން ވެސް މިފަދަ މަސް ބޮޑުވަމުން އަންނަ ގޮތާއި އެންމެ ބޮޑުވާ މިންވަރާއި ބޮޑުވާ އިރު އަންނަ ބަދަލުތައް ވެސް މި ދިރާސާތަކުގައި ދެނެގަނެވޭނެއެވެ.

ގޯސްޓް ޝާކް އާންމުކޮށް ދިރި ހުންނަނީ އެންމެ ދިގުވެގެން 15 އަހަރެވެ. އެންމެ ބޮޑުވާއިރު ބަރުމިނުގައި ހުންނަކަމަށް ރެކޯޑު ކުރެވިފައި ވަނީ 4 ކިލޯގްރާމެވެ. އަދި ދިގުމިނުގައި އެންމެ ދިގުވެގެން 125 ސެންޓި މީޓަރެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!