ޚަބަރު

ޕެސްޓު ދޫކޮށްލި މައްސަލަ އިސްތިއުނާފަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އިފްހާމް މުޙައްމަދު (ޕެސްޓު)، ފޮޓޯ: މީސް މީޑިއާ

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފައި ހުއްޓައި، ބޭސްފަރުވާއަށް ގޭބަންދަށް ބަދަލު ކުރި މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ދޫކޮށްލި މައްސަލަ އިސްތިއުނާފު ކޮށްފިއެވެ.

Ads by MWSC

މަސްތުވާތަކެތީގެ މައްސަލައެއްގައި ޕެސްޓު ހައްޔަރު ކުރީ މިދިޔަ އަހަރުގައެވެ. ދައުލަތުން ޕެސްޓުގެ މައްޗަށް އުފުލައިފައި ވަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާއާއި، ކެނަބިސް ޓްރެފިކްކުރުމުގެ ދައުވާއާއި، ކެނަބިސް ބޭނުން ކުރުމުގެ ދައުވާއާއި، މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުން ކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރު ކުރުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން މީގެ ކުރިން ވަނީ ޝަރީއަތް ނިމެންދެން ޕެސްޓު ބަންދު ކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. އަދި ދަށު ކޯޓުގެ އެ އަމުރަށް ހައިކޯޓުން އެއިރު ވަނީ ތާއީދު ވެސް ކޮށްފައެވެ.

ނަމަވެސް ކްރިމިނަލް ކޯޓުގައި މިމަހުގެ 23ވަނަ ދުވަހު ބޭއްވި އަޑުއެހުމެއްގައި ބައެއް ކަންކަން މުރާޖައާކުރުމަށް ފަހު ޕެސްޓަށް ބޭނުންވާ ސިއްހީ ފަރުވާ ދިނުމަށް ޓަކައި ދެ މަސް ދުވަހަށް އޭނާ ވަނީ ޝަރުތުތަކަކާ އެކު ބަންދުން ދޫކޮށްލައިފައެވެ. އޭނާ ދޫކޮށްލީ، ދައުލަތުން އެކަމަށް ދެކޮޅު ހަދަމުން ދަނިކޮށެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު "ދެން"އަށް ވިދާޅުވީ، ޕެސްޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމަށް މިދިޔަ ހޯމަ ދުވަހު ހުށަހަޅައިފައިވާނެ ކަމަށެވެ. ނަމަވެސް އެ މައްސަލަ އިސްތިއުނާފަށް ބަލައިގަތް ކަމަށް ހައިކޯޓުން އަދި އަންގައިފައި ނުވާ ކަމަށް ވެސް ޝަފީއު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!