ބޮލީވުޑް މުނިފޫހިފިލުވުން

ހަތަރު އަހަރުވަންދެން އެކުގައި އުޅުނު ލޯބިވެރިޔާ ވަކިވުމުން، ސިދާންތަށް ކުރި އަސަރު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
އެކްޓަރު ސިދާންތު ޗަތުރުވޭދީ

"ގެހެރިޔާން"ގެ އެކްޓަރު ސިދާންތު ޗަތުރުވޭދީ މިވަނީ އޭނާ ހަތަރު އަހަރުވަންދެން، ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން ކުއްޖާ ވަކި ވުމުން، ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް ހޭދަ ކުރިކަން ހާމަކޮށްފައެވެ.

Ads by STELCO

ސިދާންތު ދާދި ފަހުން "ފިލްމުފެއަރ"އަށް ދިން އިންޓަރވިޔުއެއްގައި ބުނިގޮތުގައިި، އެ އަންހެން ކުއްޖާއާ، އޭނާ ރައްޓެހިވެގެން އުޅުނީ ފިލްމު އިންޑަސްޓްރީއަށް ވަނުމުގެ ކުރީންނެވެ. އަދި އެއީ ވަރަށް ސީރިއަސް ގުޅުމެއް ކަމަށް ވެސް އޭނާ ކިޔައިދިނެވެ.

"އެއީ އަހަރެންގެ އުމުރުން 20 އަހަރުގައި. ބޭނުންވީ އެ އަންހެން ކުއްޖާއާ އެއްކޮށް އުމުރު ދުވަހު ވެސް އުޅެން. ބްރޭކްއަޕް ވުމުން ވަރަށް ދެރަވި." ސިދާންތު ބުންޏެވެ.

ދެމީހުންގެ ގުޅުން ނިމުމަކަށް އައި ސަބަބެއް ކަމަށް ސިދާންތު ބުނީ، އެ އަންހެން ކުއްޖާ އާދައިގެ ދިރިއުޅުމެއް އުޅެން ބޭނުންވިއިރު، ސިދާންތު ފިލްމީ ދާއިރާއިން ކުރިއަށްދާން ބޭނުންވުމެވެ.

"އަހަންނަށް ޖެހުނީ ލޯތްބާއި، އަހަރެން ދިރިއުޅުމަށް ކުރާ އުއްމީދުގެ ތެރެއިން ކޮންމެވެސް އެއް ކަމެއް އިހްތިޔާރު ކުރަން. އަހަރެން އިހްތިޔާރު މިކުރީ، އަހަރެން ހާސިލު ކުރަން ބޭނުންވާ އުއްމީދު. އުއްމީދަކީ މި ދާއިރާއިން ކުރިއަށް ދިޔުން." އޭނާ ބުންޏެވެ.

ފިލްމު "ގެހެރިޔާން"އަކީ ސިދާންތުގެ ތިން ވަނަ ފިލްމެވެ. އޭނާ މީގެ ކުރިން ފެނިގެން ދިޔައީ "ގައްލީ ބޯއި" އަދި "ބަންޓީ އޯރް ބަބްލީ2" އިންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!