ޚަބަރު

ހުޅުމާލޭގައި ޕާކްކުރާނެ އިމާރާތެއް އަޅަން ބަޔަކާ ހަވާލުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހުޅުމާލޭގައި ޕާކްކުރާނެ އިމާރާތެއް އަޅަން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ދަމާސް ކުންފުންޏާ ހަވާލު ކޮށްފިއެވެ.

Ads by MWSC

މި ކަމާ ގުޅޭ ގޮތުން ދަމާސް ކުންފުންޏާއި އެޗްޑީސީއާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެޗްޑީސީގައި ބޭއްވި އެ ރަސްމިއްޔާތުުގައި، ދަމާސްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސޯލިހެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.

އެޗްޑީސީން މައުލޫމާތު ދިން ގޮތުގައި މިއީ ހުޅުމާލޭގައި ދިރިއުޅޭ މީހުންނާއި ހުޅުމާލޭގައި އެކި ބޭނުންތަކަށް ޒިޔާރަތްކުރާ މީހުންގެ އުޅަނދުތައް ޕާކްކުރުމުގައި މިހާރު ދިމާވަމުންދާ ދަތިތަކާއި މަގުތަކުގެ މަތީގައި ޕާކުކޮށްފައި ހުންނަ އުޅަނދުތައް މަދުކުރުމަށް އަޅާ އިމާރާތެކެވެ.

މި އިމާރާތް އެޅުމަށް ނިންމައިފައި ވަނީ ހުޅުމާލެ ފެރީ ޓާމިނަލްއާ ދިމާލުން ހުންނަ އޯޝަން ފްރޮންޓްގެ ފަހަތުގައެވެ. އެތަނުގައި ސައިކަލާއި ކާރު ވެސް ޕާކް ކުރެވޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

މި އިމާރާތުގެ ބޮޑުމިނަކީ 36،155.97 އަކަފޫޓެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!